ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ." އަޅާ އޭނަގެ ރައްބާއި އެންމެ ކުއްތަންވާ ވަގުތަކީ ސަޖިދައިގާ އޮންނަ ވަގުތެވެ."

***

"މަންމާ އަހަރެން ސުވާލެއްކުރަން ބޭނުން..ފަސޭހަކަމެއްނޫން. އެކަމަކު ކަމެއް އޮޅުން ފިލުވަން ބޭނުން. އަހަރެމެން ފަޅުރަށަކަށް އެއްލައިލަން ޖެހުނު ސަބަބަކީ ކޮބާ؟ " ކައިދަން ސީދާ މައުޟޫއަށް ދިޔައެވެ.

ހިލްމާ ފިނިވެފައިވާ ދެއަތް މޮޑެލަމުން އިސްޖެހީ ކުށްވެރިއެއްފަދައިންނެވެ.

"ދަރިފުޅަށް ސީދާ ސަބަބު ކިޔާދޭކަށް މަންމައަށް ފަސޭހައެއްނޫން. އެކަމަކު ތިއީ ހަމަތެދެއް. މަންމައަށް ލިބުނީ އެއްމާބަނޑު ދެބެން........"ހިލްމާ ފުން ނޭވާއެއް ދޫކޮށްފައި މާޒީގެ އަނދިރިކަމުގެ ތެރެއަށް ފީނައިގަތެވެ.

***

ހިލްމާ އާއި ރޯޒަލީ އެކުވެރިންތަކާއެކު ފަޅުރަށަކަށް ދަތުރު ދިޔައީ ވިއްސާރަ ދުވަހެއްގައެވެ. ހަވީރު އަނބުރާ އަންނާންވީއިރު ވައިބާރުކަމުން ކަނޑަށް ނިކުންނާކަށް ނުކެރި އެރަށުގައި މަޑުކޮށްލަން މަޖުބޫރުވިއެވެ. ހިލްމާ ނިދީގައި ހުރެ ހިނގަމުންގޮސް ހޭއެރިއިރު ހުރެވުނީ ގޮނޑުދޮށުގައެވެ. ޝަހުމީރު ކިޔާ ޒުވާނަކު ޑިންގީއެއްގައި ބެހިގެން އައިސް އެތަނުގައި އޮށޯވެލައިގެން އޮތްއިރު ވަރުބަލިކަމާއެކު ތެދުވާނެ ވަރެއްވެސް ހަށިގަނޑަކު ނެތެވެ. ހިލްމާ އެ ޒުވާނާގެ ވާހަކަތަކަށް ހެއްލުނެވެ. ދެމީހުން އިރުއަރަންދެން އެތަނުގައި ތިބިއިރު އެތައް ޒަމާނުއްސުރެ ދަންނަ ލޯބިވެރިންނެކޭ ތަފާތެއްނެތެވެ. ހިލްމާވެސް އޭނައަކީ މީހެއްގެ އަންބެއްކަން ހަނދާނެއްނެތެވެ. ޝަހުމީރުގެ ރީތިކަމުގެ އޮއިވަރުގައި ޖެހިގެން ހިލްމާ މަގު އޮޅުވާލިއެވެ.

އެރެއަށްފަހު ހިލްމާގެ ހަޔާތުން ޝަހުމީރު ގެއްލުނެވެ.

ހިލްމާ ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން ޝައްކުގެ ތީރުތައް ހިތަށް ހެރި ރޯޒަލީއާއި އެވާހަކަ ހިއްސާކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ހިލްމާ އޭނަގެ ފިރިމީހާއަށް ބޭވަފާތެރިިވިކަން ސިއްރުކުރަން ބޭނުންވެ ރޯޒަލީއާއި މަޝްވަރާކުރިއެވެ. ޑޮކްޓަރަށް ދެއްކުމުން ސްކޭން ހަދާފައި ބުނީ އޭނަ ބަލިވެ އިނީ އެންމެ ދަރިއަކަށް ކަމަށެވެ. އެދަރިފުޅަށް ބަލިވެއިން ދުވަސްކޮޅު އޭނަ އުފުލާން ޖެހުނު ބުރައާއި އުދަގޫތައް އަދި "ހެލުސިނޭޝަން"ތައް އަޖައިބުވާހާ ގިނައެވެ. އެހެން މައިން އުފުލާވަރުގެ ހާސް ބުރަ އޭނަ އުފުލަން ޖެހުނުފަދައެވެ. ލޯމައްޗަށް ސިފަވަނީ ތަފާތު މަންޒަރުތަކެވެ. ރޭގަނޑު ނިދިޔަ ނުދީ މީހަކު އުދަގޫކުރާހެން ހީވެއެވެ. ހަތަރުދަމު މީހަކު އޭނަގެ ގާތުގައި އުޅޭފަދަ އިހުސާސްތަކެއްކުރެއެވެ. ބައެއްފަހަރު އެކި ދިމާލުން މީހުން ފެންނަނީއެވެ. އިސްކޮޅުން ބިޔަ ދިގު މީހުންތަކެވެ. ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ އެމީހުންނެވެ.

