06 Oct 2022, 14:23
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވެފައިވަނީ ކަރަށާއި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ދައުލަތުން ބުނެފިއެވެ.
ދަންޖެހިގެން ހަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓަށް މާވިން އާއި ލަމްހާ ހާޒިރުކޮށްގެން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވައި އެ ހާދިސާގެ ބައެއް ވާހަކަތައް ކިޔައިދީފައެވެ.
އެގޮތުން މޭރީގެ މަރާ ގުޅިގެން މާވިންއާ ލަމްހާ އެކި ފަހަރު ވާހަކަ ދައްކާފައިވަނީ އެކި ގޮތަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި މޭރީގެ ހަށިގަނޑު އެގެއިން ނެރިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެގެއަށް ލަމްހާ ވަދެ ވިއްސަކަށް މިނެޓް ހޭދަކޮށް ނިކުމެގެންދިޔަތާ އިރުކޮޅެއް ފަހުން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
މޭރީ އަކީ އަމިއްލައަށް މަރުވުމުގެ ހިޔާލުހުރި މީހެއް ނޫންކަން ސާބިތު ކޮށްދޭނެ ކަމަށް ދައުލަތުން ބުނެފައިވާއިރު އޭނާ އަމިއްލައަށް މަރުވިކަން ދެއްކުމަށް ސީންއެއް ހަދާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ލަމްހާގެ އެހީތެރިކަމާއެކު މާވިން, މޭރީ މަރާލި ކަމަށް ދައުލަތުން ތުހުމަތުކުރި ނަމަވެސް މާރާލީ ކިހިނެއް ކަމެއް ބުނެދީފައެއް ނުވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން މޭރީ އާއި މާވިންގެ ވަކީލުން ވަނީ އެ ދެ މީހުން ދައުވާއަށް އިންކާރު ކުރާކަމަށް ބުނެފައެވެ. އަދި އެކަން ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅާނެ ކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.
މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.