06 Oct 2022, 13:38
އަފްޣާނިސްތާނިގެ އިންޓީރިއާ މިނިސްޓްރީގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.
އިއްޔެ މެންދުރު މީހަކު އަމިއްލައަށް މަރުވެގެން އެ ހަމަލާ ދިނީ އިންޓީރިއާ މިނިސްޓްރީގެ މުވައްޒަފުންނާއި އިތުރު މީހުން ވެސް މިސްކިތުގައި ނަމާދު ކުރަން ތިއްބައެވެ.
އެ ހަމަލާގައި ހަތަރު މީހަކު މަރުވެ، 25 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ.
އެ ހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްސްޕާސަން އަބްދުލް ނަފީ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުމުން އިތުރު މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވާނެކަމަށެވެ.
އިޓަލީގެ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ "އެމަޖެންސީ"އިން ބުނީ އެ ހަމަލާގައި ޒަހަމްވި 20 މީހަކު، އެ ޖަމްއިއްޔާއިން ކާބުލްގައި ހިންގާ ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ދެ މީހުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
އަފްޣާނިސްތާނުގައި މިދިޔަ ހުކުރު ދުވަހުވެސް ބޮމުގެ ހަމަލާއެއްގެ ސަބަބުން 53 މީހުން މަރުވެފައިވާއިރު، މިއީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާ ދެކޮޅަށް ހިންގާ ޖަރީމާތަކެއްގެ ގޮތުގައި އެ ޖަމާއަތުން ދެކެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުގެ ސުލްހަމަސްލަސްކަމަށް މަސައްކަތްކުރާނެ ކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ހަމަލާތައް އެ ގައުމުގެ އާންމުންނަށް ނުރައްކަލަކަށް ވެފައިވާއިރު، ތާލިބާން ސަރުކާރުން މިކަން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރު ކުރަން ޖެހޭ ކަމަށް ކަމުގެ މާހިރުން ދެކެއެވެ.