"ރޯޒް. އަހަރެން މޮޔަވާވަރުވެއްޖެ....މި ހުރިހާ ކަމަކީވެސް މަގޭ ފާފައިގެ ސަޒާކަމަށްވާނީ........"

"އަހަރެމެންގެ ރަށަށް އަންނަންވީނު. ވިހައިގެން އެނބުރި ދާނީ..މަށަށް ހީވަނީ ޖިންނިއެއްގެ ކަންތައްވެސް ލައިގަތީހެން. އެހެންނުވާނީ. ލޯބިވެރިންނާއެކު ޖިންނި ޝައިތާނުން އުޅޭ ހިސާބުގައި ތިބީމަ އެސޮރުމެންގެ ލޮލުގައި އަޅައިގަންނާނެ...ފަންޑިތަ ހައްދަން ފެނޭ. އަހަރެންގެ ތިމާގެ މީހެއްހުރޭ. އެހާ ކުޅަދާނަ ފަންޑިތަވެރިއެއް ދެކުނުގައި ނޫޅޭނެ..................."

ހިލްމާއާއި އޭނަގެ މަންމަގެ ގުޅުން އޭރުވެސް ދުރުވެފައިވަނީ ހިލްމާގެ ސަބަބުންނެވެ. އޭނަ އެރަށުގައި ހުރިއިރުވެސް މަންމަގެ ގޭގެ ބަދަލުގައި ޚިޔާރުކުރީ ރޯޒް މެހެލްއެވެ. އޭރު ބަނޑަށް ހަތް މަހެވެ. އޭނަ ބަނޑު ބޮޑުކަން މަންމައާއި އެހެން މީހުންނަށްވެސް ސިއްރުކުރިއެވެ. ޑޮކްޓަރަށް ނުދައްކާ ފަރުވާކުޑަކޮށްލީވެސް ދިމާވެފައިާ ހާލަތަށް ބިރުންނެވެ.

"މުޅިންވެސް ހޯމޯން ޗޭންޖްތަކާއިހެދި ހެލުސިނޭޓްވެ މޫޑީ މިވަނީ....މޮޔަވެފައި މިހިރީ......ބައިޕޯލާކަން ނޭގޭ.."ހިލްމާ ރޯޒަލީ މުށިތަކުގައި ގަސް އިންދާތަން ބަލަން ހުއްޓާ ދުރުން ހިޔަންޏެއް ފެނުނެވެ."އެއޮތްދަނީނު...ބަލާލާ....ޝެޑޯއެއް......."

"މަގޭ އަތުގައި ހިފާލީ.......ނުފެނި.." ހިލްމާ އަތް ފޮޅުވައިލަން އުޅުނެވެ. އޭރު ކޮންމެވެސް ވަރަކަށް އުޑުމަތި ބަނަވެ ވާރޭތިކިތައް ޖަހަންފެށިއެވެ.

"މަށަކަށް ނުފެނޭ. ތިކަމާ އަޅާނުލާ. ދެރަގޮތެއް ދިމާނުވާނެ.މާދަން އިބްރާހިމްބެ ކައިރިއަށް ދާނަން...އޭނަ ދަނޑު ހައްދައިގެން މިތާ ކައިރި ފަޅުރަށެއްގައި ދިރިއުޅެނީ. ކުޑަ ގެ ގަނޑެއްވެސް އަޅާފައި ހުރޭ. އެހެންވީމަ އަހަރެމެން ދެމީހުން ޖެހޭނީ ބޮއްކުރާ ގަނޑެއްގައި ނަމަވެސް އެކޮޅަށް ދާން. އަހަރެން އެކަހަލަ މަސައްކަތުގައި ފިރިހެނަކަށްވުރެ ވަކި ދެރައެއްނުވާނެ..............."

