06 Oct 2022, 13:24
ގޫގުލްގެ އެންމެ ފަހުގެ ސްމާޓްފޯނުތައް ގޫގުލް ޕިކްސެލް 7 އާއި ޕިކްސެލް 7 ޕްރޯ މިރޭ އެ ކުންފުނިން ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.
ގޫގުލްގެ އާ އުފެއްދުންތައް ތައާރަފު ކުރަން ބާއްވާ "މޭޑް ބައި ގޫގުލް" ލައިވް އިވެންޓު ފަށާނީ ރާއްޖެ ގަޑިން 19:00 (އީސްޓާން ޓައިމް 10:00)ގައެވެ.
އެ އިވެންޓުގައި ގޫގުލް ޕިކްސެލް 7 އާއި ގޫގުލް ޕިކްސެލް 7 ޕްރޯގެ އިތުރުން އާ ގޫގުލް ޕިކްސެލް ވޮޗް އާއި އާ 'ނެސްޓް ހޯމް' ފަދަ ގޫގުލްގެ އެންމެ ފަހުގެ ޑިވައިސްތައް ރަސްމީކޮށް ތައާރަފު ކުރާނެއެވެ.
މެއިޑް ބައި ގޫގުލް ލޯންޗް ކުރުމުގެ ހަރަކާތް އޮންލައިންކޮށް ލައިވްކޮށް ބަލާލެވޭނެއެވެ.
އެ އިވެންޓް ބާއްވަނީ އެމެރިކާގެ ނިއުޔޯކްގައި، ގޫގުލްއިން ދައުވަތުދޭ ނޫސްވެރިންނަށް އެކަނި ވަދެވޭ ގޮތަށެވެ. އެހެން ނަމަވެސް، އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ޔޫޒަރުންނަށް ލިބެން ހުންނަ ގޫގުލްސްޓޯ.ކޮމް އަދި އިވެންޓްސްއިން ލައިވްކޮށް އެ ހަރަކާތް ބެލޭނެއެވެ.
މީގެ އިތުރުން މޭޑް ބައި ގޫގުލް ޔޫޓިއުބް ޗެނަލްއިންވެސް ލައިވްސްޓްރީމް ބަލާލެވޭނެއެވެ.
އެ އިވެންޓް ކުރިއަށްދާއިރު މޭޑް ބައި ގޫގުލްގެ ޓުވިޓާ އަދި ފޭސްބުކް އެކައުންޓުން ވަގުތުން ވަގުތަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންދާނެއެވެ.
ޔޫޓިއުބް މެދުވެރިކޮށް އެ އިވެންޓް ބަލަން ބޭނުންވާ މީހުންނަށް އިވެންޓް ފެށެން ގާތްވުމުން ހަނދާން ކޮށްދޭން ރިމައިންޑާއެއް ވެސް ލެވޭނެ ގޮތް އެ ކުންފުނިން ވަނީ ހަދާފައެވެ. އެގޮތުން ރިމައިންޑާއަށް ލުމަށް މޭޑް ބައި ގޫގުލް ޔޫޓިއުބް ޗެނަލަށް ވަދެ 'ނޮޓިފައި މީ' އޮޕްޝަނަށް ކްލިކް ކުރުމުން އެ ހަރަކާތް ފެށެންވާ އިރަށް ހަނދާން ކޮށްދޭނެއެވެ.