ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމުން ޔޫރަޕްގެ ގައުމުތައް ރަޝިއާ ދެކެ ގަންނަ ބިރުގެ ނާޖާއިޒު ފައިދާ އެމެރިކާ ވަރަށް ހީލަތްތެރިކަމާއެކު ވަރަށް ބޮޑަށް ނަގަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޓްރެޓީޖިކް މުހައްލިލުންނާއި އަސްކަރީ ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން އެމެރިކާގެ އިގްތިސާދުގެ ލޭނާރު ކަމަށްވާ އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ސޭލްސް ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ވަނީ މެކުހަށް ޖަހާފައެވެ. އަދި އެކުންފުނިތަކަށް ވަނީ ފާއިތުވި 30 އަހަރު ތެރޭގައިވެސް ނުލިބޭ ވަރުގެ ބޮޑު ފައިދާތައް ލިބެން ފަށާފައެވެ. އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން ގެންދަނީ މިދަނޑިވަޅުގެ ބޭނުންކޮށްގެން ޔޫރަޕަށް ހަތިޔާރު ވިއްކުން އިންތިހާއަށް އިތުރުކޮށް ހަތިޔާރުގެ ވިޔަފާރިން ބޮޑު ފައިދާއެއް ނަގަމުންނެވެ.

މިކަމަށްޓަކައި، ޔުކްރެއިން އާއި ރަޝިއާ ސުލްހައިގެ ވާހަކަތަކާ ދިމާއަށް ގެންދިޔުމުގެ ބަދަލުގައި އެމެރިކާ ގެންދަނީ ހަނގުރާމަ ދިގު ދެންމޭނެ ގޮތްތައް ވަރަށް ހީލަތްތެރި ގޮތެއްގައި ރާވައި ރަޝިއާ ބަލިކުރެވޭނެ ކަމުގެ ހުވަފެން ޔުކްރެއިންއަށް ދައްކައިގެން އެމެރިކާގެ ހަތިޔާރުތައް ތަޖުރިބާކުރާ މައިދާނަކަށް ޔުކްރެއިން ހަދަމުން ކަމަށް މުހައްލިލުންނާއި ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާ ބުނެފައިވެއެވެ.

މިފަރާތްތައް ބުނާގޮތުން ޔުކްރެއިންއިން ރަޝިއާގެ މައްޗަށް އަސްކަރީގޮތުން ކާމިޔާބު ހޯދާ ވާހަކަތައްވެސް ހުޅަނގުގެ މީޑިއާތަކުންވަނީ އާދަޔާ ޚިލާފަށް ބޮޑުކޮށްލާފައެވެ. މިކަމުގެ ބޭނުމަކީ ހަނގުރާމަ ދިގު ދެންމުމުގެ ހިތްވަރު ޔުކްރެއިންއަށް ދިނުމާއި އެމެރިކާ އަޑީގައި އޮވެގެން އެމެރިކާގެ ހަތިޔާރުތައް ޔުކްރެއިން ލައްވައި ޔުކްރެއިންގެ ބިމުގައި ރަޝިއާއާ ދެކޮޅަށް ތަޖުރިބާކޮށް އޭގެ އަޖުމަ ބެލުމުގެ ފުރުސަތު އިތުރުކުރުމެވެ. އަދި އެމެރިކާ ޔުކްރެއިންއަށް ދޭ އަސްކަރީ އެހީތަކުގެ މަގްސަދު ހާސިލްވާކަން އެމެރިކާގެ ރައްޔިތުންނަށް ދައްކައިގެން ކުރިއަށް އޮތް ކޮންގްރެސް އިންތިޚާބަށް އެމެރިކާގެ އާންމުންގެ ތާއީދު ހޯދުމަކީވެސް ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ ހީލަތްތެރި އެޖެންޑާއެކެވެ.

މި ރިޕޯޓްތަކާއި ތަހުލީލުތައް ބުނާގޮތުން ހަތިޔާރުގެ ސިނާއަތުގައި އަލަށް ކުރިއަރަމުން އަންނަ އީރާނާއި ތުުރުކީވެސް ގެންދަނީ ޔުކްރެއިން ހަނގުރާމައިގެ ފައިދާ ނަގަމުންނެވެ.

އީރާނުން އުފައްދާ ޑްރޯން އާއި އެނޫން ހަތިޔާރުތައް ރަޝިއާ މެދުވެރިކޮށް ޔުކްރެއިން އާ ދެކޮޅަށް ބޭނުންކޮށް އެތަކެތީގެ އަޖުމަ ބަލައި އެތަކެތި އިތުރަށް ތަރައްގީ ކުރެވޭނެ ފުރުސަތު އީރާން ހޯދަމުން ގެންދާކަމަށާއި ތުުރުކީވެސް ގެންދަނީ އެގައުމުގެ ހަތިޔާރު ޔުކްރެއިންއަށް ފޯރުކޮށްދީގެން އޭގެ އަޖުމަ ބަލަމުން ކަމަށާއި ޚުދު ރަޝިއާވެސް އެގައުމުގެ ހަތިޔާރުތައް ޔުކްރެއިންއާ ދެކޮޅަށް ތަޖުރިބާ ކުރަމުން ގެންދާކަމަށް މި ރިޕޯޓްތައް ބުނެއެވެ. ނަތީޖާއަކީ މިހުރިހާ ކަމެއްގެ ގެއްލުން ޔުކްރެއިންގެ ރައްޔިތުންނަށް ލިބެމުން ދިޔުމެވެ. މިހަތިޔާރުތަކުން މަރުވެ އަތްފައި ބުރިވަމުންދަނީ ޔުކްރެއިންގެ ރައްޔިތުންކަމަށް އަލްޖަޒީރާ ބުނެއެވެ.