ރޯޒަލީއާއި އެކު ހިލްމާ ކުރި ދަތުރުގައި ކަނޑުނުވެ ސަލާމަތުން އައްސޭރިފަށަށް ދެވުނީ ކިރިޔާއެވެ. ރާޅާއި ތަޅަމުންގޮސް ހިލްމާގެ ބަނޑުގައި ރިއްސަންފެށީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ރޯޒަލީ ހިލްމާ އަތުލަފިކޮށްގެން މަޑުމަޑުން ހިނގާލާފައިގޮސް އިބްރާހިމްބެ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް އަރާ ސަލާމްގޮވިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ދޮރުތަޅުނުލާ ހުރުމުން ފަސޭހަކަމާއެކު އެތެރެއަށް ވަދެވުނެވެ. އެންމެ މީހަކަށް ނިދައިލެވޭގޮތަށް ހަދާލާފައި ހުރި އަށިމަތީގައި ހިލްމާ ބާއްވާފައި ރޯޒަލީ އަވަސްވެގަތީ އިބްރާހިމްބެ ގެ ޚަބަރެއް ވޭތޯއެވެ. ރަށުތެރެ ހޯދާފައި އެނބުރި އައިއިރު ފެނުނު މަންޒަރުން އޭނަގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ހިލްމާގެ ގާތުގައި ދެކުދިން އޮތްއިރު އެތަނުން އެއްކުއްޖަކު އޮތީ ލޭގަނޑެއްހެންނެވެ. ހަތްމަހުގައި ވަރުގަދަ އިސްތަށިގަނޑަކާއިއެކު ދަތްތައް ފައުޅުވާން ހުރިގޮތުންނާއި ވަށައިގެން ހޯދަމުން ދިޔަގޮތުން މީހަކު ބިރުން ފިތްކަނޑައިގެންދާނެއެވެ.

"ކިހިނެއް ހަދާނީ؟ މިކުއްޖާ ޝަމްހީރުއާއި ތަފާތެއްނެތް..."ހިލްމާގެ މޫނު ދަލުން ފެންވެރިފައިވާއިރު ހުދުކަމުން ކަފަކޮޅެއްފަދައެވެ.

"ހިލްމާގެ ފިރިމީހާއަށް ނޭގި ނުހުންނާނެ..."

"އަހަރެމެން މިކުދިން އިބްރާހިމްބެއާއި ހަވާލުކޮށްފައި ދަމާ...."

"އިބްރާހިމްބެގެ އެއްވެސް ޚަބަރެއްނުވި...މަޑުކޮށްލާ. އިހަށް ހިލްމާގެ ގައިގާ ވަރުޖެހިގެންތާ ދަތުރުކުރެވޭނީ..."

ރޯޒަލީ ބަދިގެގަނޑަށް ވަންއިރު މޭވާއާއި ތަރުކާރީ އަދި ކުރުބާފަދަ އެއްޗެހި ގުދަންކޮށްފައި ހުރިތަން ފެނުނެވެ. ރޯޒަލީ ހިލްމާއަށް ކުރުބާއާއި އެއްޗެހި ދީ ހަދާފައި ބަލައިލިއިރު ޝަމްހީރާއި ވައްތަރުކަމަށް ބުނި ކުއްޖާ ތަންކޮޅެއް ބަލިހެން ހީވިއެވެ. އެކުއްޖާ ނުވެސް ރޮއެވެ. ފަހުން މުޅި ގައި އޮތީ އޮރެންޖްކުލަ އަރާފައެވެ. ލޮލުގެ ކުލަވެސް ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. ރޯޒަލީ ހުރިހާތަނެއް ސާފުކޮށް އެމީހުން އެގޭގައި އުޅުނުހެން ހީވި ކޮންމެފަދަ ހެއްކެއް ނައްތައިލިއެވެ. އެއަށްފަހު ހިލްމާއާއި ރޯޒަލީ ބޮޑުކުއްޖާ ގެންގޮސް ވަޅުގަނޑެއްގެ ތެރޭ ބާއްވާފައި މަތީގައި ގޯނިގަނޑެއް އެޅިއެވެ. އަނެއްކުއްޖާ ގެންގޮސް އަތިރިމައްޗަށް ދޫކޮށްލާފައި އެހާ ކަނޑުގަދައިރުވެސް ބެލުމެއްނެތި ބޮއްކުރާގައި ދަތުރުފެށިއެވެ. އެތައްފަހަރުު ޝަހަދާތްކިޔަން ޖެހުނެވެ. މަރުވަނީކަމުގައި ހީކުރެވުނެވެ. ދަރިންތައް އެގޮތަށް އެއްލާލާފައި ދާންޖެހުމުން ހިލްމާގެ ހިތަށް އަސަރުކޮށްގެން ރޮވުނެވެ. އަނބުރާ ދާންވެސް ބޭނުންވިއެވެ. ނަމަވެސް ޝަމްހީރުގެ ދަރިންކަން ޔަގީންވުމުން އެފަދަ ބޮޑު ބަދުނާމަކުން ސަލާމަތްވާން ދަރިން ގުރުބާންކުރަން އޭނަ ނިންމީއެވެ.

