އަރިއަތޮޅު ދެކުނު ކަނޑުގެ ސަރަހައްދުގެ ބޭރުން އިއްޔެ ފެނުނު ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އއ. އަތޮޅު ހުޅަނގުން ގާތްގަނޑަކަށް 77 މޭލު ބޭރުން ފެނުނު ކަމަށް ބުނާ ބޯޓް ހޯދުމަށް ކޯސްޓްގާޑުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަދު ހެނދުނުން ފެށިގެން ވައިގެ މަގުންނާއި ކަނޑުގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދި މިހާތަނަށް އެބޯޓު ވީނުވީ ދިމާލެއް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް ބޯޓް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން އަންނަ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޯޓެއް ފެނިގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ އއ. އުކުޅަހު ”ކޮންކޯޑް”ކިޔާ ދޯންޏަކުންނެވެ.

އަރިއަތޮޅު ބޭރުން ފެނުނު ގޮތް ނޭނގޭ ބޯޓެއް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ އިރު، މިދިޔަ ހަފުތާގެ ތެރޭގައި ކަނޑުފޭރޭ ބަޔަކު ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ހައިޖެކް ކުރި ބޭރުގެ އާގު ބޯޓެއް އަތުލައިގަތުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ދަނިކޮށް އެބޯޓް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެންގޮސްފަ އެވެ.