05 Oct 2022, 23:15
ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ މެޗުތައް މިފަހަރުވެސް ވަގުތުން ގެނެސްދޭނޭކަމަށް މީޑިއާނެޓުން ބުނެފިއެވެ.
ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާ ގުޅޭގޮތުން މީޑިއާނެޓުން ބުނީ، ވޯލްޑް ކަޕްގެ މެޗުތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމުގެ ގޮތުން "އައިސް ޕްލަސް" އަދި "ރާއްޖެޓީވީ" އާއެކު ގުޅިގެން މަސައްކަތްކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.
ވޯލްޑް ކަޕްގެ ހުރިހާ މެޗެއް އައިސްޕްލަސް އާއި ރާއްޖެޓީވީ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަމަށް މީޑިއާނެޓުން ބުނެއެވެ. އެގޮތުން ވޯލްޑް ކަޕްގެ މެޗުތައް ހަމައެކަނި ފެންނާނީ "އައިސްޕްލަސް" އާއި "ރާއްޖެޓީވީ" މެދުވެރިކޮށެވެ.
މީޑިއާނެޓުން މިހާރު ވަނީ ވޯލްޑް ކަޕް މެޗުތައް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މީޑިއާނެޓުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައްވެސް އެކުންފުނީގެ ޗެނަލްތައް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ވަގުތުން ގެނެސްދީފައެވެ.
ނޮވެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤަތަރާއި އެކުއެޑޯއެވެ. މުބާރާތުގައި 32 ގައުމަކުން ވާދަކުރާއިރު، ވޯލްޑްކަޕް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 18 ދުވަހެވެ.