07 Oct 2022, 11:14
ހޮލީވުޑްގެ ގިނަ ބައެއްގެ މެދުގައި ލޯބި އޮތް އެކްޓަރު ކިއާނޫ ރީވްސް، މާވެލް އިން އެންމެ ކުޅެން ބޭނުންވަނީ "ގޯސްޓް ރައިޑާ"ގެ ރޯލް ކަން ހާމަކޮށްފިއެވެ.
މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އިން އަންނަނީ ތަފާތު އެކި ކޮމިކް ފޮތް ކެރެކްޓާތައް ތައާރަފުކުރަމުންނެވެ. އެއާއެކު އެންމެ ގަދަ އަޑުން ގިނަ ބަޔަކު ގޮވަމުން އަންނަނީ ގޯސްޓް ރައިޑާގެ ކެރެކްޓާ ގެނައުމަށެވެ.
ދާދިފަހުން "އީ!" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކިއާނޫ ބުނީ މާވެލްގެ ކެރެކްޓަރެއްގެ ރޯލު ކުޅޭ ނަމަ އެންމެ ބޮޑަށް ބޭނުންވަނީ ގޯސްޓް ރައިޑާގެ ރޯލުން ކުޅެން ކަމަށެވެ.
މާވެލްގެ ފިލްމުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކިއާނޫ ބުނީ، މާވެލް ޔުނިވާސް އަކީ ވަރަށް ވަރުގަދަ ފިލްމުތަކެއް ނެރޭ ޕްރޮޑަކްޝަނެއް ކަމަށެވެ. އަދި އެއިން ފިލްމަކުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މާވެލްގެ ފިލްމަކުން ޖާގަ ލިބިއްޖެ ނަމަ އެކަން ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ކުޑައިރުން ވެސް ފެށިގެން ސުޕަހީރޯއަކަށް ވާން ބޭނުންވި ކަމަށާއި މާވެލް ފިލްމެއްގެ ރޯލެއް ލިބުމަކީ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މާވެލްގެ ފޭނުން ވެސް ގޯސްޓް ރައިޑާއަށް އެންމެ ބޭނުންވަނީ ކިއާނޫ ހަމަޖައްސާށެވެ. ކިއާނޫ މިހެން ބުނެފައިވަނީ ފޭނުންތައް، އޭނާ ގޯސް ރައިޑާގެ ރޯލަށް ހަމަޖެއްސުމަށް އެދި ގޮވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ގޯސްޓް ރައިޑާގެ ރޯލުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު އެކްޓަރު ނިކޮލަސް ކޭޖެވެ.