03 Apr 2012, 11:47
ރައްޔިތުންގެ މަޖިލީހުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން މަޖިލީހަށް ބަލައިގަންނަ ބިލުތަކަކީ، ގާނޫނީ ގޮތުން ކުރިއަށް ގެންދަން ޖެހޭ މަރުހަލާތަކުގެ ކުރިން މަޖިލީހުން ބޭރު ކުރެވޭނެ ބިލުތަކެއްނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް މަޖިލީހުގައި ބަހުސްކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުރަތަމަ ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުން ފާކުރުމުން ތަސްދީގު ނުކުރައްވައި، ކުރީގެ ރައީސް ނަޝީދު ދެ ވަނަ ފަހަރަށް މަޖިލީހަށް ފޮނުވާލެއްވި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލުގެ ބަހުސް އެވެ. އެ ބިލުގެ ބަހުސް ފެށުމުން، ބައެއް މެމްބަރުން ވިދާޅުވީ އޭރުގެ ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް އަނބުރާ ގެންދިއުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެ ބިލަށް ބަހުސް ނުކުރެވޭނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.
އެގޮތުން ނިޒާމީ މައްސަލައެއް ނަންގަވައިގެން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ވޭތުވެ ދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހުރިހާ ބިލުތަކާއި މައްސަލަތައް ނެގުމުގެ ފުރުސަތު މި ސަރުކާރަށް އޮންނަ ކަމަށެވެ. އަދި އެބިލު މަޖިލީހަށް ފޮނުއްވި ސިޓީގައިވާ މުހައްމަދު ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުވާތީ އެ ބިލަކީ ހުށަހެޅޭނެ ބިލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޭތުވެ ދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހުރިހާ ބިލުތަކެއް ވެސް، މައްސަލަތަކެއް ވެސް މި ސަރުކާރުން ގަބޫލު ނުކުރެވޭ ކަމަށް ވަނީ ނަމަ އަނބުރާ ނެގުމުގެ ފުރުސަތު ވެސް އަދި އިތުރު ބިލުތައް ފޮނުވާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައި. އަދި މި މަޖިލީހަށް ކަމެއް ފޮނުވޭނީ ވެސް މައްސަލައެއް ހުށަހެޅޭނީ ވެސް ރައީސުލްޖުމުހޫރިއްޔާ އަށް ކަމަށް ވާތީ އެ ބިލު ފޮނުވާފައިވާ ސިޓީގައިވާ ފަރާތް، މުހައްމަދު ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުވާތީ އަޅުގަނޑު ގަބޫލެއް ނުކުރަން ތިޔަ ސިޓީ މިތަނަށް އިއްވައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަކަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން މަޖިލީހަށް ބަލައިގަންނަ ބިލުތަކަކީ އެ ބިލުތަކުގެ ގާނޫނީ މަރުހަލާތައް ނުނިމެނީސް މަޖިލީހުން ބޭރު ކުރެވޭނެ ބިލުތަކެއް ނޫން ކަމަށެވެ.
"މަޖިލީހުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން މަޖިލީހަށް ބަލައިގަންނަ ބިލުތަކަކީ މަޖިލީހުން ބޭރު ކުރެވޭނެ ބިލުތަކެއް ނޫން، އެ ބިލުތަކުގެ ގާނޫނީ މަރުހަލާތައް ނުނިމެނީހެއް. ތެލަސީމިޔާ ކޮންޓްރޯލް ކުރުމާ ބެހޭ ބިލަކީ މަޖިލީޙުން ފާސް ކުރުމަށް ފަހު ގާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފޮނުއްވި ބިލެއް. ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލާފައި ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭރުގެ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުހައްމަދު ހުށަހަޅުއްވާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ.