މެދުއިރުމަތީގެ ޔަހޫދީ ދައުލަތް ކަމަށްވާ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތަކު މަރާލައިފިއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނަބްލުސްގެ އިރުމަތީގެ ދައިރު އަލް ޚައްޠާބަށް އިޒްރޭލުން ދިން ހަމަލާގައި މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ އަލާ ޒަޣަލްއެވެ.

މި ހަމަލާގައި އިތުރު ހަ މީހުން ޒަޚަމްވެފައިވާއިރު، މީގެ ތެރޭގައި ފަލަސްޠީން ޓީވީގެ ދެ ނޫސްވެރިން ވެސް ހިމެނެއެވެ.

އިޒްރޭލުން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން ދައިރު އަލް ޚައްޠާބުގައި ކުރިއަށް ގެންދިޔައީ މިލިޓަރީ އޮޕަރޭޝަނެކެވެ.

އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް މިފަދަ ގިނަ ހަމަލާތައް އެ ގައުމުން ދެމުން އަންނައިރު، މިދިޔަ ހޯމަ ދުވަހު ރާމަﷲގެ ޖަލާޒޯން ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ދެ މީހަކަށް ހަމަލާދީ އިޒްރޭލުން ވަނީ މަރާލާފައެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލުން ބުނެފައިވަނީ އެއީ އެ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ޓެރަރިސްޓް ހަރަކާތެއް ކުރިއަށް ގެންދާކަމަށް ޝައްކުކުރެވޭތީ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި ހަމަލާތަކުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ހަށިގަނޑުތައް އެ މީހުންގެ އާއިލާތަކަށް ދިނުމަށް އިޒްރޭލުން ދެކޮޅު ހަދަމުން އަންނައިރު، މިއީ ޖެނީވާ ކޮންވެންޝަނާވެސް ޚިލާފު ޢަމަލެކެވެ.

އިޒްރޭލުން ފަލަސްޠީނުގައި ލާއިންސާނީ އެތަކެއް އަމަލުތަކެއް ހިންގަމުން އަންނައިރު، ބައިނަލްއަގުވާމީ މުޖުތަމަޢުއިން ފަލަސްޠީނަށް އެހީތެރިވުމުގައި ދަނީ ފެއިލްވަމުންނެވެ. އަދި އިޒްރޭލާ ދެކޮޅަށް އދ.ގައި ގަރާރެއް ފާސްކުރި ނަމަވެސް އެމެރިކާއިން ދަނީ އެ ގަރާރެއް ވީޓޯ ކުރަމުންނެވެ.