05 Oct 2022, 20:18
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މިއަހަރުގެ ދެވަނަ ސެމިސްޓާއަށް ހުޅުވާލި ސްކޮލާޝިޕް ފުރުސަތުތަކަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދި ނުވަ ދަރިވަރުންނަށް ސްކޮލަޝިޕް ދީފިއެވެ.
މި ދަރިވަރުންނަށް ސްކޮލަޝިޕް އެވޯޑް ކޮށްދެއްވާފައިވަނީ އެމްއެންޔޫގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދެވެ.

އެމްއެންޔޫއިން މިއަދު ކުރިއަށްގެންދިޔަ ސްކޮލާޝިޕް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫގެ ދަރިވަރުންގެ ސްކޮލާޝިޕަކީ ތައުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ، މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލާޝިޕެކެވެ.
އެމްއެންޔޫގެ ސްކޮލާޝިޕް ސްކީމަކީ ޔުނިވާސިޓީ ކައުންސިލުން ތައާރުފުކުރާ ސްކީމެކެވެ. މި ސްކޮލާޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވާސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.

އެމްއެންޔޫއިން މިއަދު ކުރިއަށްގެންދިޔަ ސްކޮލާޝިޕް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫ ސްކޮލާޝިޕް ސްކީމްގައިވަނީ ތިންބާވަތެއްގެ ސްކޮލާޝިޕެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި އަންޑަގްރޭޖުއޭޓް ފުލް ޝްކޮލާޝިޕް އަދި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކޮލާޝިޕެވެ.
އަންޑާގްރޭޖުއޭޓް ފުލް ޝްކޮލަޝިޕާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކޮލާޝިޕްގައި ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދޭނެއެވެ.
އެމްއެންޔޫގެ ދަރިވަރުންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން މި އަހަރުގެ ދެވަނަ
ޓާމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ތިން ގިންތިއަކުން 24 ސްކޮލާޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕް، އަންޑާގްރެޖުއޭޓް ސްކޮލާޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕެވެ.
ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުސަތަށް އެދި 75 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ. އަންޑާގްރެޖުއޭޓް ފުލް ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި ދެ ފުރުސަތަށް އެދި 41 ދަރިވަރުން ވަނީ
ހުށަހަޅާފައެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި ދެ ފުރުސަތަށް އެދި 33 ދަރިވަރުން ވަނީ ހުށަހަޅާފައެވެ. ޝަހީދު އެވޯޑްގެ ދަށުން ހުޅުވާލި ހަތަރު ފުރުސަތަށް އެދި ހަ ދަރިވަރަކު ވަނީ ހުށަހަޅާފައެވެ.

އެމްއެންޔޫއިން މިއަދު ކުރިއަށްގެންދިޔަ ސްކޮލަޝިޕް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ
މި ސްކޮލާޝިޕާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ، ކޮންމެ ސެމިސްޓާއެއްގައި ވެސް ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެއީ ތައުލީމީގޮތުން ގާބިލު ނަމަވެސް ކިޔެވުމުގެ ތަނަވަސްކަން ނެތް ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
"ޓިއުޝަން ފީ ދިނަސްވެސް ދިރިއުޅުމުގެ ޚަރަދަށް ވެސް ވަރަަށް ބޮޑު އެއްޗެއް ދޭ. އެކަމަށް ވެސް ރިއާޔަތްކޮށްފަ އަޅުގަނޑުމެން ދިރިއުޅުމުގެ ޚަރަދު ވެސް ދޭގޮތަށް މި އިންނަނީ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން އަދިވެސް ދަރިވަރުން ބިނާކުރަން އުނގަދޫކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއިން ހުޅުވާލާ ސްކޮލަޝިޕްތަކަށް ދަރިވަރުން ކުރިމަތި ނުލާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެނަށް މިހާރު އޮތް އެއް ދަތިކަމަކީ ބައެއް ފަހަރު ސީދާ ސްކޫލުތަކަށް އެޕްރޯޗްކުރަން އުނދަގޫ. އެކަން ކުރަންޖެހެނީ މިނިސްޓްރީ މެދުވެރިކޮށް. އެކަހަލަ ކަންކަން ހައްލުވެއްޖެ ނަމަ ވަރަށް ފަސޭހަ ވާނެ އަޅުގަނޑުމެނަށް،" ޝަރީފް ވިދާޅުވިއެވެ.