07 Oct 2022, 11:31
ސޯޝަލް މީޑިއާގައި އެކި މީހުން ގެނެސްދޭ 'ލައިފް ހެކްސް' އިން ބައެއް ފަހަރު މީހުން ސިއްސުވާލައެވެ. މިފަހަރުވެސް މިއޮތީ އެކަހަލަ ކަމެއް ކޮށްލާފައެވެ.
ފެނުކެއްކި ބިސް ނޮޅުމަކީ މާ އުނދަގޫ ކަމެއް ނޫނަސް ބައެއް މީހުންނަށް މިއީވެސް އުނދަގޫ ޓާސްކެކެވެ. ނޮޅަމުން ނޮޅަމުން ގޮސް ނިމޭ އިރު ބިހުގެ ދެބައިކުޅަ އެއްބައި އޮންނަނީ ތޮށިގަނޑުގައެވެ. މިކަންވެސް ކުރާނެ ފަސޭހަ އަވަސް ގޮތެއް ޔޫޓިއުބުން ދައްކާލައިފިއެވެ.
'މިރޭ މިއުޅެނީ ބިހެއް ކައްކައިގެން މިކަން ވޭތޯ ބަލަން' ޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސާ މެކްސް ކްލިމެންކޯގެ ވީޑިއޯ ކްލިޕްއެއް ޔޫޓިއުބްގެ ވެރިފައިޑް އެކައުންޓުން ވަނީ ޕޯސްޓުކޮށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފައެވެ. ކުރު ވީޑިއޯ އިން ފެންނަނީ މެކްސް ބިހެއް ނޮޅާނެ މުޅިން އާ ގޮތެއް ކިޔައިދޭ މަންޒަރެވެ..
އެންމެ ފުރަތަމަ ފެންނަނީ މެކްސް ކައްކާފައިވާ ބިހުގެ ތިރީގައި ލޯވަޅެއް އަޅައި މަތީގައިވެސް ލޯވަޅެއް އެޅި މަންޒަރެވެ. ދެން އެޅި ކުޑަ ލޯވަޅަށް އަނގައިން ފުމެލުމުން ސިކުންތެއްގެ ތެރޭގައި ބިސް 'ނޮޅިގެން' މެކްސްގެ އަތަށް ވެއްޓެއެވެ.
މި ވީޑިއޯ އެންމެ ފުރަތަމަ މެކްސް ޕޯސްޓުކުރީ އޭނާގެ އަމިއްލަ އެކައުންޓުގައި މި އަހަރު ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް، ވީޑިއޯ ވައިރަލްވެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ ޔޫޓިއުބްގެ ވެރިފައިޑް އެކައުންޓުން ޝެއާ ކުރުމުންނެވެ. މި ވީޑިއޯ އަށް އެއް މިލިއަންއަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.
ވީޑިއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ބުނި ގޮތުގައި، ބިސް ނޮޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މި ގޮތަށްވެސް މިކަން ވޭތޯ ބަލާލާނީއެވެ.