އއ. މާޅޮހުގެ ދެކުނަށް ބަނޑުން ޖަހާލި ލޯންޗަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ލޯންޗުން ދަތުރު ކުރީ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު އއ. ފެރިދޫ ފުއްޓަރާ ދިމާއިންވަނީ ފެނިފައި ކަމަށާއި އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އަދި ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

އެ ލޯންޗް ކަނޑުމަތިން ފެނުނުއިރު ބަންޑުން ޖަހާލާފައިވުމުގެ އިތުރުން މީހަކު ނެތުމުން ސިފައިން ވެސް އޭގެ ވެރިފަރާތެއް އެނގޭތޯ ބެލުމަށް މިއަދު އިއުލާން ކުރިއެވެ.