27 Jul 2010, 15:11
19:00
ސްރީލަންކާގެ ކުންފުންޏަކުން ސ.ގަމުގައި އިއްޔެ ހުޅުވި ފްލައިން ސްކޫލުގެ ކޯސްތައް އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭން) ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފްލައިން ސްކޫލު އިއްޔެ ހުޅުވައިދެއްވީ، މިނިވަން ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އަމީން ފައިސަލެވެ.
ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ގާއިމްކޮށްފައިވާ ފްލައިން ސްކޫލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީ.އީ.އޯ އަދި ހެޑް އޮފް ޕައިލެޓް ޓެރެއިނިން ކެޕްޓަން ސުރަންޖަން ޑި ސިލްވާ މިއަދު ވިދާޅުވީ، އެ ފްލައިން ސްކޫލްގައި ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) އާއި ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީޕީއެލް) ފެންވަރުގެ ކޯސްތައް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރިއަށް ގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައިވާ ކަމަށާއި އަންމަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކޯސްތައް ފެށޭނެ ކަމަށްވެސް ކެޕްޓަން ސުރަންޖަން ވިދާޅުވި އެވެ.
ސުރަންޖަން އިތުރަށް ވިދާޅުވީ އަންނަ ހަފްތާގައި ކޯސްތައް ފަށާއިރު ތިބީ އަށް ދިވެހިންނާއި 15 އިންޑިއާ މީހުން ކަމަށެވެ.
އޭއޭއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ކޯސްތައް ފަށާއިރު، ފުރަތަމަ ބެޗުން ޖާގަ ދޭނީ 60 ފަރާތަކަށެވެ. އަދި ކޯސްތަކުގެ ޖާގައިގެ 25 ޕަސެންޓް ދިވެހިންނަށް ދިނުމަށް ސަރުކާރުން ވަނީ އެ ކުންފުންޏަށް ޝަރުތުކޮށްފަ އެވެ.