"އުފާވެރި ދުވަހެއްގެ ފެށުމަކީ ނަމާދެވެ. އެއަށްފަހު އެދުވަސް ބާއްޖަވެރި ކުރުމަށް އިތުރު ކަންތައް ހިމެނިދާނެއެވެ. ގިނަގިނައިން ގުރުއާން ކިޔެވުމެވެ. ގިނަގިނައިން ހިނިތުންވުމެވެ. ބޭކާރު ކަންތައްތަކާއި ބޭކާރު ބަސްތަކުން ދުރުވުމެވެ. ހެޔޮކަންތައް ގިނަކޮށް މީހުންނަށް އެހީތެރިވުމެވެ."

***

ޚާތޫނުގެ ގާތަށް ސޫފީ ގެންދިޔުމުން މަރުވެފައިވާ ހިތަށް ދިރުމެއް ލިބުނުފަދައެވެ. ޚާތޫނު ސޫފީގެ އަތް ގެނެސް މޫނުގައި ޖައްސާލާފައި ހިނިތުންވެލިއެވެ. ސޫފީވެސް އޭނަގެ މޫދުގެ 'އެޑްވެންޗާ' ތުއްތު ބަހުރުވައިން މާމައަށް ކިޔައިދޭން މަސައްކަތްކުރަމުން ދިޔައެވެ. ޚާތޫނުގެ ހާލު މަޑުމަޑުން ދަށަށްދާންފެށިއެވެ. މެޝިނުން އެލާމް އަޅަންފެށުމުން ދެތިން ނަރުހުން ދުވެފައި އައިސް ވެގެން އުޅޭގޮތް ބަލައިލިއެވެ.

"އޮކްސިޖަން ޑްރޮޕްވާންފެށީ...."

ރޯޒަލީއާއި ހިލްމާ ލޯބޮޑުކޮށްގެން ބަލަން ތިއްބެވެ. ހިލްމާއަށް "ބިރު" އެއީ ކިހާވަރެއްގެ ނުބައި އިހުސާސެއްކަން ރޭކާލީ އެވަގުތުއެވެ.

