07 Oct 2022, 11:43
ބޮލީވުޑްގައި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ނޯރާ ފަތޭހީގެ ހުށަހެޅުމެއް މި އަހަރުގެ ފީފާ ވޯލްޑްކަޕްގައި ފެންނާނެއެވެ.
ޝަކީރާ އާއި ޖެނިފާ ލޯޕޭޒް ފަދަ ތަރިންނާއެކު ނޯރާ ފެންނާނީ އިންޑިއާގެ ރެޕްރެޒެންޓް ކޮށްދޭ ތަރިއެއްގެ ގޮތުގައި ފީފާގެ ސްޓޭޖުންނެވެ.
ހަބަރުތައް ބުނާގޮތުން، ފީފާ މިއުޒިކް ވީޑިއޯގައިގައިވެސް ނޯރާ ފެންނާނެއެވެ. އަދި، ޑިސެމްބަރުގައި އޮންނަ ރަސްމިއްޔާތެއްގައި ނޯރާ ލަވަކިޔައި ގައުމީ ލަވައިގެ ހުށަހެޅުމެއް ގެނެސްދޭނެއެވެ. އެހެންނަމަވެސް، ނޯރާގެ ހުށަހެޅުން ފެންނާނީ ސީދާ ކޮން ރަސްމިއްޔާތަކުން ކަމެއް އަދި ނާންގައެވެ. ބައެއް ހަބަރުތައް ބުނާ ގޮތުން އޭނާގެ ހުށަހެޅުން އޮތީ ފީފާގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ނޯރާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއާއެކު އޭނާ ބުނެފައިވަނީ 'ސޭވް ދަ ޑޭޓް 2022/10/07' އެވެ. އޭނާގެ ފޭނުން ދަނީ އެ ވީޑިއޯ ޕޯސްޓުކުރުމުން އޭނާ އަށް މަރުހަބާ ކިޔައި ހިތްވަރު ދެމުންނެވެ.
ނޯރާ އަކީ ބޮލީވުޑްގައި މަގުބޫލު ތަރިއެކެވެ. އޭނާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދީ 2018 ވަނަ އަހަރު ނެރުނު ސުޕަހިޓް ލަވަ 'ދިލްބަރް ދިލްބަރް' އިންނެވެ. މި ލަވައަށް އެއް ބިލިއަން ވިއުސް ޔޫޓިއުބްގައި ލިބިފައިވާއިރު މި ލަވައިގެ ފަހުން ފިލްމުތަކުންނާއި އެކި ކަހަލަ ޝޯތަކުން އޭނާއަށް ފުރުސަތު ލިބިފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބޮލީވުޑްގެ އެކި ފިލްމުތަކުންވެސް ނޯރާގެ ހުނަރު ވަނީ ދައްކާލާފައެވެ. އެގޮތުން، 'ބާރަތު' އާއި 'ބަޓްލާ ހައުސް' އާއި 'ރޯރް" އަދި 'ސަތްޔަމޭވް ޖަޔަތޭ' ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން ނޯރާ ފެނުނީ، ސިދާތު މަލޯތުރާ އާއެކު 'މަނިކޭ މަގޭ ހިތޭ' ލަވައިންނެވެ. ނޯރާ އަކީ މިހާރު 'ޖަލަކް ދިކްލާ ޖާ' ޕްރޮގްރާމުގެ ޖަޖެކެވެ.