ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅު ހެދުމުގެ ގޮތުން މިދިއަ މަހުގެ 19 ވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުން ދިން ކަމަށް ތުހުމަތުކޮށް، ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ ވީޓީވީއަށް ގެއްލުން ދިންކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރޭ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކުރި ތިން މީހުންނަކީ ރ. އަލިފުށީ، ހަމީދީ މަންޒިލް، އަހުމަދު ހަމީދު،29 އާއި ހަމައެގޭ ހުސެއިން ހަމީދު،26 އަދި ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދު އެވެ.

އެ މައްސަލައިގައި ހޯދުމަށް ފުލުހުން ހޯދުމަށް އިއުލާންކުރި މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ ހ. ރޯޒަންޑޭލް، ސިފާން ސަފްރަތު އެވެ.

ފުލުހުން ބުނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސް ކުރާކަމަށެވެ. އަދި ބުނީ އެ މައްސަލައިގައި ހިމެނޭ އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ކުރަމުން އަންނަކަމަށެވެ.