05 Oct 2022, 18:05
ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް ބާތިލު ކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ބުނެފައިވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާތީކަމަށެވެ. އެ 98 ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލް ކުރިކަން މިނިސްޓްރީން ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމު ކޮށްފައެވެ.
ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ވެހިކަލްތަކަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ކަމަށް މިނިސްޓްރީން ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލް ކުރިކަމަށް އިއުލާން ކޮށްފައެވެ. އެ ވެހިކަލްތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނެއެވެ.
ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ނަންބަރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ޖެހެނީ ގަރާޖު ގެންގުޅޭ މީހަކަށް ފައިސާދީގެން ގަރާޖުގައި ޕާކުކުރުމުގެ ލިޔުމެއް ގަންނާށެވެ. ގަރާޖު ސިޓީ އާންމުކޮށް ވިއްކަނީ 80,000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ގަރާޖުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދީފައިވާ ވަރަށް ވުރެގިނަ އިން ބައެއް ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކޮށްފަ ހުންނަކަން މިނިސްޓްރީން މީގެކުރިން ވެސް ވަނީ ފާހަގަކޮށްފައެވެ.