06 Oct 2022, 22:05
މާލީ ބުރަ ކުޑަކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން މިއަދު ލަފާދީފިއެވެ.
ވޯލްޑް ބޭންކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިޔާދަވަމުން އައުމާ ގުޅިގެން އިގްތިޞާދު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސްގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.8 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ޖޫން މަހު ލަފާކުރި މިންވަރަށް ވުރެ އެއް ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތް އިރު، ސަރަހައްދީ އިގްތިޞާދީ ކުރިއެރުން ހުރީ 7.8 އިންސައްތައިގައެވެ.
މި ސަރަހައްދީ ރިޕޯޓާ އެއްކޮށް ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން ދެއްކި ގޮތުގައި، މި އަހަރު ރާއްޖޭގެ އިގްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގައެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޔާދަވަމުން އައުމެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިޞާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވަނީ ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ޚަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން ލަފާ ދީފައިވެއެވެ.
އެ ބަޔާނުގައި ވަނީ ޚަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ޚަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިޚާބާ ގުޅުންހުރި ޚަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވޭކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް، ޚާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ޚަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި މިއީ، ރާއްޖޭގެ އިގްތިޞާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ އިގްތިޞާދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައްކަމަށެވެ.
"އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ޚަރަދުތައް، ޚާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ޚިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް،" އޭނާ ވިދާޅުވިއެވެ.
އެމްޑީޔޫގެ ޚާއްސަ ސެކްޝަން، 'ޓުވާޑްސް ރެސިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން'ގައި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ބޮޑު ފަރަގެއް އޮތްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ޚަރަދު އިތުރުކޮށްފައި ވާއިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީތައް ހިމެނޭހެން އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ.
ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާ ކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެއްކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން ކުލި ދައްކައިގެން ގެދޮރު އަމިއްލަ ކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް އަދި ކުލި ދެއްކުމުގެ ޝަރުތުތަކާ ދެވޭ އިނާޔަތްތައް އެއްގޮތްކުރެވިދާނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑުކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.