07 Oct 2022, 11:39
ސްޓޫޑަންޓް އޮފް ދަ އިޔާގެ ލީޑް ތަރީގެ ގޮތުގައި އާލިއާ ބަޓް އެންމެ ފުރަތަމަ ފެނުނީ 2012 ވަނަ އަހަރުއެވެ. އެއަށްފަހު ފިލްމަކަށްފަހު ފިލްމެއް ކުޅެމުން ގޮސް ބޮލީވުޑް ގައި އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ފެނިއްޖެއެވެ.
ފޯބްސް އިން ބޭއްވި އިވެންޓު 'ޓައިކޫންސް އޮފް ޓުމޯރޯ'ގައި ވާހަކަދައްކަމުން އާއިލާ ބަޓް ވަނީ އޭނާގެ ފުރަތަމަ ފިލްމު ޕްރޮޑަކްޝަންގެ ތަޖުރިބާ ހިއްސާކޮށްފައެވެ. ނެޓްފްލިކްސް ފިލްމު 'ޑާލިންގްސް' އާ ގުޅޭގޮތުން އޭނާ ބުނީ އެ ފިލްމަށް އޭނާ ކުޑަ އަގެއް ކިޔައި ކެމެރާގެ ފުރަގަހުގައި ހިނގާ ކަންކަން ބަލަން ބޭނުންވީ ކަމަށެވެ. ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތުގައި އުޅުމުން ކެމެރާގެ ފުރަގަހުގައި ހިނގާ ކަންކަމަށް މާ ބޮޑަށް ޝައުގުވެރިވީ ކަމަށް އާލިއާ ބުންޏެވެ.
"އިންޑަސްޓްރީގައި ދިހަ އަހަރުވީ އިރު ޕްރޮޑިއުސަރެއްގެ ގޮތުގައި ނެރުނު ފުރަތަމަ ފިލްމު އަހަންނަށް ވަރަށް މުހިއްމުވި. އަހަރެން އަބަދުވެސް ދަސްކުރަން. އެއީ އަހަރެންގެ މޮޓޯ އަކީ. ދަސްކުރަމުން ކުރިއެރޭނީ. އަބަދު ސުވާލުވެސް ކުރަންޖެހޭނެ އެއީ ހުރިހާ ކަމެއްގެ ޖަވާބެއް އަބަދަކު ނޭނގޭނެ. އެކަކަށްވެސް ނޭނގޭނެ. ބިލް ގޭޓްސް އަކަށްވެސް ނޭނގޭ"
އިތުރަށް ބުނީ، ޝޯ އެއް ނޫނީ ފިލްމެއް ނޫނީ ޕޮޑްކާސްޓް އުފެއްދުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. އަދި، އެހާ ގިނަ ކޮންޓެންޓް އެއްފަހަރާ އުފެއްދުމުގެ ބަދަލުގައި، އޭނާ ގެނެސްދޭނެ ކޮންޓެންޓަކީ އޭނާ އާ ގުޅޭނެ އުފެއްދުމަކަށް ވާން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުންވެސް، ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް އާލިއާގެ މަސައްކަތްތައް ވަނީ އޭނާ ހިއްސާކޮށްފައެވެ. އެއީ ބަނޑުބޮޑު މީހުންނަށް ހާއްސަކޮށް އުފައްދާ ހެދުންތަކެއްގެ ވިޔަފާރިއެވެ.
"މެޓާނިޓީ ހެދުންތައް ހުންނަނީ އަބަދު އެއް ގޮތަކަށް. އަހަރެން ބޭނުންވީ އަމިއްލަ ސްޓައިލެއްގެ ހެދުންތަކެއް އުފައްދަން" – އާލިއާ