ރިއެލިޓީ ތަރި އަދި ސޯޝަލް މީޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ޝަހުސިއްޔަތު ކިމް ކާޑޭޝިއަން އަށް އާންމުން ކައި އުޅޭ ޕާސްތާ އެއީ ކޮން އެއްޗެއް ކަން ނޭނގިގެން އުޅޭ މަންޒަރެއް ވައިރަލް ވެއްޖެއެވެ.

ކިމް އާއި އާއިލާގެ މެމްބަރުންގެ ދިރިއުޅުން ދައްކުވައިދޭ އާ ރިއޭލިޓީ ޝޯއެއް މިހާރު ސްޓްރީމިން ސާވިސް ހުލޫ އިން ދައްކައެވެ. އެ ޝޯގެ އެންމެ ފަހު އެޕިސޯޑުން ސޯޝަލް މީޑިއާއަށް އާންމުވި މަންޒަރަކަށް މިހާރު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފަ އެވެ.

އެ މަންޒަރުގައި ފެނިގެންދަނީ އިޓަލިއަން ރެސްޓޯރެންޓަކަށް ކިމް ގޮސްގެން އުޅޭ މަންޒަރެވެ. މެނޫ ބަލާފައި މެނޫގައި ހުރި އެއްޗެއް ނޭނގިގެން ކިމް އުޅެ އެވެ. އެއަށްފަހު ވެއިޓާ ގާތު އަހަނީ "ޓޯޓަލީނީ" އެއީ ކޯއްޗެއްތޯ އެވެ.

ކިމް ބުނަނީ ޕާސްތާ ކާން ދިޔައީ އެ ރެއަކީ އެއްވެސް ކަހަލަ ޑައިޓް ލިމިޓް އޮތް ރެއެއް ނޫން ކަމަށެވެ. އެހެންވީމާ ބޭނުން އެއްޗެއް ކެވޭނެ ކަމަށް ކިމް ބުނެއެވެ. އެއަށްފަހު ޓޯޓެލީނީ އާއި ޕެނޭ ޕާސްތާ އޯޑާ ކޮށް ކާން އުޅެއެވެ. ނަމަވެސް ޕެނޭ ޕާސްތާ ކާން އުޅުން ގޮތުން އަނެއްކާ މީހުންގެ ފާޑު ކިޔުން އޭނާ އަށް ރައްދުވިއެވެ.

މިކަމާ ގުޅިގެން ކިމް އަށް އަންނަނީ އެތައް ބަޔަކު ފާޑުކިޔަމުންނެވެ. އެންމެފަހުން އެންމެންނާ ގުޅިގެން ކިމްގެ އާއިލާ މެމްބަރު ކެންޑަލް ވެސް ވަނީ އޭނާ އާ ދިމާކޮށްފަ އެވެ. އަދި ޕާސްތާ ކާން ނޭނގުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް ކެންޑަލް ބުންޏެވެ.