03 Apr 2012, 11:37
މީހަކު ކިޔައިދިން ވާހަކަ އެކެވެ. ވަރަށް ކުރީގެ ވަރަށް ގާތް ރައްޓެއްސަކާ ދިމާވެއްޖެ އެވެ. ޒަމާންތަކެއް ކޮށްފަ އެވެ. ފެނުނުއިރު ހުރީ ސިފައަށް ބަދަލުތަކެއްވެސް އައިސްފަ އެވެ. އިންސާނީ ތަބީޢަތެވެ. ކޮންމެއަކަސް ގިނަ ދުވަސްތަކެއް ކޮށްފައި ބައްދަލުވުމުން ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ހާލު އަހުވާލުގެ ވާހަކައާއި އެގޮތް މިގޮތުގެ ވާހަކަ ތަކަކަށްފަހު، ދެމީހުން ވަކިވީ ފޯނުގެ ޑައިރެކްޓްރީ އަށް އައު ނަންބަރެއް އިތުރުކޮށްލަމުންނެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން ގުޅާލަމެވެ. ދިމާވެ އެވެ. ވާހަކަ ދައްކަމެވެ.
އެއްރެއަކު ޕާޓީއެއްގެ ތެރެއިން ފެނިއްޖެ އެވެ. ތަންކޮޅެއް ދުރުންނެވެ. އާންމު އުޞޫލުން ހީލައިފީމެވެ. ރައްދުގައި ހިނިތުންވުމެއް ނައެވެ. ފެނުނީ ބީރައްޓެހި ގޮތެކެވެ. ބަނަ މޫނުމައްޗެކެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ކަށަވަރެވެ. ގާތަށް ގޮސް ވީ ކީއްތޯ އަހައިފީމެވެ. މާ ގަޔަކާ ނުވި އެވެ. ވީގޮތެއްވެސް ނުބުންޏެވެ. އަޅައެއް ނުލަމެވެ. ގެނައި ދުރުކަން އެގޮތުގައި ބަލައިގަތީ އެވެ. މިހާރަށް އޮތް އެންމެ ރަނގަޅުގޮތްކަމަށް ނިންމާފަ އެވެ.
ވީގޮތް އެނގުނީ ދުވަސްކޮޅެއް ފަހުންނެވެ. އޭނާވެސް ދަންނަ އެހެން ރައްޓެއްސެއް ފުށުންނެވެ. ބުނި ބުންޏޯ އެއްގަ ޖެހުނީ އެވެ. "މާ ގާތް ރައްޓެއްސަކު" ދައްކާލި، މާ ރީތި ވާހަކައެއްގެ ޖާދޫގައި ބެދި، މާ ބޮޑަށް ހައްޔަރުވީ އެވެ. ހަގީގަތް އޮޅުންފިލުވަން ވެސް ބޭނުން ނުވީއެވެ. އިސްކުރީ ނުރުހުމެވެ. ފަސްކުރީ ގުޅުމެވެ. މިއީ މިކަންކަން ވެގެންވާނެ ގޮތެއްކަމަށް ނުވިޔަސް، ވަރަށް ގިނައިން ވާ ގޮތެކެވެ. މީހަކު އައިސް ވާހަކައެއް ދައްކާލައިފިނަމަ، ވަގުތުން އެވާހަކައެއް ގަބޫލު ކުރެވެ އެވެ. ގަބޫލު ކުރެވުނުލެއް ބޮޑުކަމުން އެއާ އެއްގޮތަށް މީހާގެ ހިތާއި ނަފުސު ދީލާވެސް ލެވެނީ އެވެ.
މިއީ ދެފަރާތުން، ބައެއް ހާލަތްތަކުގައި ތިން ފަރާތުންވެސް ވިސްނައި ފިކުރުކުރަން ޖެހިފައިވާ މައްސަލަ އެކެވެ. ފުރަތަމަ ފަރާތަކީ، އެ ވާހަކައެއް ދައްކާ ފަރާތެވެ. ވިސްނަންވީ ދެއްކޭ ވާހަކައެއްގެ ސަބަބުން މަސްލަޙަތަށް ކުރާނެ އަސަރެއް އޮތްތޯ އެވެ. ފަސާދައަށް ހުޅުވިދާނެ ދޮރެއް ހުރިތޯ އެވެ. އެފަދަ ކަމަކަށް ކިރިޔާވެސް މަގުފަހިވާނަމަ، އެންމެ އައުލާކަން ބޮޑީ، އެފަދަ ދަނޑިވަޅުގައި ހަނު ހުރުމެވެ. ދެވަނަ ފަރާތަކީ އަޑު އަހާ މިހާއެވެ. މީހަކު އައިސް ކޮންމެ ފަދަ ވާހަކަ އެއްވެސް ދައްކަފާނެ އެވެ. ދައްކާ ކޮންމެ ވާހަކަ އެއް ހަގީގަތަކަށް ނުވާނޭކަން ސިކުނޑީގައި ބާއްވާށެވެ. އެންމެ ބުއްދިވެރި ގޮތަކީ މީހަކު އައިސް އެބާވަތުގެ "ކޫސަނި" ވާހަކަ އެއް ދައްކަން ފަށައިފިނަމަ، އެވާހަކައެއް އަޑުނޭހުމެވެ. އެފަދަ ހިތްވަރެއް ނުލިބުނުނަމަ، އަޑު އެހިދާނެ އެވެ. އެއަށްފަހު އެކަމެއް ރައްދުވާ ފަރާތަކާ ސުވާލުކޮށް އޮޅުން ފިލުވައިލުމީ އެންމެ އެދޭވޭ ގޮތެވެ. ހިތުގައި އަލިފާން ރޯކޮށްގެން ހުރުމަކީ ފިނޑި ގޮތެކެވެ.