"މަންމާ.."ހިލްމާ މަޑުމަޑުން ޚާތޫނުގެ ރޫޖެހިފައިވާ އަތުގައި ފިރުމައިލިނަމަވެސް އަލުން އެ ލޯ ހުޅުވާނެ ހިތްވަރު ނެތިގެން ދިޔައީ ކަން ނޭގެއެވެ. ހިލްމާ ހަލާކުވެފައި ހިތަކާއިއެކު ދުޢާކުރަމުން ޝިފާގެ އާޔަތްތައް ކިޔެވިއެވެ. އޭނައަށް މަންމައާއިމެދު ޣާފިލުވެ ދުނިޔޭގެ އުފަލާއި މަޖަލުގެ ތެރެއަށް ޣަރަގުވެފައި ހުއްޓާ ވަގުތު ފާއިތުވީބާވައެވެ. ބޮޑު ހިތާމައެއް ނޫނީ ހިތްދަތިކަމެއް ކުރިމަތިވުމުން ހެއްދެވި ފަރާތަށް އެންމެންވެސް ބޭނުންވެއެވެ. މެޝިނުން އެލާމް އަޅަމުންދާގޮތުން ހިލްމާގެ ނޭވާވެސް އުފުރިގެންގޮސްދާނެހެން ހީވިއެވެ. މަޑުމަޑުން އޮކްސިޖަން ދަށްވަމުންގޮސް ވިއްސާއި ހަމަޔަށް ތިރިވީއިރު ޚާތޫން ލޯ ހުޅުވައިލުމުން ނިވެމުން ދިޔަ އުުއްބައްތިއެއްގެ ހުޅުކޮޅު އަލުން ރޯވިފަދައިން ހިލްމާއަށް އުއްމީދު އާވިއެވެ. ހިލްމާ އޭނަގެ މަންމައަށް ގޮވައިލިއެވެ. ޚާތޫނު ވަށައިގެން ލޯ ހިންގައިލިޔަސް އެލޮލުގައި ދިރުމެއްނެތެވެ. އެންމެފަހު ފަހަރަށް ލޯބިވާ މީހުންގެ މޫނަށް ބަލަން މަސައްކަތްކުރީކަން ނޭގެއެވެ. އެއަށްފަހު އަބަދަށްޓަކާ ޚާތޫނު ލޯ މަރައިލިތަން ފެނި ހިލްމާގެ ހިތަށް ބަޔާންކުރަން ދަތި އަސަރުތަކެއްކުރިއެވެ. އޭނަގެ މާޒީއާއިމެދު އިންތިހާއަށް ހިތާމަކުރިއެވެ. މައިންބަފައިންނަށް އަޅާލާން ޖެހުނު ދުވަހު އެ މަންމަ އެއްލައިލެވުނީއެވެ. ކައިދަން ނޫން އިތުރު އެއްވެސް މާމަ ދަރިއެއްގެ އެހީތެރިކަމެއްވެސް ލިބުނީއެއްނޫނެވެ. އޭނަ އަށް އެއްޗެއް ވިސްނިގެން ހުރިހާ ދުވަހަށް ވާރަށް މަންމައަށް ހަދިޔާ އަޅައިގެން ގެނައި ފޮށިވެސް ހުރީއެވެ. އޭނަ ގެނައި ކާއެއްޗެއްގެ ރަހަވެސް އެމަންމައަށް ބަލައި ނުލެވުނެވެ. މިއަދު ކިތަންވެރަކަށް ރުޔަސް އަލުން މާޒީ އަނބުރާ ނުގެނެވޭނެއެވެ. އޭނައަށް ނޭގުނީ މަންމަ މުސްކުޅިވެ އަޖޫޒުވީކަމެވެ. މަންމަ ދުލުން ނުބުންޏަސް އެކަނިވެރިވާނެކަމެވެ. މަންމަ ދަރިންނަށް ބޭނުންވާނެކަމާއި އެމީހުންނާއެކު ވަގުތު ހޭދަކުރަން ބޭނުންވާނެކަމެވެ. ހަދިޔާތަކަށްވުރެ މަންމައަށް ބޭނުންވާނީ އަޅާލުމާއި ލޯތެބެވެ. އެއިން އެކައްޗެއްވެސް ނުދެެނީސް އަބަދަށްޓަކާ ދުނިޔެއާއި ވަކިވެގެން ދިޔައީ ހިލްމާފަދަ އެތައް ދަރިންނަށް ފިލާވަޅެއް ދީފައެވެ.

***

ޚާތޫނުގެ ޖަނާޒާއަށްފަހު ހިލްމާއަށް އިށީދެވުނީީ އޭނަގެ މަންމަ ނިދާ އެނދުގައެވެ. އެހެން ދަރިންތައް ޔޫރަޕާއި އެހެން ގައުމުތަކުގައި އުޅެމުން އަންނަން ބޭނުންވިއެވެ. އެމީހުން އަންނާންދެން މަންމަގެ ހަށިގަނޑު ވަޅުނުލާ ބާއްވަން އެންގިއެވެ. ނަމަވެސް ކައިދަންގެ ގާތުގައި އޭނަގެ މާމަ ކޮށްފައިވާ ވަސިއްޔަތުގެ ސަބަބުން އެގޮތަށް ބާއްވަން ކައިދަން ބޭނުމެއްނުވިއެވެ. މާމަގެ ވަސިއްޔަތަކީ މަރުވުމާއެކު އަވަހަށް ވަޅުލުމެވެ. މަރުވުމުން މާމައަށް ބޭނުންވަނީ އެކަނި ހެޔޮ ދުޢާއާއި ސަދަގާތްކުރުން ކަމުގައި ކައިދަން ގާތު ބުންޏެވެ. އަދި އެއްކޮށްފައިވާ ފައިސާ ކައިދަންއާއި ހަވާލުކޮށްފައި އެދުނީ މިސްކިތެއް އަޅާދިނުމަށެވެ.

