06 Oct 2022, 10:55
ކަރީމް ބެންޒެމާ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ކުރިއަށްއޮތް ސީޒަން ނިމެންދެން އެ ކުލަބުގައި މަޑު ކުރަން އޭނާ ނިންމައިފިއެވެ.
ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ އިތުބާރު ނޫސްވެރިޔާ އިޓަލީގެ ފަބްރިޒިއޯ ރޮމާނޯ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބެންޒެމާ ރެއާލްގައި މަޑުކުރުމުގެ އެއްބަސްވުމުގެ ހުރިހާކަމެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ނިމެންދެން އޭނާ ރެއާލް މެޑްރިޑްގައި މަޑުކުރާނެއެވެ.
ރެއާލް މެޑްރިޑުން ބެންޒެމާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ބެންޒެމާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ޖެހޭކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ.
ބެންޒެމާ އަކީ މިހާރު ރެއާލް މެޑްރިޑްގެ ކެޕްޓަނުގެ އިތުރުން އެއް ނަމްބަރު ފޯވާޑެވެ.
ވޭތުވެދިޔަ ދެއަހަރަށް ބަލާއިރު، ބެންޒެމާ އަންނަނީ ފްރާންސްގެ އިތުރުން ރެއާލް މެޑްރިޑުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޔޫއެފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ބެންޒެމާއެވެ.
ބެންޒެމާ ރެއާލް މެޑްރިޑާ ގުޅުނީ 2009 ވަނަ އަހަރެވެ. މިހާތަނަށް ރެއާލްއަށް ކުޅުނު 420 މެޗުގައި އޭނާ ވަނީ 222 ގޯލް ޖަހާފައެވެ. ރެއާލް މެޑްރިޑަށް އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ބެންޒެމާ ހިމެނެއެވެ.
ބެންޒެމާ ވަނީ ރެއާލް މެޑްރިޑާއެކު ސްޕެނިޝްލީގް ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސްލީގް ފަސް ފަހަރު، ޔުއެފާ ސުޕަކަޕް ހަތަރު ފަހަރު އަދި ފީފާކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު ހޯދާފައެވެ.