މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ ޝަފާޒު އަބްދުއްރައްޒާގު (ސަފާ) އާއި އޭނާގެ ބައިވެރިން ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ހައިކޯޓުން އެ އަމުރަށް ތާއީދު ކުރީ ސަފާ އާއި އޭނާގެ ބައިވެރިން ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފު އިއްޔެ އެވެ.

ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރި ސަފާގެ ބައިވެރިންނަކީ ތ. ތިމަރަފުށީ، ކަރަންކާވިލާ، އިސްމާއިލް ޝަމީމްއާއި، ހ. ގަސްވާ، މުހައްމަދު މީއާދު އާއި، ގދ. ފިޔޯރީ، އެވަރެސްޓް، އަނަސް އަނީސް އާއި، މ. ފެހިއައްސޭރި، ހުސެއިން އަތީކް އާއި މ. ކުދެހިގޭ، ހުސެއިން އަތީފް އަދި ހދ. ކުޅުދުއްފުށީ، ގުލާބީގޭ، އަބްދުއްސައްތާރު އަލީ އެވެ.

ކްރިމިނަލް ކޯޓުން ސަފާއާއި އޭނާގެ ބައިވެރިން ގޭބަންދަށް ބަދަލުކުރީ އެމީހުން ފުލުހުންގެ ހައްޔަރުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެމީހުން ގޭބަންދަށް ބަދަލުކުރުމަށް ވަކީލުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ސަފާއާއި ސަފާގެ ބައިވެރިން ފުލުހުން ހައްޔަރުކުރި އިރު އެމީހުން ދިރިއުޅުނު އެޕާޓްމަންޓްތަކުން 895،9322 ގުރާމުގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވަނީ ހޯދާފައެވެ. އަދި ޖެހިގެން ހުރިގޭގެ ފުރާޅަށް އެއްލާލާފައި ހުއްޓާ ވެސް ބައެއް މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

ސަފާއަކީ 2005 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެކަމުގެ ވިޔާފާރިކުރަމުން އަންނަ ނެޓްވޯކެއް އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށާއި އޭނާ އެކަން ކުރަނީ ލަންކާގެ ޑީލަރަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު އެމީހުންގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.