06 Oct 2022, 08:56
މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ"ގެ ލީޑް ލަވަކިޔުންތެރިޔާ ކްރިސް މާޓިންގެ ފުއްޕާމޭ އިންފެކްޓް ވެގެން ޓުއާ ކެންސަލުކޮށްލަން ޖެހިއްޖެއެވެ.
ކޯލްޑްޕްލޭ އިން މިހާރު އަންނަނީ ވޯލްޑް ޓުއާ ފަށައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޝޯ ދައްކަމުންނެވެ. އެގޮތުން މިހާރު އެ ބޭންޑު ޝޯ ދެމުން އަންނަނީ ބްރެޒިލްގައެވެ.
ބްރެޒިލްގައި ޝޯ ދެމުން އަންނަނިކޮށް ކްރިސް ވަރަށް ބޮޑަށް ބަލިވެގެން އޭނާ އެޑްމިޓް ކުރަން ޖެހުނެވެ. އެއާއެކު ދާދިފަހުން ކޯލްޑްޕްލޭގެ އޮފިޝަލް އިންސްޓަގްރާމްއަށް ލީ ޕޯސްޓެއްގައި ބުނިގޮތުގައި ކްރިސްއަށް ވަނީ ނުރައްކާތެރި އިންފެކްޝަނެއް ޖެހިފައިއެވެ. އެއާއެކު ޝޯތައް ކެންސަލް ކޮށްލަން ޖެހިފައިވާ ކަމަށް އެ ބޭންޑުން ބުނެއެވެ.
އޭނާގެ ފުއްޕާ މޭ އިންފެކްޓުވާން ވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ވެފައި އަދި ރަނގަޅު ވާނެ ދުވަހެއް ނޭނގެއެވެ. އެހެންވެ ޝޯތައް ޕޯސްޓްޕޯން ކުރުމުގެ ބަދަލުގައި ކެންސަލުކޮށްލަން ނިންމާފައިވާ ކަމަށް ބޭންޑުން ބުނެއެވެ.
އަދި ކުއްލި ގޮތަކަށް ޝޯތަައް ކެންސަލު ކޮށްލަން ޖެހުމުން އެކަމަށް ހުރިހާ ފޭނުންގެ ކިބައިން ވަނީ އެ ބޭންޑުން މައާފަށް އެދިފައެވެ. އަދި ޝޯގެ ޓިކެޓުތައް ރީފަންޑު ކޮށްދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އެ ބޭންޑުން ބުނެއެވެ.
ކޯލްޑްޕްލޭ އަކީ މުޅި ދުނިޔޭގެ ގިނަ ބަޔަކަށް ކަމުދާ ބޭންޑެކެވެ. މިއީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭންޑެކެވެ. ހާއްސަކޮށް ޒުވާނުންނަށް ކޯލްޑްޕްލޭ ލަވަތަކަކީ ވަރަށް ކަމުދާ ލަވަތަކެވެ.