ރާއްޖޭގެ ބައެއް ރަށްރަށާއި ރިސޯޓްތަކުގެ ފަޅުތެރެއިން އައްސިދަ ގަރު ނުވަތަ އަލްގަލް ބްލޫމްސްގެ އަސަރު ފެންނަމުން އެބަދެ އެވެ. އަދި އެކަމާ ގުޅިގެން ބައެއް ރަށްރަށުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރަން ފަށާފަ އެވެ.

މ. ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށަށް ރަތް ކުލައިގެ ލޮނދިތަކެއް ލައްގަމުންދާ ކަމަށާއި އެއިން ދުވާ ފަރުހަކިވަސް ފެތުރިފައިވާއިރު އެ ވަސް ޖެހިގެން އެ ރަށުގެ ބައެއް މީހުންނަށް އަސަރުކޮށް ހޮޑުލުލަމުން ދާ ކަމަށެވެ.
~
"ރަށުގެ އަތިރިމަތީގައި ރަތްކުލާގެ ލޮނދި ބުރި ބުރި ފަދަ ގޮތަކަށް ހުރި އެއްޗެއް ލައްވަމުން ދަނީ. އަދި އެއިން ދުވަނީ ފަރުހަކިވެސް، އޭގެ ވަސް ޖެހިގެން ބައެއް މީހުން ދަނީ ހޮޑުލަމުން،" އިމްރާން ވިދާޅުވި އެވެ. ދިއްގަރު ނޫނަސް ބައެއް ރަށްރަށަށް މި މައްސަލަ ދިމާވެފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން ނ. ޅޮއްސަށް ވެސް ވަނީ މަރުވެފައިވާ މަސް ލައްގާ، ރަށް ކުނިވުމުގެ މައްސަލަ ދިމާވެފަ އެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ޑރ. މުހައްމަދު ޝިހާމް، ވިދާޅުވީ ދެކުނުގެ ދެ ރިސޯޓަކުން ވެސް ލޮނުގަނޑު ތަޣައްޔަރުވުމުގެ މައްސަލަ ދިމާވެވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކޮން ދެ ރިސޯޓެއް ކަމެއް ވިދާޅެއް އެވެ.

ޝިހާމް ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވުމާއިއެކު މޫސުމަށް އަންނަ ބަދަލުތަކާއެކު އަލްގީގެ ބާވަތްތައް އިތުރު ވުމުގެ ސަބަބުން އަލްގަލް ބުލޫމުސް ފެނިގެން ދާނެ ކަމަށާއި އޭގެ ސަބަބުން މިދުވަސްވަރު މަސްމަރުވުމައި ލޮނުގަނޑު ތަޣައްޔަރުވުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ.

ލޮނުގަނޑު ތަޣައްޔަރުވެ އެކި ކުލަކުލައަށް އަށް ބަދަލުވާ ގޮތް މެދުވެރިވާ ބުލޫ ގްރީން އަލްގޭ އަކީ ޓްރައި ކޮސްމީނިއަންގެ ބާވަތެކެވެ. ނުވަތަ މައިކްރޯ ޕްލަންޓީގެ ތެރޭގައި އުޅޭ އަލްގީގެ ސަބަބުން ދިމާވާ ލޮނުގަނޑު ތަޣައްޔަރުވުމެކެވެ. އަލްގަލް ބުލޫމްސް އަކީ ވިހަ މާއްދާއެއް ކަމަށްވާ ޓޮކްސިން ހިމެނޭ ތަޣައްޔަރު ވުމެކެވެ. ގުދުރަތީ ގޮތުން ހުންނަ މިންވަރަށް ވުރެ ގިނައިން ޓޮކުސިން ހުންނަނަމަ އެކަމުގެ އަސަރު މަސްމަހާމެއްސަށް ކޮށް މަސް މަރުވެ އެވެ. މިފަދަ ގޮތަކަށް ލޮނުގަނޑު ތަޣައްޔަރުވުމަށް އާންމުކޮށް ދިވެހިން ކިޔާ އުޅެނީ އައްސިދަ ގަރެވެ. މިއަހަރު އައްސިދަ ނަކަތް ފަށާނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.