އެ ވިއްސާރަ ތޫފާނީ ރޭގައި ރަށުތެރެއަށް ބޮޑު ރާޅުވެސް އެރިއެވެ. އެހާ ވައިގަދަވެފައި ގުގުރުމާއި ވިދުމުގެ ބިރުވެރިކަމުން އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވައްދާފައިވިއެވެ. ސަލާމަތުން ގެއާއި ހަމަޔަށް ފޯރުމުންވެސް ރޯޒަލީއާއި ހިލްމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަވަށްޓެރިންގެ އެހީތެރިކަމާއި ރޯޒަލީގެ ބުރަ މަސައްކަތުން ގެއަށް ވަން ފެންގަނޑު ހިންދާ ގޭތެރެ ސާފުކޮށް ނިމުނުއިރު މެންދަމުން އަލިވެ ބޮޑުވެއްޖެއެވެ. އަވަދިނެތި އުޅެމުންވެސް ހިލްމާއާއި އަޅާލާ ކާނެ އެއްޗެހި ގެންގޮސްދީ ހެދިއެވެ.

"މަށަށް ފެންނަނީ އަނބުރާ ދާން. އަހަރެމެން ހެއްދެވި ފަރާތަށް ބިރެއްވެސް ނެތި ކުރެވުނުކަމެއް. މިއޮތް ވިއްސާރައިގާ މައުސޫމް ދެފުރާނައެއް މަރުވާން ދޫކޮށްފައި މި އާދެވުނީ. ތަންކޮޅެއް ވިއްސާރަގަނޑު މައިތިރިވެލީމަ ދާނީ..........." ރޯޒަލީ އާއި ހިލްމާ ތިބީ ގޭގެ އެތެރޭގައި ހުރި ކޮޓަރިއެއްގައެވެ. ރޯޒަލީގެ ދަރިންތައް އޭރު ތިބޯ ފުން ނިދީގައެވެ.

"އާނ....ކިހާ ދެރަ...އަހަރެމެން ކީއްވެ އެހާ ރަހުމްކުޑަވީ؟" ހިލްމާއަށް ރޮވިއްޖެއެވެ. "ހާދަ ވިއްސާރައޭ. އެކުދިން ރާޅާއި ގެންގޮސްދާނެކަން ޔަގީން."

ދެމީހުން ނުނިދިފައި އިރުއަރާންދެން ތިބިއިރު ކުރެވުނު ބޮޑު ފާފައާއިމެދު ހިތާމަކުރިއެވެ.

ހެނދުނު ރޯޒަލީއާއި އިބްރާހިމްބެ ދިމާވިއެވެ. އޭނަ ރަށަށް އައިސް އުޅެނިކޮށް ކަނޑުގަދަވެގެން މަޑުކޮށްލީ ކަމަށާއި އޭނަގެ ދަރިއަކާއި އެކުވެރިއަކު އެވަރުންވެސް އެރަށަށް މޭވާއާއި ތަރުކާރީ ބަލާ ގޮސްފައިވާކަމުގައި ބުނުމުން ހިލްމާއާއި ރޯޒަލީއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އެކުދިން ދުނިޔޭގައި ތިބިއްޔާ އެމީހުންނަށް ފެނިގެން ގެންނާނެކަމުގެ އުއްމީދު އާވިއެވެ. އިބްރާހިމްބެގެ ޖުމްލައިން އުއްމީދުގެ ހުޅުކޮޅު ހިތުގައި ރޯވިއެވެ. ރޯޒަލީ ހިލްމާއާއި ދިމާވެގެން އުޅޭ ކަންތައް ކިޔާދިނުމުން ތަވީދެއް ލިޔެދޭނެކަމުގައި ބުންޏެވެ. ޖެހިގެން އައި ދުވަހު އިބްރާހިމްބެގެ ދަރިފުޅާއި ދިމާވެގެން އެރަށުގެ ޚަބަރު އަހައިލުމުން ބުނީ ރަށުތެރެއަށް ރާޅު އަރާ ތަރުކާރީއާއި މޭވާވެސް ހަލާކުވެފައިވާ ކަމުގައެވެ. ހިލްމާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ފާފައިގެ ބިރުވެރިކަން އަންދާޒާ ކުރެވުމުން ހިލްމާގެ ހިތް ބުނެދިނީ މާޒީ އަށް ފިލަން އެހެން ތަނަކަށް ދަތުރުކުރުމަށެވެ. ފަސް އެނބުރި ނުބެލުމަށެވެ. ނަމަވެސް އަމިއްލަ ލޮލުން ދެކެ ޔަގީންކުރަންވެގެން އެފަޅު ރަށަށް ޒިޔާރަތްކުރިއެވެ. ޝަމްހީރުގެ ދަރިންގެ ހިލަމެއް ނެތްތާ އެކުދިން އެއްލި ހިސާބު އެއްކޮށް އޮތީ ގިރައިގެން ގޮސްފައެވެ.

