06 Oct 2022, 10:04
މިއަދު ނެރެން ހަމަޖެހިފައިވާ ޕިކްސެލް ވޮޗްގެ އާ މައުލޫމާތުތަކެއް ލީކުވެ، އެ ގަޑިއާ ބެހޭ ގޮތުން މީގެ ކުރިން އާންމުކޮށްފައި ނުވާ އެތައް ކަމެއް ހާމަވެއްޖެއެވެ.
ގޫގުލް ޕިކްސެލް ވޮޗްގެ ފުރިހަމަ ދައްކާލުމެއް މިރެއަށް ތާވަލުކޮށްފައިވާއިރު ޕިކްސެލް 7 އަދި ޕިކްސެލް 7 ޕްރޯ ފޯނު ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓެކް އުފެއްދުންތަކާ ބެހޭ މައުލޫމާތު ކުންފުނިތަކުން ރަސްމީކޮށް އެންގުމުގެ ކުރިން އެފަދަ މައުލޫމާތު ހޯދައި އާންމުކުރުމުގެ ތަޖުރިބާ ހުރި ސްޓީވް އެޗް. މެކްފްލައި ނުވަތަ ޓުވިޓާ ނަމުން ނަމަ އޮންލީކްސް، ޓުވިޓާގައި ހިއްސާކުރި ޕޯސްޓަކުން ފެންނަނީ މިއަދު ނެރެން ހަމަޖެހިފައިވާ ޕިކްސެލް ވޮޗްގެ ބައެއް ކުލަތަކާއި ކަމަރުގެ ވައްތަރުތަކެވެ. ވޮޗް އިންޓަފޭސްގެ ބައެއް ޝޮޓްތަކާއި ސްމާޓްފޯނަކާއެކު ސިންކު ކުރާ ފޮޓޯއެއް ވެސް އޭނާ ހިއްސާކޮށްފައިވެއެވެ.
ގަޑީގެ މޫނުމަތީގެ ސިފަތައްވެސް އެ ލީކުގައި ހިމަނާފައިވާއިރު، އެ ގަޑިން ވަގުތު ދައްކާލުމަށް ތަފާތު ގޮތްތައް ބޭނުންކުރެވޭނެކަން ފޮޓޯތަކުން އެނގެއެވެ. އެގޮތުން އެނަލޮގާއި ޑިޖިޓަލް ފޯމެޓުތަކުގައި ވެސް ވޮޗް ފޭސްތައް ހިމަނާފައިވެ އެވެ. އެހެން ފޮޓޯއަކުން ފެންނަނީ ހިތުގެ ވިންދު ޖަހާ މިންވަރު ވަޒަން ކުރުމަށް އީސީޖީ ރީޑިންއެއް ނަގަން ބޭނުން ކުރާ ގަޑިއެވެ.
އެ ލީކުގައި ވާގޮތުން މިފަހަރު އަލަށް ނެރޭ ޕިކްސެލް ވޮޗްގެ ސިލިކޮން ކަމަރު ކަޅު، ގްރޭ، ހުދު، އަދި މަޑު ފެހި ކުލައަކުން ލިބެން ހުންނާނެއެވެ. އަދި ލެދާ ކަމަރު ކަޅު، އޮރެންޖް، ފެހި އަދި ހުދު ކުލައިން ލިބޭނެކަމަށް ބެލެވެއެވެ. އޭގެ އިތުރުން ރަތް، ކަޅު އަދި ފެހި ކުލައިގެ ފެބްރިކް އޮޕްޝަނެއް ވެސް ހުރެދާނެ ކަމަށް އެ މައުލޫމާތުން ދޭހަވެއެވެ.
އާ ޕިކްސެލް ވޮޗާ ބެހޭ ގޮތުން މީގެ ކުރިން އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގަޑީގައި ސިއްހީ މައުލޫމާތު ލޮގް ކުރުމަށް ފިޓްބިޓް އެޕާ ގުޅިގެން ގޫގުލްއިން މަސައްކަތް ކުރާނެކަން ވަނީ ކަށަވަރުވެފައެވެ. އަދި ލީކުވެފައިވާ ފޮޓޯތަކުންވެސް އެކަންވަނީ ކަށަވަރުވެފައެވެ. އެގޮތުން، ޕިކްސެލް ވޮޗްއަކާއި އެންޑްރޮއިޑް ފޯނެއްގައި ފިޓްބިޓް ބޭނުންކުރާ ފޮޓޯއެއް ލީކުވެފައިވެއެވެ.
މި ސްމާޓްވޮޗް ވެގެންދާނީ ޕިކްސެލްގެ އުފެއްދުންތަކަށް އިންތިޒާރު ކުރަމުންދާ މީހުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ. އެ ގަޑި އެހާވެސް ފުރިހަމަ ވެފައި ނަލަވާނެކަމަށް ބެލެވެއެވެ.