"ޚާތޫނަކީ ހެޔޮލަފާ އަޅުވެރި އަވަށްޓެރިންނަށް ހެޔޮ މީހެއް. އެންމެ ފަހު ވަގުތާއި ޖެހެންދެން ހީވާގިކޮށް އުޅުނީ. މާތްﷲ ރަހުމަތް ލައްވާށި. ޚާތޫނު ރަޒިއްޔާ ކިޔާ ކޮންމެ ވަގުތަކު މަ އެކުށް ރަގަޅުކޮށްދިނިން. އެކަމަކު މިހާރު ހިތަށް އަރަނީ ރަޒިއްޔާ ކިޔާ ގޮވާލާނެ މީހެއްވެސް ދެން ނުވާނެއޭ. ތެދަށް ބުނަންޏާ މިހާރު ރޯޒަލީއަށްވުރެ އެނަން ކަމުގޮއްސި........" ރޯޒަލީ ކުޑަކޮށް ހީލިއެވެ.

"އަހަރެން ބިރުގަނޭ. މައިންބަފައިންނާއިމެދު އޯގާތެރި ނުވެވުމުން ދުނިޔެއިންވެސް ސަޒާ ލިބިދާނެތަ؟"

"ފާފަ ނުކުރެވޭނެ އިންސާނެއް ނުހުންނާނެ. ﷲ ސުބުހާނަހޫ ވަތައާލާއަކީ ރަހީމްވަންތަ ރަހުމާންވަންތަ އިލާހު. ތައުބާވެ ގިނައިން އިސްތިޣުފާރުކުރޭ. ޚާތޫނުއަށްޓަކާ މިއަދު ކޮށްދެވޭނެ ކަމަކީ ހެޔޮ ދުޢާކުރުން. ސަދަގާތް ކުރުން......................................." ރަޒިއްޔާ ބުނެދިނެވެ.

"އަހަރެން ދެތިންފަހަރު ހައްޖަށް ދިޔައިން. އެކަމަކު ބޮޑަށް ވިޔަފާރި ދަތުރެއްގޮތަށް އުޅެވުނީ..މިއީ މުޅިންވެސް މައްކާގެ ބާޒާރުން ގަތް ރަނާއި ގަޑި.."އަތުގައިވާ އުޅާތަކާއި އަނގޮޓި އަދި ގަޑި ދައްކައިލަމުން ހިލްމާ ލޮލުން ކަރުނަ ފޮހެލިއެވެ. "މީގެ ހުންނާނީ ކޮން ބޭނުމެއް؟ ޒީނަތްތެރިވެ ކަން ދެއްކުން......"

"ހިލްމާ ނުރޮއި...މަރުވެފައިވާ މީހާއަށް އަނިޔާއެއް ތިދެވެނީ..ހިތްވަރުކުރޭ..ރަގަޅު ދުވަހެއްގައި މަންމަ ކަށްވަޅަށް ދިޔައީ."

ހިލްމާގެ އަޑު ވަކިން ގަދަވިއެވެ.

***

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ރޯޒްމެހެލްއަށްވެސް އަމާން ދުވަސްތަކެއް ކަމުގައިވިއެވެ. ޚާތޫނު ގެ ޖަނާޒާއަށްފަހު ކައިދަންވެސް ހަޒަލްއާއި ދަރިފުޅު ގޮވައިގެންގެންގޮސް އުޅުނީ އޭނަގެ މަންމަ ގާތުގައި އެގޭގައެވެ. ރޯޒަލީއާއި އާއިލާގެ އެހެން މެމްބަރުންނަށްވެސް ލިބުނު ހިތްހަމަޖެހުމަކަށްވިއެެ. ކައިދަންއާއި ސޫފީގެ ހަގީގަތް އެނގުނުފަހުން ތިބެވުނީ ބިރުވެރިކަމެއްގައެވެ. ސޫފީ މަރާލާފައި އެ ސިފަ ޖެހިގެން ހުރި ޖިންނިކުއްޖެއް ކަމުގައި އެމާގެ ހިތްވެސް ބުނަނީއެވެ. ފަތެއް ހިރިލިޔަސް އެމާ ޕެނިކް ޖެހޭވަރުވެއެވެ. އޭނަގެ ބިރާއި މާޔޫސްކަމުގެ އެހީތެރިއަކަށް ހެދީ ގުރުއާނެވެ. އެމާ ގަބޫލުކުރީ ގުރުއާނުން ޝައިތާނުން ފައްސާލުމުގެ އިތުރުން ޝިފާވެސް ލިބޭނެކަމުގައެވެ.ކޮންމެ ކަމެއްކުރިޔަސް އެމާ ހުންނަނީ ބަގަރާ ސޫރަތް ޖަހައިގެންނެވެ. ނަމާދު ގަޑިޖެހޭއިރަށް ދުވެގޮސް އިންނަނީ ނަމާދުގޭގައެވެ. ގެއަށް ލިބުނު އަމާންކަމުގެ އެއް ސަބަބަކީ އެއީކަމަށްވެސް އެމާ ދެކުނެވެ.

