ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަންތަކުން ކުރާ ދިރާސާ މަސައްކަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި، ޓީވީއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މަރީ ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާއަކީ ސީދާ ގޮތެއްގައި ރައްޔިތުންނާ ގުޅިފައި އޮންނަ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ ބޭނުންވާ އެއް ކަމަކީ ސްޓޭޝަންތަކާ ގުޅިގެން މި ދާއިރާ ތަރައްގީކޮށް، މަސައްކަތް ކުރާ މީހުން ތަމްރީނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދެކޭ ގޮތުގަ މިހާރަށް ވުރެ ސްޓޭޝަންތަކުގަ ރިސާޗް ވަރުގަދަކުރަން ޖެހޭ. މިއީ އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް، ކޮމިޝަނުންނާއި ހުރިހާ ބޭފުޅުން ވެސް ވަރަށް ގަބޫލުކުރައްވާ ކަމެއް،" މަރީ ވިދާޅުވިއެވެ.

ބޭރު ގައުމުތަކުން މިސާލު ނަންގަވައި މަރީ ވިދާޅުވީ އެގައުމުތަކުގައި އުފައްދާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅު ވަނީ ބޮޑެތި ދިރާސާތައް ކުރުމަށް ފަހު މައުލޫމާތު ގެނެސްދީ ކަމަށެވެ. އެހެންކަމުން މީޑިއާގައި ގެނެސްދޭނެ މައުލޫމާތު ދިރާސާ ކުރަން ޚާއްސަ ޚިދުމަތެއް ތައާރަފްކޮށްފި ނަމަ ހުރިހާ ސްޓޭޝަންތަކަށް ވެސް އޭގެ ފައިދާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބައި ވަރުގަދަ ކުރީމަ ޕްރޮގްރާމްތަކުން ފެންނަ އެއްޗެއްސާ ދައްކާ އެއްޗެއްސާ ވަރުގަދަ ވެގެންދާނެ. އެ އަންނާނީ ތަމްރީނާއި ތަރައްގީއާ އެކީގަ. އަޅުގަނޑުމެންގެ ކޮމިޝަނަށް ވެސް އެއަށް ރޯލެއް ކުޅެވިދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މަރީ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ދާއިރާގެ މީހުން ތަމްރީނު ކުރުމަކީ އެ ކޮމިޝަނުން އެންމެ މުހިންމު އެއް ކަމުގެ ގޮތުގައި ދެކިގެން ކުރާ ކަމެއް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ގައިސް ވިދާޅުވިއެވެ. ނަމަވެސް އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައި ބޭނުން ކުރަން ޖެހެނީ ރިކަރަންޓު ޚަރަދު ފޫބައްދަން ކަމުން އެފަދަ ޕްރޮގްރާމްތައް ބޭއްވުމަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ގައިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ލިބިފަ އޮންނަ ބަޖެޓުގެ ތެރެއިން އެކަން ނުވި ކަމުގައިވީ ނަމަވެސް ރާއްޖޭގައި ތިބި ބައެއް އެމްބަސީތަކާ ގުޅިގެން ތަމްރީނުތައް އެބަ ލިބޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވާނެ ފުދޭވަރަކަށް ގިނަ ތަމްރީނުތަކަށް [ފުރުސަތުދެވޭ އަހަރަކަށް]،" ގައިސް ވިދާޅުވިއެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން މި އަހަރު ތެރޭ ޓްރަސްޓް ފަންޑެއް ގާއިމުކުރީ ވެސް މާލީ ދަތިތަކުން އަރައިގަނެ، ތަމްރީނާއި ތަރައްގީގެ މަސައްކަތްތައް ހޭދަކުރެވޭނެ ފައިސާ އެއްކުރުމަށް ކަމަށެވެ. އެ ފަންޑަށް ލިބުނު ފައިސާއިން އެންމެ ފުރަތަމަ ކުރި ކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑް ބޭއްވުންކަން ގައިސް ފާހަގަކުރެއްވިއެވެ.

"އެ ފަންޑަކީ އޭގަ ހިންގާ ގަވާއިދެއް އޮވެ، ޓްރާންސްޕޭރެންޓް ވާން އަހަރަކު އެއް ފަހަރު އޮޑިޓްކޮށްފަ ރިޕޯޓް ޝާއިއު ކުރަން ޖެހޭ ގޮތަށް ގާއިމުކޮށްފައިވާ ފަންޑެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަރީ އާއި ގައިސް ވަނީ ބްރޯޑްކާސްޓިން ދާއިރާއާއި ރީބްރޯޑްކާސްޓިން ދާއިރާގެ ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެންނަން ޖެހޭ ސަބަބުތަކާ ބެހޭ ގޮތުން ވާހަަކަދައްކަވާފައެވެ.

"އަޅުގަނޑުމެން އައިއިރު ވަރަށް ކުރީގެ ގާނޫނަކަށް މި މަސައްކަތް ކުރަނީ. 11 އަހަރު ކުރީގެ. މިހާރުގެ ޓެކްނޮލޮޖީއާއި މިހާރުގެ މީޑިއާތައް މަސައްކަތްކުރާ ގޮތާ ކުރިއަށް އަންނަން އޮތް ކަންތައްތަކަށް ވެސް، އިނޮވޭޝަންސްތަކަށް އަޅުގަނޑުމެން ވިސްނާއިރު އެ ގާނޫނު އަސްލު ބައެއް ފަހަރު ތަންނުދޭ އަޅުގަނޑުމެން މަސައްކަތް ކުރަން،" މަރީ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ބްރޯޑްކާސްޓިން ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ފަހުގެ ޓެކްނޮލޮޖީއާ ފައިހަމަ ކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތައް ހިމެނޭނެ ކަމަށް ގައިސް ވިދާޅުވިއެވެ. އޭގެ ތެރޭގައި، އިންޓަނެޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރަން ބޭނުންވާ މީހުންނަށް އޯޓީޓީ ލައިސެންސް ދޭން ނިންމުން ހިމެނޭ ކަމަށް ގައިސް ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ޓަކައި ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކާއި ބްރޯޑްކޮމް ގުޅިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި އެ ކޮމިޝަނުން ބޭނުން ވަނީ ވެސް ސްޓޭޝަންތަކާ މަޝްވަރާކޮށްގެން މަސައްކަތް ކުރަން ކަމަށް ގައިސް ވިދާޅުވިއެވެ.