ހިލްމާ އަމިއްލަ ރަށް ކީއްކުރަން ގައުމު ދޫކޮށް ފުރީ ރޯޒަލީ ގާތު އަންނާނެކަމުގެ ވައުދުވެފައެވެ. ޚަބަރުވާނެކަމުގެ ޔަގީންކަން ދިނެވެ. ނަމަވެސް ހިލްމާގެ މާޒީގެ ބަޔެއްކަމުގައި ރޯޒަލީވެސް ވެގެން ދިޔައީއެވެ. ކައިދަންގެ އުމުރުން ތިން އަހަރުގައި އެޑޮޕްޓްކުރެވުނީ އަމިއްލަ ދަރިފުޅުކަން އެނގި އަތުގައި ހުރި އުފަން ލަފުން ޔަގީންވުމުންނެވެ. ކައިދަން ގެންގުޅުނު މައިންބަފައިން ފައިސާގެ ދަހިވެތިކަމުގައި އެކުއްޖާ ވިއްކައިލީ އަމިއްލަ ދަރިއަކަށް ނުވާތީއެވެ. އެކުއްޖާ ހޮވިކަމަށް އެމީހުން ބުނީވެސް ބޮޑުރާޅު އެރި ދުވަހެއްގައި ގޮނޑުދޮށުންނެވެ.

ހިލްމާއަށް ކައިދަން އަނބުރާ ލިބުމުން ކަރާމާތެއްކަމުގައި ދެކުނެވެ. ކައިދަން އޭނަގެ ބައްޕައާއި އެހާ ވައްތަރެވެ. ހިލްމާ ކޮންމެވެސް ވަރަކަށް އޮޅުވާފައި ތެދާއި ދޮގު މަސްހުނިކޮށްގެން ކައިދަން ލިބުނުގޮތް ފިރިމީހާއާއި ހިއްސާކުރިއެވެ. ބަނޑުބޮޑުކަން ނޭގޭ ކަމަށާއި އެކުވެރިޔަކާއެކު އެކަނި ފަޅުރަށަކަށް ގޮސް އުޅެނިކޮށް ދަރިފުޅު ވިހައިގެން އުޅެނިކޮށް ބޮޑު ރާޅު އަރާ ދަރިފުޅު ގެއްލުނީކަމަށާއި އޭނައަށް ނަފްސާނީ މައްސަލަ ޖެހުނީ އެކަމުގެ ސަބަބުން ކަމުގައި ބުނެ ހަގީގަތުން އެއްބައި ފޮރުވިއެވެ. ހިލްމާދެކެ އިންތިހާއަށް ލޯބިވާތީ ދެއްކިހާ ވާހަކަތައް އޭނަ ގަބޫލުކުރިއެވެ. ހިލްމާގެ ސުވާލަކީ އަނެއް ދަރިފުޅު ޝަހުމީރުއާއި އެހާ ވައްތަރުވި ސަބަބެވެ. އެކުއްޖާ މަރުވެގެން އެކުއްޖާގެ ރޫހު ރަށުގައި އުޅެނީކަމުގައި އޭނަ ގަބޫލުކުރިޔަސް ދީނާއި އަރައިރުން ވާ ކަމަކަށް ވާތީ އެކަމުގައި އެހެން ސަބަބެއް އޮންނާނެކަމުގައި ގަބޫލުކުރިއެވެ.

***

"މަންމާ......މަންމަގެ އަނެއް ދަރިފުޅު އެނގޭ. އޭނައާއި ބައްދަލުވޭ...." ކައިދަން ހިލްމާގެ އަތަށް ޓިޝޫއެއް ލެއްވިއެވެ.

"އޭނަ ކޮބާ؟"

"އޭނަގެ ނަމަކީ ރަވާން.މިހެން ބުނީމަ މަންމަ ހާސްވާނެ. ކަންބޮޑުވާނެ. މިހެން ވާންޖެހުނު ސަބަބެއް ވިސްނައިގަންނާކަށް ނޭގުނު. އެކަމަކު.....މަންމާ ރަވާން....އޭނައަކީ އިންސާނެއް ނޫން........."

"މަންމައަކަށް ނުވިސްނުނު...."

