"ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް (ޓަކައި، ކަނޑައަޅުއްވައި) ލިޔުއްވައިފައިވާ ކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، މުއުމިނުން ހަމައެކަނި، ﷲ އަށް ވަކީލުކުރާ ހުށިކަމެވެ." (އައްތައުބާ: 51)

މިއާޔަތުން އެނގި ބަޔާންވާ ފަދައިން އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ އަޅުގަނޑުމެން މިދުނިޔެއަށް އައުމުގެ މާކުރީން އަޅުގަނޑުމެންނަށްޓަކައި އެކަށައެޅިފައިވާ ކަމެކެވެ. ކަނޑައެޅި ނިމިފައިވާ ކަމެކެވެ. ތަޤްދީރުގެ ގަލަމުން ލިޔެވިފައިވާ ކަމެކެވެ. ފަތްފުށެއްގައި ރެކޯޑުކުރެވިފައިވާ ކަމެކެވެ. އަޅުގަނޑުމެންނާ ކުރިމަތިވާ އެއްވެސް ކަމަކީ އެކަމެއް ދަފަރާކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންނާ ލައިނުގަންނަ އެއްވެސް ކަމަކީ އަޅުގަނޑުމެންނާ ކުރިމަތިކުރުވޭނެ ކަމެއްނޫނެވެ. މި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ފުރިހަމަޔަށް ބިންވަޅު ނެގިއްޖެނަމަ އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ތުރާލެއް ވާނީ ލިބޭ ނިޢުމަތަކަށެވެ. ކޮންމެ މުޞީބާތެއް ވާނީ އަގުހުރި އިނާމަކަށެވެ. އަރަހުށި މާތްﷲ އަޅުގަނޑުމެންނަށް ހެވަކަށް އިރާދަކުރައްވައިފިނަމަ އެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނުލިބިއެއް ނުދާނެއެވެ.

އަރަހުށި މާތްﷲ ބައެއްފަހަރަށް މީހަކަށް މުދަލާއި ދަރަޖަދެއްވައެވެ. ނަސަބާއި ހަސަބުގެ މޮޅުކަން މިންވަރުކުރައްވައެވެ. ނަމަވެސް އެމީހެއްގެ ބުއްދީގެ ނިޢުމަތް ނިގުޅުއްވައި މޮޔައިންގެ ޖާގަޔަށް ފޮނުއްވައެވެ. އަނެކަކަށް މުދަލާއި ފައިސާއާއި ކަލަމިދިކަމާއި ބުއްދިވެރިކަން ދެއްވައެވެ. ނަމަވެސް ސިއްޙަތުގެ ނިޢުމަތުން މަޙުރޫމުކުރައްވައެވެ. މުދަލާއި ފައިސާ އޮހެމުން ދިޔުމާއެކުވެސް މުޅި އުމުރަށް ބަލިއެނދުގައި އޮންނަން މެދުވެރިކުރައްވައެވެ. އެހެންކަމުން އަރަހުށި މާތްﷲ އެކިއެކި އިމްތިޙާނަށް ހުރަހަޅުއްވާ މީހުންނަށް އޮތީ އެމީހަކަށް ކުރިމަތިވި މުޞީބަތެއް މިނެކިރުމުގެ ކުރީން އެމީހަކަށް ދެއްވައިފައިވާ ނިޢުމަތްތައް ހިމަނައި ޢަދަދުކުރުމެވެ.