"އެމާ. ކިހިނެއްތަ؟ ސޫފީމެން ކޮބާ؟ ވަރަށް މިސްވޭ."ޚަލީސީ މެސެޖްކުރިއެވެ.

"ދޮންތަވެސް ކައިދަންގެ ގެއަށް ބަދަލުވެއްޖެ.ސޫފީއަކީ ސޫފީ ކަމާއިމެދު ޝައްކު...ޚަލީސީ އެކަނި އުޅެން ބިރެއް ނުގަނޭތަ؟ އެއްވެސް ކަމެއް ދިމަލެއްނުވޭތަ؟ ނިދަން ރެޑީވަނީ ދޯ......." އެމާ ވެސް އޮތީ ކޮޓަރީގައެވެ. ގުރުއާން ޖައްސާފައި ހުރުމުން ރައްކާތެރި އިހުސާސެއްވިއެވެ.

"ގޯސްޓްލީ ނޮކިން...." ޚަލީސީ ކުއްލިއަކަށް ބުނެލިއެވެ.

"ވަޓް؟" އެމާ ސިހޭގޮތްވިއެވެ.

"ކޮންމެވެސް މީހަކު ހަމަ ބާރަށް ދޮރުގައި ތަޅަނީ. އެއް ވާނަކަށް އެއްގޮތަކަށް. ދޮރު ވައްޓާލަފާނެހެން ހީވަނީ، ބިރުން ހިރިލާންވެސް ނުކެރޭ..."

"ޗެކްކޮށްބަލަ...."

"މިބަލަނީ..." ޚަލީސީ ބިރުން ހުރެ ދޮރު ހުޅުވައިލިއިރު ކޮރިޑޯގެ ފަނޑު އަނދިރިކަމުގެ ތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ.

"އެމާ އެކަކުވެސް ނެތް..."

"ދޮންބެ ހުރިތަނެއް އެބަބަލަން. ދޮންބެ ފޮނުވަންވީ ދޯ......."

"ފޯނު ނިވާލާފައި އޮތީ...."

"ގޯޑް.....އެމާ. އަނެއްކާވެސް ނޮކް ކުރަނީ. އަހަންނަށް އެނގެނީ އެއީ އިންސާނެއް ނޫންކަން...."ޚަލީސީ ބުނެލިއެވެ.

ޚަލީސީ ފޯނު ބާއްވާފައި މަޑުމަޑުން ކުރުސި ކިޔަވަންފެށިއެވެ. މިވަގުތު އޭނަ އެހީއަށް އެދުނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާގެ ފަރާތުންނެވެ. ހުރިހާ ޝައިތާނުންނާއި ނުބައި ކަންތައްތަކުން ސަލާމަތްކުރެއްވުމަށް އެދެވުނެވެ. ބިރުން ރޫރޫ އަޅައަޅާ އިން ޚަލީސީގެ ހިތަށް ހަމަޖެހުމެއް ލިބުނީ އަޑުތައް ކެނޑި މާހައުލަށް އަމާންކަން ލިބުމުންނެވެ. އިރުކޮޅެއްފަހުން ހައިސަމް ގުޅާފައި ބުނީ އޭނަ މިހިރީ ދޮރުމަތީގައި ކަމަށެވެ. ޚަލީސީ ދުވެފައިގޮސް ދޮރު ހުޅުވައިލިއެވެ.

"އައިމް ސޮރީ....." ހައިސަމް މާފަށް އެދުނެވެ.

