06 Oct 2022, 08:51
ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ އާއިލާ ކަމަށްވާ ކާޑޭޝިއަންގެ މެމްބަރު ކިމް ކާޑޭޝިއަންއަށް އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ލަަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އުނދަގޫ ކުރުން ހުއްޓާލުމަށް އެދި އޭނާގެ ކޮއްކޮ ކްލޯއީ ކާޑޭޝިއަން ގޮވާލައިފިއެވެ.
ކިމް އާއި ކާންޔޭ ވަނީ މިއަހަރު ވަރިވެފައެވެ. ދެމީހުންގެ ވަރިއަށް ފަހު ކާންޔޭ އަންނަނީ އެކި ގޮތްގޮތުން ކިމްއަށް އުނދަގޫކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަމުންނެވެ. މިއީ އާންމު ގޮތެއްގައި ވަމުން އަންނަ ކަމަކަށް ވެފައިވާއިރު އެތައް ބަޔަކު ވަނީ އެކަންތައް ހުއްޓާލުމަށް ގޮވާލާފައެވެ.
އެންމެފަހުން ކާންޔޭ ވަނީ އެކަމަށް އެއް ފަހަރަކު މައާފަށް ވެސް ކިމް ގާތުން އެދިފައެވެ. ނަމަވެސް އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ ކާންޔޭ އަލުން ވަނީ އޭނާގެ ކުރީގެ އަންހެނުންނަށް އުނދަގޫ ކުރަން ފަށާފައެވެ.
މި ހުރިހާ ކަންތައްތަކެއް ފެށިގެން ދިޔަ އިރު ވެސް ކިމް އޭނާގެ އާއިލާގެ ފަރާތުން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ކްލޯއީއަށް އެންމެފަހުން ކެތް ނުކުރެވިގެން އެކަމާ ގުޅޭގޮތުން ހިޔާލު ފާޅުކޮށްފިއެވެ.
ކްލޯއީ އާދޭސްކުރަމުން ބުނެފައިވަނީ ކިމްއަށް އުނދަގޫ ކުރުން ހުއްޓާލުމަށެވެ. އާއިލާގެ މެމްބަރަކަށް އޮންނަ އިތުބާރު އަދިވެސް ކާންޔޭއަށް އޮންނާނެ ކަމަށް ކްލޯއީ ބުންޏެވެ. ނަމަވެސް ކިމްއަށް ކުރާ އުނދަގޫ ހުއްޓާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.