ނަމަވެސް އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ޔޫރަޕް ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކުން އެއްބާރުލުން ނުދިނުމުން އެފިޔަވަޅުތަކުގެ ބާރު ކެނޑިފައިވާކަން އަލްޖަޒީރާގެ މުހައްލިލުން ފާހަގަ ކުރައްވައެވެ.

އެމެރިކާ އިއްޔެވެސްވަނީ އަނެއްކާވެސް ޔުކްރެއިންއަށް އެތައް މިލިޔަން ޑޮލަރެއްގެ އަސްކަރީ އެހި ދިނުމަށް ނިންމައިފައެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ މިފަހަރު ޔުކްރެއިންއަށް ދިނުމަށް ނިންމި އަސްކަރީ އެހީގެ ތެރޭގައި ރަޝިއާއާ ދެކޮޅަށް ބޭނުންކުރާނެ ބަރުހަތިޔާރާއި، ގިނަ އަދަދެއްގެ ވަޒަނާއި ސްޕެއާޕާޓްސް އާއި މެދު ރާސްތާ ރޮކެޓް ސިސްޓަމް ކަމުގައިވާ ހައިމާސްވެސް ހިމެނޭ ކަމުގައެވެ.

ވައިޓް ހައުސް ބުނާގޮތުން މިއެހީ ޔުކްރެއިންއަށް ދޭން ނިންމީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫކްރެއިނުގެ ރައީސް ވްލަޑިމީރް ޒެލެންސްކީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގައެވެ. މިއީ 625 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީކަމަށް ވައިޓް ހައުސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބައިޑެން، ޒެލެންސްކީއާ ފޯނުން ދެއްކެވި ވާހަކަފުޅުގައި ޔޫކްރެއިނަށް އަސްކަރީ އިތުރު އެހީތައް ފޯރުކޮށްދިނުމުގައި އެމެރިކާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވިކަމަށާއި ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ރަޝިއާގެ ބައެއްގެ ގޮތުގައި ރަޝިއާ ނިންމި ނިންމުން އެމެރިކާ ބަލައިނުގަންނާނެ ކަމުގެ ޔަގީންކަންވެސް ބައިޑެން ދެއްވިކަމަށް ވައިޓް ހައުސްގެ ބަޔާން ބުނެއެވެ.

ރަޝިއާ ޔުކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ތަންތަނުގެ ގޮތުގައި ހެދިހެދުން އެމެރިކާ ބަލައިނުގަނެ އެކަން އެމެރިކާ ތަކުރާރުކޮށް ކުށްވެރި ކުރަމުން ގެންދާއިރު އެމެރިކާވަނީ އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުގެ ތަނެއްގެ ގޮތުގައި ހެދި ހެދުން ބަލައިގަނެ އެކަމަށް އިހުތިރާމު ކުރާކަން ހާމަކޮށްފައެވެ.

މީގެއިތުރުން އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގެންފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސުވެސް އިސްރާއީލުގެ ތަނަކަށް ހެދި ހެދުން އެމެރިކާ ވަނީ ގަބޫލުކޮށް އިރުމަތީ ގުދްސަށް އެމެރިކާގެ އެންބަސީ ވެސް ބަދަލުކޮށްފައެވެ.

ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމުން ދިފާއުގައި ޔުކްރެއިން ކުރާ ހަނގުރާމައަކީ ގައުމީ ޖިހާދެއްކަމާއި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމުގެ ހައްގު ޔުކްރެއިންއަށް އޮންނާނެކަމަށް ބުނެ އެމެރިކާ ޔުކްރެއިންއަށް އިންތިހާއަށް އެހީފޯރުކޮށްދެމުން ގެންދާއިރު އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފާފައި އޮންނަ އޮތުމާ ދެކޮޅަށް ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދަކީ ޓެރަރިޒަމް ކަމަށް އެމެރިކާ ގެންދަނީ ސިފަކުރަމުންނެވެ.

އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަކަށް އެމެރިކާ ގަބޫލެއް ނުކުރެއެވެ. އެމެރިކާ ސިފަކުރާގޮތުގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެވެ. އަނެއްކޮޅުން ފަލަސްތީނުގެ މިނިވަންކަމަށް އެހީތެރިވުމުގެ ބަދަލުގައި އެމެރިކާ އެހީވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށެވެ.