07 Oct 2022, 14:51
މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ހިނިތުންވުމުގެ ދުވަހެވެ.
ކޮންމެ އޮކްޓޯބަރު މަހެއްގެ ފުރަތަމަ ހުކުރު ދުވަސް ދުނިޔޭގައި ފާހަގަކުރަނީ ހިނިތުންވުމުގެ ދުވަހުގެ ގޮތުގައެވެ.
އެމެރިކާގެ ކުރެހުންތެރިޔާ ހާވީ ބޯލް، 1963 ގައި އުފަންކުރި ސްމައިލީ ފޭސް ނުވަތަ ހިނިތުންވުމުގެ ނިޝާނަކީ ހިނިތުންވުން ރަމްޒުކޮށްދިނުމަށް މިހާރު އެންމެން ވެސް ބޭނުންކުރާ ނިޝާނެވެ.
ހިނިތުންވުމުގެ ދުވަސް، 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ހިނިތުންވުމުގެ ނިޝާން ފެންނަ ފޮޓޯއެއް؛ މިއަދަކީ ހިނިތުންވުމުގެ ދުވަސް--
އަދި ކުރެހުންތެރިޔާ ހާވީ، 2001 ވަނަ އަހަރު މަރުވުމަށްފަހު އޭނާގެ ނަމުގައި "ހާވީ ބޯލް ސްމައިލް ފައުންޑޭޝަން"ގެ ނަމުގައި ފައުންޑޭޝަނެއް ހަދައި، މި ދުވަސް މުޅި ދުނިޔޭގައި އަންނަނީ ފާހަގަކުރަމުންވެ.
މިއަދު މުޅި ދުނިޔޭގައި މި ދުވަސް ފާހަގަ ކުރަނީ "ހިތްހެޔޮވުމުގެ ޢަމަލަކުން އެންމެ މީހަކަށް ނަމަވެސް ހިނިތުންވުން ގެނެސްދޭށެވެ" މި ޝިއާރު ބޭނުން ކޮށްގެންނެވެ.
ހިނިތުންވެލުމަކީ ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ރަމްޒެކެވެ. އެކަކު އަނެކަކަށް ހިނިތުންވެލައިފިނަމަ ހިތްހަމަ ޖެހުން ލިބިދެއެވެ. ހިނިތުންވުމުން ލިބިދޭ ފައިދާތައް ވެސް މަދެއް ނޫނެވެ. މީހާގެ މޫޑު ރަނގަޅުކޮށްދެއެވެ. ހިތްހަމަޖެހުމާއި ހިތުގެ ތަނަވަސްކަން ހާމަކޮށްދެވެއެވެ. ގުޅުންތައް ބަދަހިވެގެންދެއެވެ.
ވީމާ، އޭގެ ފުރިހަމަ މާނައިގައި މި ދުވަހުގެ ފައިދާ ލިބިގަތުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދެވެ. ހިނިތުން ވެލާށެވެ. އެއީ ގެއްލިދާނެ އެއްޗެއް ނޫނެވެ. އަބަދުމެ ހިނިތުންވުމުގައި ދެމިހުރެވޭތޯ ބަލާށެވެ.