އިންސާނާއާ ކުރިމަތިވާ ހުރިހާ ކަމެއްގެ ހުރިހާ އިޚްތިޔާރެއް އޮންނަނީ މާތްﷲ ގެ ޔަދުޤުދުރަތްޕުޅުގައެވެ. ޝައްކެއް ނެތެވެ. ކެތްތެރީންނަށް ހެޔޮ އުޖޫރަ ދެއްވައެވެ. އިންކާރުކުރާ މީހުންނަކީ ކުފުރުވާ މީހުންނެވެ. އެހެންކަމުން މުޞީބަތްތައް ކުރިމަތިވާ އަޚުން އުފާކުރައްވާށެވެ. ހުރިހާކަމެއް ހިނގަމުންދަނީ މަތިވެރިވަންތަ ރަސްވަންތަ ޒާތުފުޅެއްގެ ޙިކްމަތްފުޅުންކަން ހިތްޕުޅުގެ އަޑީން ޤަބޫލުކުރައްވާށެވެ. އެކަލާނގެއީ ނިޢުމަތްދެއްވާ ރަސްކަލާނގެއެވެ. ނިޢުމަތް ބީކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ އެހެން މީހުންގެ ކިބައިން ހިސާބު ހިއްޕަވައެވެ. އެއްވެސް ފަރާތަކަށް ޖަވާބުދާރީވެވޮޑިގަތުމަށްވުރެ އެކަލާނގެ ޒާތުފުޅު މާމަތިވެރިއެވެ. އެކަލާނގެ ކީރިތިވަންތަކަން މާބޮޑެވެ.

މިންވަރުފުޅަށް ރުހިވަޑައިނުގަންނަވާހައި ހިނދަކު ކަލާގެ ނާރުފުޅުތަކަށް ފިނިކަމެއް ލިބިވަޑައެއްނުގަންނަވާނެއެވެ. މޭފުޅުގެ ތެޅުމެއް ނުހުއްޓޭނެއެވެ. ސިކުނޑިފުޅުގައިވާ ވަސްވާސްތަކެއް ފިލައިގެނެއް ނުދާނެއެވެ. ހަނދުމަފުޅު ކުރައްވާށެވެ. ވާންހުރިކަމެއް ދާނީ ވަމުންނެވެ. އެހެންކަމުން މޮޅި ސާލު ލެއްވުމުގެ އޮތީ ކޮން ފައިދާއެއްތޯއެވެ. ކަރުނައެޅުއްވުމުގެ އޮތީ ކޮން ބޭނުމެއްތޯއެވެ؟ އަޅުގަނޑާއި ކަލާއާ ދެމީހުން ނުރުހުނަސް ރުހުނަސް މާތްﷲ ލިޔުއްވައިފައިވާ ގޮތަކަށް ކަން ހިނގަމުންދާނެއެވެ. އެކަލާނގެ ނިޔާފުޅު ތަންފީޒުވަމުން ދާނެއެވެ. އެހެންވީއިރު، ހަޅޭފުޅުލައްވައި އަތްފައިންޕުޅު ހޫރުއްވުމުގެ ބަދަލުގައި ނިޔާފުޅުގެ ކުރިމަތީގައި އިސްތަށިފުޅު ލަންބަވައިލައްވާށެވެ. އޭރުން ކަލާގެ ހިތްޕުޅު ރަމަތަވެދާނެއެވެ. ސިކުނޑިފުޅަށް ފިނިކަން ލިބިވަޑައިގެންފާނެއެވެ.

ކަލާ އަސްބާބުތަކުގައި ހިއްޕަވައި، ބުއްދިފުޅާއި ޙިކްމަތުގެ ބޭނުން ކުރެއްވުމާއެކުވެސް ދެރަގޮތެއް ދިމާވެއްޖެނަމަ މިއީ މިންވަރުފުޅުގައި ހުރިގޮތޭ ވިދާޅުވާށެވެ. މާތްﷲއީ އެދިވޮޑިގެންވާ ގޮތަކަށް ކަންކުރައްވާ ބާރުވެރިވަންތަ އިލާހެވެ ވިދާޅުވާށެވެ. ކަލާ ޙިކްމަތްތެރިކަމާއި ހަމަ ޤަބޫލުކުރެއްވުމުގެ މާތް އުޞޫލު ދޫކޮށްލައްވާ ފަހަރުފަހަރު ދިމާވާ ދެރަގޮތްތައް އެހެން މީހުންނަށް ފޫޅުކަނޑުއްވަން ނުއުޅުއްވާށެވެ.