"މަންމައަށް ޝަހުމީރުއަކީ އިންސާނެއް ނުވަތަ ޖިންނިއެއްކަން ޔަގީނެއްނުވޭ. ރަވާންގެ ބައްޕައަށް ކިޔާ ނަމަކީ ޝަހުމީރު. އެއީ ރަސްމަތިފުށު ޖިންނި ނަސްލަކުން އައިސްފައިވާ ޖިންނިއެއް. މަންމައަށް ލިބުނު ދަރިފުޅު ޝަހުމީރުއާއި ވައްތަރުކަމަށް މަންމަ ބުނީމެއްނު. އެކުއްޖާއަކީ ރަވާން. މަންމަ ބުނީމެއްނު ސްކޭން ހެދިއިރު އެންމެ ކުއްޖެކޭ ފެނުނީ. ވަރަށް ކޮންފިއުޒިން. އެހެންވިއްޔާ އެމީހުން ޖިންނި ކުއްޖާ މަންމަގާތަށް ދޫކޮށްލާފައި ދިޔައީކަމަށް ނުވާނެތަ؟" ކައިދަން ސުވާލުކުރިއެވެ.

"ތިހެން ބުނީމަ މަންމައަށް ޝައްކުވެއްޖެ. ވޭން ގަދަކަމުން ބައެއްފަހަރު ދެބަދޭތެރޭގައި އޮވެވުނުހެން ހީވި. އަދި އާއްމުކޮށް ނުދެކޭފަދަ ހެދުން އަޅައިގެންތިބި އަންހެންވެރިންތައް ފެނުނު. ޕްރެގްނެންސީގައި މެންޓަލް މައްސަލަ ހުރީމަ އެދުވަހުވެސް އެފަދަ އެޕިސޯޑެއްކަމަށް ހީކުރެވުނީ. މިހާރު ވިސްނިއްޖެ............" ހިލްމާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ރަވާން ހުރީ ރިވެންޖް ނެގުމުގެ ޖޯޝުގައި ލޯކަނުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ. އެއްގޮތަކަށްވެސް ގަބޫލެއްނުކުރޭ. ރަވާން ދެކޭގޮތުގައި އެންމެނަށް ސަޒާލިބެން ޖެހޭނެ. އަހަރެމެން މަރުވާން ދޫކޮށްލާފައި އައުމުން ސަލާމަތްކޮށްދިނީ ޝަހުމީރުކަމުގައިވަނީ................."ކައިދަން އޭނަގެ މަންމައަށް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

"މަންމައާއި ރަވާން ބައްދަލުވި...." ހިލްމާ ލޯ މަރައިލިއެވެ. "ރަވާން މަންމަދެކެ ނަފްރަތުކުރޭ ދޯ..."

ކައިދަން ޖަވާބެއް ނުދިނެވެ.

"މަންމައަށް އެނގޭ. މަންމަ ކުދިން އެއްލާނުލާ ކޮންމެ ހާލެއްގައި ނަމަވެސް ބަލާ ބޮޑުކުރިނަމަ ކޮންމެފަދަ ނަސްލެއްގެ ކުއްޖަކަށްވިޔަސް މަންމަގެ ދަރިއެއްގެ ގޮތުގައި ހުރީސްކަން ނޭގޭ. މަންމައާއި ރޯޒަލީގެ ދުޝްމިނަކަށް އެދަރިފުޅުވިކަމީ މަންމަގެ ކުށް......."ހިލްމާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

ހިލްމާއަށް ރޯޒްމެހެލްއާއި މި ރަށުގައި ޖިންނިން އަވަލާފައިވާ ސަބަބު ޔަގީންވެ އެކަމާއި އިންތިހާއަށް ހިތާމަކުރިއެވެ. ރޯޒަލީގެ ހުރިހާ ދަރިންނަށް ގޯނާތަކާއި ތަފާތު މުސީބާތްތައް މެދުވެރިވުމުގެ ސަބަބަކަށްވަނީ އެ ޖިންނިންނެވެ. ހިލްމާގެ ދަރިފުޅެވެ. ނޭގި ނަމަވެސް ޖިންނިއަކާއި ގުޅުން ބޭއްވުމުގެ ހިތި ނަތީޖާ ފެނުނީއެވެ. އެދުވަސްވަރުވެސް ނަމާދާއި ޒިކުރުކުރަން އޭނަގެ ހިތަކަށްވެސް ނާރައެވެ. މަންމަ ދިން ތަރުބިއްޔަތާއި ނަސޭހަތްތައް ހަނދާނުން ފޮހެލާ ދުނިޔޭގެ އަރާމާއި އުފާތަކުގެ ފަހަތުން ދުވެވުނީއެވެ.

