05 Oct 2022, 22:22
އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް ގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޚިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި އެ ކުންފުންޏާއެކު ޕާޓްނާޝިޕްއެއް ގާއިމްކޮށްފައެވެ.
މި ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމާ މުވާސަލާތީ ޚިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަޤްޞަދުގައެވެ. އިތުބާރު ހުރި އިންޓަނެޓް ގެ ޚިދުމަތަކީ މިއަދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޓޫރިސްޓުންނަށް ޚަބަރާއި މައުލޫމާތު އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުވާލައި، ދަތުރުކުރާއިރު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވުމަށް ވަރަށް މުހިންމު ޚިދުމަތެކެވެ.
މި ޕާޓްނާޝިޕް އިޢުލާންކޮށްފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، މޮހަމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީގެ އިތުރުން ދެ ކުންފުނީގެ މެނޭޖްމަންޓުގެ ހާޒިރުގައި އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އުރީދޫއާއި ޖަލްބޫޓް މޯލްޑިވްސް އިން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/އުރީދޫ
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދް އަލް ހަމާދީ ވިދާޅުވީ މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން، އަޅުގަނޑުމެންގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބައްލަވައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަލްބޫޓް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރޮއެސްޓާލީ ވިދާޅުވީ ޖަލްބޫޓް މޯލްޑިވްސްގެ ކުރިއެރުމަށް ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ އަކީ ވަރަށް މުހިއްމު ހިދުމަތެއްކަމަށެވެ.
"އެގޮތުން އުރީދޫ އަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު އިސްރޯލެއް އަދާ ކުރާ ކުންފުންޏެއް. މުޖުތަމަޢުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުންޏެއްގެ ހައިސިއްޔަތުން މި ޕަރޓްނަރޝިޕާއެކު ޓުއަރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ." ރޮއެސްޓާލީ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން އުރީދޫން ކުރާ މަސައްކަތުގެ ދަށުން މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ގާއިމްކުރެވިފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫ ގެ ޓުއަރިސްޓް ސިމް ކާޑު ލިބިގެންދާނެ ފަދައިންނެވެ.
ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓާ ދަތުރުތައް ކުރުން ފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ޓުއަރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާއާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ޚިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތައް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫން އަރުވައެވެ.