ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ ގޫގަލްގެ އާ ސްމާޓްފޯންތަކާއި ގަޑި ދައްކާލައިފިއެވެ.

ގޫގަލްގެ އާ ޑިވައިސްތައް ދައްކާލުމަށް އެކުންފުނިން ރޭގައި ބޭއްވި އިވެންޓުގައި މައިގަނޑު ތިން ހާޑްވެއާއެއް ދައްކާލާފައި ވެއެވެ. އެއީ އެކުންފުނީގެ ފްލެގްޝިޕް ފޯނު "ޕިކްސެލް 7" އާއި "ޕިކްސެލް 7 ޕްރޯ" އަދި ކުންފުނީގެ ފުރަތަމަ ފްލެގްޝިޕް ޕިކްސެލް ސްމާޓްވޮޗެވެ.

މިއަހަރު ނެރުނު ޕިކްސެލް 7 ސީރީޒްގެ ފޯނުތަކަކީ މިދިޔަ އަހަރުގެ ފޯނުތަކުގެ އަޕްގްރޭޑް ކޮށްފައިވާ ފްލެގްޝިޕް ފޯނުތަކެވެ. އެގޮތުން ކެމެރާތައް ވެސް އެއްކޮށް އަޕްގްރޭޑް ކޮށްފައިވާއިރު ޒޫމް ފޮޓޯތައް ނެގުމަށް އެކުންފުނިން ވަނީ މުޅިން އާ ސެންސަރެއް ޕިކްސެލް ފޯނުގެ ޕްރޯ މޮޑެލްގައި ބޭނުން ކޮށްފައެވެ.

އާ ޒޫމް ފީޗާ އާއެކު 50 ގުނައަށް ފޮޓޯ ޒޫމް ކޮށްލެވޭނެއެވެ. ޕިކްސެލް 7 ސީރީޒްގެ ފޯނުތަކުގައި މިފަހަރު ބޭނުންކޮށްފައިވާ "ޓެންސާ ޖީ2" ޗިޕެވެ. މިއީ ގޫގަލް އިން އަމިއްލަ އަށް ތައްޔާރުކޮށްގެން އެ ކުންފުނީގެ ފޯނުތަކަށް ހާއްސަކޮށް ބޭނުންކުރާ ޗިޕެކެވެ. އެކުންފުނީގެ ފުރަތަމަ ޗިޕު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ފޯނާއެކުގައެވެ.

އެކުންފުނިން އަމިއްލަ ޗިޕް ބޭނުން ކުރަން ފަށާފައިވަނީ ގޫގަލްގެ އާޓިފިޝަލް އިންޓަލިޖެންސްގެ ހިދުމަތް ފޯނުތަކަށް އިތުރަށް ތައާރަފުކުރުމުގެ ބޭނުމުގަ އެވެ.

މި ފޯނުތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕިކްސެލް 7 ފަށާ އަގަކީ 599 ޑޮލަރެވެ. އަދި ޕްރޯ މޮޑެލްގެ ފޯނުތައް ވިއްކަން ފަށާ އަގަކީ 899 ޑޮލަރެވެ. މިއީ އެހެން ފްލެގްޝިޕް ފޯނުތަކަށް ވުރެ ހެޔޮ އަގެކެވެ.

ޕިކްސެލް ސްމާޓް ގަޑީގެ އެންމެ ހާއްސަ ސިފައަކީ އޭގެ ޑިޒައިނެވެ. ކާވް ކޮށްފައިވާ ސްކްރީނެއް ހިމެނޭ ގަޑީގެ މޫނަކީ މިހާރު މާކެޓުގައި ބޮޑެތި ބްރޭންޑްތަކުން ނެރޭ ސްމާޓް ގަޑިތަކަށް ވުރެ ކުޑަ މޫނެކެވެ. ގޫގަލް އިން ބުނަނީ އެގޮތަށް ޑިޒައިން ކޮށްފައިވަނީ ގަޑިއަކީ މުޅި އަތް ފުރޭ އެއްޗަކަށް ހަދަން ބޭނުން ނުވާތީ ކަމަށެވެ.

ޕިކްސެލް ސްމާޓް ގަޑީގައި 24 ގަޑިއިރު ބެޓެރި ހިފަހައްޓާނެއެވެ. މި ގަޑި ވިއްކަން ފަށާ އަގަކީ 349 އެމެރިކާ ޑޮލަރެވެ.