"މާފަށް ނޭދެނީސް މާފުކޮށްފިން. ސޭމް ކަންތައްކުރީ އެންމެ ރަގަޅަށްކަމަށް ގަބޫލުކޮށްފިން. މަންމަގެ އުފާތަކާއި ގުރުބާނީއާއިމެދު ވިސްނާ ފިރިހެންދަރިއަކާއިމެދު ފަޚުރުވެރިވަން. މަންމަ ވިސްނީ ސޭމްގެ މުސްތަގުބަލަށް. މަންމަގެ ލޯބިވާ ދަރިފުޅު އަލިފާނުން ސަލާމަތްކުރަން މަންމަ ވިސްނާނެ.ކާފަރަކާއި އިންނަން ގަބޫލުނުވި ސަބަބަކީ އެއީ. މިހާރު އަހަންނަށްވެސް އެކަން ގަބޫލުކުރެވިއްޖެ...." ޚަލީސީ ހައިސަމްގެ މޫނަށް ބަލައިލިއިރު ލޮލުގައި ކަރުނަތިކިތައް ވިދައެވެ.

"މަންމަ ބުނެގެން ޚަލީސީ ބަލާ މިއައީ....."

"ހަމަ ތެދެއްތަ؟"

"އާނ މަންމަ ބުނީ ސޭމްއަށް ޚަލީސީއާއި ނުލާ އުފަލެއް ނުލިބޭކަން ސޭމްގެ ލޯ ހެކިދެއޭ.. އަހަރެންގެ ސަބަބުން ޚަލީސީ މުސްލިމަކަށް ވެދާނެޔޯ. ޚާތޫނު ނިޔާވީމަ އިބުރަތެއް ލިބިއްޖެކަމަށް މަންމަ ބުނީ. މީހުން ކިޔާ އެއްޗެއްސަށް ބަލާނުލާ ދުނިޔޭގައި އޮތް މަދު ދުވަސްކޮޅު ރަގަޅަށް އުޅެން މަންމަ ބޭނުމޯ...." ހައިސަމްގެ ވާހަކަތަކުން ޚަލީސީގެ ހިތުގައި ގަނޑުފެން އަޅާދިން ފަދައެވެ. ފިނކަން މުޅި ހަށިގަނޑާއި ސިކުނޑިއަށްވެސް ވާސިލުވިއެވެ.

***

ގަސްތަކުގެ ގޮފިތަކުގެ ދޭތެރެއިން ރަން އަވި ފުރާނާލާފައި ޖޯލީގައި ތިބި ހިލްމާއާއި ކައިދަންގެ މޫނަށް ކޮންމެވެސް ވަރަކަށް އެޅިފައިިއެވެ. ހިލްމާގެ މޫނުން މޮޅިވެރިކަމުގެ ތަސްވީރެކޭ ތަފާތެއްނެތެވެ. ހިލްމާ ކައިދަން ގާތުން އަހަމުން ދިޔައީ ޚާތޫނުގެ އެންމެ ފަހުގެ ދުވަސްތަކާއި ބެހޭގޮތުންނެވެ. ކައިދަން ބުނީ މާމަގެ ހަޔާތުގެ ފަހު ދުވަސްކޮޅު އުފާވެރިކަމުގައެވެ.

"މަންމާ އަހަރެން ސުވާލެއްކުރަން ބޭނުން..ފަސޭހަކަމެއްނޫން. އެކަމަކު ކަމެއް އޮޅުން ފިލުވަން ބޭނުން. އަހަރެމެން ފަޅުރަށަކަށް އެއްލައިލަން ޖެހުނު ސަބަބަކީ ކޮބާ؟ " ކައިދަން ސީދާ މައުޟޫއަށް ދިޔައެވެ.

ހިލްމާ ފިނިވެފައިވާ ދެއަތް މޮޑެލަމުން އިސްޖެހީ ކުށްވެރިއެއްފަދައިންނެވެ.

"ދަރިފުޅަށް ސީދާ ސަބަބު ކިޔާދޭކަށް މަންމައަށް ފަސޭހައެއްނޫން. އެކަމަކު ތިއީ ހަމަތެދެއް. މަންމައަށް ލިބުނީ އެއްމާބަނޑު ދެބެން........"ހިލްމާ ފުން ނޭވާއެއް ދޫކޮށްފައި މާޒީގެ އަނދިރިކަމުގެ ތެރެއަށް ފީނައިގަތެވެ.

ނުނިމޭ