ބުނިބުންޏަށް ވާހާކަ ދެއްކުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމެކެވެ. ހީނުކުރާފަދަ ބޮޑިތި ގޯސްތައް އުފެދި، ފޫނުބެއްދޭފަދަ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އެއްލޭ ހިނގައި، އެއްތަށިން ކައިގެން، އެއް ފުރާޅެއްގެ ދަށުގައި އުޅެ ބޮޑުވެފައި ތިބި ބަޔަކުގެ މެދުގައި، ދުވަހަކު ނިއްވާނުލެވޭފަދަ ބިޔަ އަލިފާންގަނޑެއް ރޯވެދާނެ އެވެ. ކުޑަދުވަހުއްސުރެ އެކުވެރިކަމާއި ގާތްކަމުގައި އުޅެމުން އަންނަ ދެމިތުރެއްގެ ބަދަހި ގުޅުމުގެ ޗޭނުފަށް، އިސާހިތަކު ކަނޑައިގެން ގޮސް ދެ ހަތުރުންނަށް ވެދާނެ އެވެ. މިހިރީ ހިނގާފައި ހުރި، ހިނގަމުން އަންނަ ކަންކަމެވެ.
މިއީ ސިޔާސީ ޒަމާނެވެ. ގައުމުގައި ސިޔާސީ ކޮންމެވެސް ކުޅިގަނޑެއް ނުކުޅޭ ދުވަހެއް ފަހުގެ ތާރީޚުގައި މަދެވެ. ކަމެއް ހިނގައިފިނަމަ، ބުނި ބުންޏޯގެ އަޑު ގަދައެވެ. ދެމީހަކަށް އެއްގޮތަކަށް އެއްވާހަކައެއް ނުދެއްކޭ ހާލުގަިއވެސް ދައްކަމުން ގެންދެ އެވެ. ނަތީޖާއަކަށް ވަނީ އެއްވާހަކަ އެއް އެއްހާސް ގޮތަށް ދެކެވެމުން ދާއިރުވެސް، ކަން ހިނގި ގޮތް އޭގައި ނުހިމެނި، އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި މީހުންނަށް ތިބެން ޖެހުމެވެ. ކުށެއް ނެތް މީހުންނާމެދު އެތައްބައެއްގެ ހިތުގައި ނަފުރަތު އުފެދި، ބަދުދުޢާތައް ކުރެވެމުން ދިޔުމެވެ.
މިކަމާމެދު ކޮންމެ ފަރުދަކުވެސް ވިސްނާށެވެ. މީހަކު އައިސް ދައްކާހާ ވާހަކައެއް ގަބޫލު ނުކުރާށެވެ. އަދި އެވާހަކަ ދެވަނަ މީހެއްގާތު ނުދެއްކުމަކީވެސް އެންމެ ބުއްދިވެރި ގޮތްކަމަށް ބަލާށެވެ. ދައްކައިފިނަމަ ގިނަ ފަހަރަށް ވާހަކައަށް އަންނާނީ ކޮންމެވެސް ކަހަލަ އުނި އިތުރެކެވެ. އެވާހަކައިގެ އައު "ވާރޝަނެއް" އުފެދުން ނޫން ގޮތެއް ނުވެ އެވެ. ނަތީޖާއަކަށް ވާނީ ކޮންމެވެސް ބައެއްގެ މަސްލަޙަތަށް އެކަމުގެ ސަބަބުން އަސަރުކުރުމެވެ. ބަޔަކު މީހުން ތިމާއާ މެދު ހިތް ނުބައި ވުމެވެ. އެހެންކަމުން އެންމެ ބުއްދިވެރީ ބުނި ބުންޏޯގެ އޮއިވަރުގައި ނުޖެހުން ނޫންތޯ އެވެ.