"ދަރިފުޅު މަންމައަށް މާފުކޮށްދެއްޗޭ...." ހިލްމާއަށް ކައިދަންގެ މޭގައި ބޯ އަޅައިލެވުނެވެ. "މަންމައަކަށް ނޭގޭ ދަރިފުޅު ޖިންނިންހާ ބޯ ހަރުނުވާންވީ ސަބަބަކާއި ތިހިރަ މަޑުމައިތިރިކަމެއް. ކައިދަންގެ ޖިންނި އެއްވެސް ސިފައެއް ނުފެނޭ......"

ކައިދަންވެސް މަންމަދެއްކި ވާހަކަތަކާއިމެދު ވިސްނަމުން ދިޔައިރު އޭނައާއި ރަވާން މިހާ ތަފާތުވާން ޖެހުނު ސަބަބު ވިސްނިއެވެ.

***

ހިލްމާ ރޯޒަލީއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބިރުން ހަލާކުވާވަރުވިއެވެ. ޝަހުމީރުއަކީ ޖިންނިއަކަށް ވެދާނެކަމަށް އެދެމީހުން ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. އޭނަ މިހާރު ކޮބާހެއްޔެވެ؟ އޭނަވެސް ރަވާންއާއި ބައިވެރިވެގެން އެދެމީހުންގެ ދިރިއުޅުން ބަރުބާދުކުރަން ފައި ވިއްދާލާފައި ހުރީހެއްޔެވެ؟

\"ކައިދަންގެ ޖިންނި ސިފަތަކެއްނެތް. އޭނަގެ އުމުރުން ތިން އަހަރުން ފެށިގެން މިގެންގުޅެނީ. އެއްވެސް އިތުރު ބާރެއްވެސް ނުހުރޭ. މާފަހުން އޭނަގެ ފަރާތުން އެކަނި ހުރެ ވާހަކަދެއްކުމާއި ހީހީފައި އުޅުމާއި އެފަދަ ކަންތައް ފެނިގެން ސްކިޒޮފްރީނިއާއަށް ޑައިގްނޯސް ކުރީ. މަށަށް ހީވަނީ މީގައި ކޮންމެވެސް ގޯހެއް އެބައުޅޭހެން....." ހިލްމާ ބުނެލިއެވެ.

"އެކަމަކު ހިލްމާ ދެކުދިން ވިހެއީމަ އޭގެ މާނައަކީ ޖިންނި ދަރިންނޭ. ކައިދަންއަށް ޖިންނި ސިފަތަކާއި ބާރުތައް އަދި ނުލިބެނީ ކަމަށް ނުވާނެތަ؟ އެޖިންނިންގެ އުމުރު ވަރަށް ދިގުވެސް ވާނެ. މި އުމުރަކީ އެމީހުންގެ ޅަ ދުވަސް. ކައިދަންގެ ދަރިފުޅު ސޫފީގެ ފަރާތުން ކިތަންމެ ކަމެއްފެނޭ. ފުރާޅަށް އެކަނި އެރުމާއި ބަރު އެއްޗެހި އުފުލުން. އަދި ކަނޑަށް ގެއްލިފައިވެސް ސަލާމަތްވީ. ބިރުވެރިކަމަކާއި ލައިގަނެފި. ދެނަމާދު ދޭތެރޭގައި ބަގަރާ ސޫރަތް ޖަހާފައި ބަހައްޓަންވީ. ފަންޑިތަވެރިން ގެނެޔަސް ވާކަމެއްނެތް. މިގެއަށް އެއްފަހަރު ވަދެފައި އެމީހުންގެ ޚަބަރެއްނުވޭ. އެމީހުންނަށްވެސް ކުރިމަތިނުލެވޭނެވަރުގެ ބޮޑުގާފިލާ އަކަށް ވާނީ....."

"ކައިދަން ބުނި ރަސްމަތިފުށު ޖިންނިންނޭ......"

"ހަމަތެދެއްތަ؟" ރޯޒަލީގެ ލޮލުގެ ވިދުވަރުގަދަވިއެވެ.

"ރޯޒް ތި އުފާކުރަނީ ޖިންނިންވާނީ ޖިންނިންނަށޭ. ރަސްކަލުންނަށްވިޔަސް އިންސާނުންހާ ވިސްނުންތޫނު ރުޅިމަޑު ނަސްލެއްނޫން....." ހިލްމާ ހަނދާންކޮށްދިނެވެ. "އަހަރެމެން ދެން ހަދާނީ ކިހިނެއްތަ؟ ދީނާއި ދުރުން އުޅެން ހަދައިގެން މަށަށް ލަނޑުލިބުނީ. މިހާރު ވިސްނައިލީމަ ޕްރެގްނެންސީގައި ކުރިހާ ގޯނާތަކާއި ފެނުނު މަންޒަރުތަކަކީ ހެލުސިނޭޝަނެއް ނޫންކަން އެނގިއްޖެ. އެއީ ހަމަ ރިއަލްކޮށް ޖިންނިންތައް ފެނުނީ.......ރޯޒް ބުނެބަލަ. ކިހިނެއް ހަދަންވީ؟ ބިރުވެރިކަމެއް ދޯ..."

