06 Oct 2022, 09:17
ސްކްރީންޝޮޓް ނުނެގޭގޮތަށް ވަޓްސްއެޕްއިން ފޮޓޯ ފޮނުވޭނެ ފީޗާއެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.
ވަޓްސްއެޕްއިން ސްކްރީންޝޮޓް ނުނެގޭނެ ގޮތް ހަދާފައި ވަނީ 'ވިއު ވަންސް'ގެ ފޯމެޓްގައި ފޮނުވާ ތަސްވީރުތަކަށެވެ.
ވަޓްސްއެޕްއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވަނީ 'ވިއު-ވަންސް' ފޯމެޓުގައި ފޮނުވާ ތަސްވީރުތަކުގެ ސްކްރީންޝޮޓް ނުނެގޭނެ ގޮތަށް ވަރަށް އަވަހަށް ހަދާނެކަމަށާއި އެ ފީޗާ ޓެސްޓު ކުރަން މަދު ބަޔަކަށް ތައާރަފު ކުރަމުންދާ ކަމަށް ބުނެފައެވެ.
މިހާރު ވަޓްސްއެޕްއިން ވަނީ އެކަން ހަގީގަތަކަށް ހަދާފައެވެ. އެހެންކަމުން 'ވިއު-ވަންސް' ފޯމެޓްގެ ތަސްވީރު ނުވަތަ ވީޑިއޯގެ ސްކްރީންޝޮޓް، ލިބޭ ފަރާތްތަކަށް މިހާރަކު ނުނެގޭނެއެވެ.
އެ ފީޗާގެ އިތުރުން ވިއު ވަންސް ފޯމެޓްގައި ފޮނުވާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސްކްރީން ރެކޯޑިން ވެސް ބްލޮކް ކުރާނެ ކަމަށް ވަޓްސްއެޕްގެ ރިޕޯޓުގައި ބުނެފައިވެއެވެ. ވަޓްސްއެޕްއިން މިހާރު ސްކްރީން ރެކޯޑިންވެސް ނުނެގޭނެގޮތަށް ބްލޮކޮށްފައިވާއިރު، މީހަކު ސްކްރީންޝޮޓެއް ނަގަން އުޅެފިނަމަ އޭގެ ބަދަލުގައި ހަމައެކަނި ނެގޭނީ ހުސް ސްކްރީނެކެވެ. މިއީ ނެޓްފްލިކްސް، ޑިޒްނީ+ ހޮޓްސްޓާ އަދި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ އޯޓީޓީ އެޕްތަކުންވެސް ބޭނުންކުރާ ފީޗާތަކާ އެއްގޮތް ފީޗާއެކެވެ.
ވަޓްސްއެޕްއިން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން، ސްކްރީންޝޮޓް ބްލޮކިން ފީޗާގެ ސަބަބުން އިތުރު އެއްވެސް އެޕަކަށް 'ވިއު ވަންސް' ފޮޓޯތައް ނުބެލޭނެއެވެ. އެއީ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޕްރައިވެސީ އިތުރު ކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓުގައިވެއެވެ.
ވަޓްސްއެޕްއިން އެ ފީޗާ ތައާރަފުކޮށްފައި ވީނަމަވެސް ސޮފްޓްވެއާ އަޕްޑޭޓް ނުކުރާ ކުރީގެ ވާޝަންއަކުން މިހާރުވެސް ސްކްރީންޝޮޓް ނަގައި، ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ސްކްރީންޝޮޓެއް ނަގަން އުޅެފިނަމަ "ސްކްރީންޝޮޓް ވޯސް ބްލޮކްޑް ފޯ އެޑެޑް ޕްރައިވެސީ" މިހެން ލިޔެފައިވާ މެސެޖެއް ފެންނާނެ ކަމަށެވެ. އެހެންނަމަވެސް އިންސްޓާގްރާމް ފަދަ އެހެން ބައެއް ޕްލެޓްފޯމްގައި ވާގޮތަށް، ސްކްރީންޝޮޓް ނަގަން އުޅުނަސް އެކަމުގެ އެއްވެސް ނޮޓިފިކޭޝަނެއް ފޮޓޯ ފޮނުވާ ފަރާތަށް ވަޓްސްއެޕްއިން ނުފޮނުވާނެއެވެ.
ވަޓްސްއެޕްއިން ބުނީ އެ ފީޗާ އަދި ލިބޭނީ ވަޓްސްއެޕް އަޕްޑޭޓް ކޮށްފައިވާ ބީޓާ ބިލްޑެއް ބޭނުންކުރާ ބައެއް ބީޓާ ޓެސްޓަރުންނަށް އެކަނި ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިތުރު ޔޫޒަރުންނަށް މި ފީޗާ ބޭނުން ކުރެވޭ ގޮތް ހަދަމުން ދާނެކަމަށް ވަޓްސްއެޕްގެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެ ފީޗާއާއެކު ވަޓްސްއެޕްއިން ވަނީ އިތުރު ދެ ޕްރައިވެސީ ފީޗާއެއް ތައާރަފު ކުރާނެކަން އިއުލާންކޮށްފައެވެ. އެގޮތުން ވަޓްސްއެޕް ގްރޫޕެއްގައި ހިމެނޭ މީހަކު އެ ގްރޫޕުން އަމިއްލައަށް ބޭރުވެއްޖެ ނަމަ އެކަން ގްރޫޕުގެ އެހެން މެންބަރުންނަކަށް ނާންގާނެއެވެ. ބައިވެރިއަކު ގްރޫޕަކުން ނިކުންނަ ކޮންމެ ފަހަރަކު އެކަން އަންގާނީ ހަމައެކަނި ގްރޫޕް އެޑްމިންތަކަށެވެ.
ވަޓްސްއެޕްއިން ދެން ތައާރަފު ކުރި ފީޗާއަކީ އެމީހެއްގެ އޮންލައިން ސްޓޭޓަސް ފޮރުވުމުގެ އިޚްތިޔާރު ދިނުމެވެ. އަދި އޮންލައިން ސްޓޭޓަސް ދައްކާނީ ކޮން ބަޔަކަށްތޯ ޚިޔާރު ކުރުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެއެވެ.