ޤަވާއިދާ ޚިލާފަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓާކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށާއި އެހެންކަމުން އުޅަނދު ރަޖިސްޓާ ކުރުމުގައި ގަވާއިދުގެ ތެރެއިން އެކަން ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއްކަން ފާހަގަ ކުރައްވައި ނަހުލާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން. އަދި މިކަންތައްތައް ހަމަމަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގަވައިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ ވެހިކަލްތަކަކީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މިމަހުގެ ފަސް ވަނަ ދުވަހު ވަނީ އިތުރު 98 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.