"ހިލްމާގެ ދަރި ރުއްސަން ކޮންމެވެސް ކަމެއްކޮށްދޭންވީނު...."

"ރަގަޅު ޚިޔާލެއް."

ރޯޒަލީއާއި ހިލްމާ އެތައް އިރެއްވާންދެން މަޝްވަރާތަކުގައި ތިއްބެވެ.

***

ހަޒަލް ސޫފީ އުރާލައިގެން ގެނެސް މެދުގޯތީގައި ބަހައްޓަން ފައިތިލަ ބިންމަތީގައި ޖެހުނީ ހަމަކިރިޔާއެވެ. ވައިސޫރިއެއްހެން ދިޔަގޮތަށް ގޮސް މަންމަ ލޯބިން ގެންގުޅޭ ކާމިނީޕޫލްގަހުގައިވާ މާތައް ބިންނަން ފެށީ ނިކަން ފޯރިއާއެކުގައެވެ. އެމާއާއި ޚަލީސީއަށް އެ މަންޒަރު ފެނުމުން ހިނި އަންނަގޮތްވިއިރު ބިރުވެސް ގަތެވެ. ސޫފީއެހާ ވަރުން މަލާއި ހެދި އުޅެނީވެސް ޖިންނި ކުއްޖަކަށް ވާތީތާއެވެ. މިހުރިހާ ދުވަހު ދުރުން އުޅުނަސް އިތުރަށް ކެތްނުވެގެން އެމާއަށް އެދިމާލަށް ދެވުނެވެ. ސޫފީގައިގާ ބައްދައިލެވިއްޖެއެވެ. އެކުއްޖާގެ ގައިގާ ދުވަނީ މަޑު ލުއިވަހެކެވެ. ކޯތާފަތް އެހާ މަޑެވެ. ރަންކުލަ އަރައެވެ. ލޯބިކަމުންގޮސް މޮޑެލާ ހިތްވާ ފުށްގުޅައެކެވެ. އެމާއަށް ސޫފީ އުރައިލެވުނެވެ. ޖިންނި ކުއްޖަކަށްވިޔަސް ލޯބިވެވެއެވެ. ދުރުގައި ހުންނަންވީ ކީއްވެހެއްޔެވެ؟ ޖިންނިއަކީވެސް މާތްﷲ ހެއްދެވި މަޚުލޫގެއް ނޫންހެއްޔެވެ؟ ބިރުގަންނަންވީ އެއްވެސް ސަަބެއްނެތެވެ. ސޫފީ އުޅެނީ އެހެން ކުދިންފަދައިންނެވެ. އާއްމުކޮށް ފެންނަ ކުދިންނަށްވުރެވެސް ލޯބިކޮށެވެ. ހަލަނިކަމާއި ހުރިހާ އުދަގޫކުރުންތަކަށްވެސް އެމާ ކެތްކުރާނެއެވެ. ދެވަނަފަހަރަށް ކޮއްކޮ ގެއްލިއްޖެއްޔާ އޭނަ މަރުވެދާނެއެވެ.

ރޯޒަލީ ދޮރު ހުޅުވާފައި ބޭރަށް ބަލާލުމާއެކު ނަޒަރުގައި އެންމެ ކުރިން އަޅައިގަތީ ކާމިނީޕޫލްގަހުގެ މާތައް އުކާލާފައިވާތަނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ސޫފީ ފެނުމާއެކު ނިކަން އަވަހަށް ދޮރު ލައްޕާލާފައި މޭގައި އަތް އަޅާ ބާރުކޮށްލައިފިއެވެ.

"މަގޭ ހަޒަލް ހަމަ ޖިންނިއަކާއި ކައިވެނިކޮށްގެން ޖިންނި ކުއްޖެއް ވިހެއީތަ؟ ހައިސަމްއާއި ޚަލީސީގެ ގުޅުމާއި ދެކޮޅު ހަދަން ހިތަށްވެސް އަރުވާކަށް ނުވާނެތާ މިވަރުގެ ކަމެއް މިގޭގައި ހިނގާފައި އޮތްވާ...ސުބުހާނަﷲ..."

ނުނިމޭ