އއ. ތޮއްޑޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި މިއަދު ލޯންޗަކުން ޖެހި، އޭނާއަށް އަނިޔާވެއްޖެއެވެ.

ތޮއްޑޫ ކައުންސިލް މެންބަރު އައިމިނަތު ފަޒްލާ "ސަން"އަށް ވިދާޅުވީ އެ ރަށު ގެސްޓް ބީޗު ސަރަހައްދުގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި، އޭނާއަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފަޔަށާއި ބުރަކައްޓަށާއި އަތަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ފައިގެ ކަށިގަނޑު ވެސް އޮތީ ފެންނަން،" އޭނާ ވިދާޅުވިއެވެ.

ފަޒްލާ ވިދާޅުވީ އިތުރު ފަރުވާއަށް ފަތުރުވެރިޔާ ވަގުތުން މާލެ ފޮނުވާލާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 6:30ގަ މާލެ ފުރުވާލައިފި،" އޭނާ ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފަތުރުވެރިޔާގެ ގައިގައި ޖެހުނީ 28 މީހުންގެ ޖާގައިގެ ބޮޑު ލޯންޗެކެވެ. އެ ވަގުތު ލޯންޗު ރަށުގެ ފަޅުތެރެއަށް ވަދެގެން ދިޔައީ ފެހިކަހަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ ތޮއްޑޫ ކައިރިން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހުނު ކަމުގެ ރިޕޯޓު މިއަދު 17:15ހާ އިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވީ ރަޝިއާގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.