05 Oct 2022, 12:40
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ހެކިބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ނުކުރެވި އިތުރު އަޑުއެހުމަކަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, މިއަދަށް ތާވަލްކޮށްފައި އޮތީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ. ނަމަވެސް މީގެ ކުރިން ހުށައަޅާފައި ނެތް އާ ލިޔުންތަކެއް ދައުލަތުން ކޯޓަށް ފޮނުވާފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ.
އެ ލިޔުންތައް ދިފާއަށް ވެސް ހިއްސާ ކޮށްފައިވާކަން ފާހަގަކުރައްވައި ގާޒީ ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ތައްޔާރުތޯ އައްސަވާފައެވެ. ދައުލަތުން ތައްޔާރަށް އޮތް ނަމަވެސް ދިފާއުން ވަނީ އުޒުރުވެރިވާ ކަމަށް ބުނެ ބަހަނާ ދައްކާފައެވެ.
އެގޮތުން ހެކިން ދިން ހެކިބަހުގެ ޓްރާންސްކްރިޕްޓް ހޯދުމަށް މީގެ ކުރިން އެދިފައިވާނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވިއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމާލި ދުވަހު, އެކަމަށް އެދި ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އަދި މިހާތަނަށް ހެކިބަހުގެ ޓްރާންސްކްރިޕްޓް ލިބިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެހެންކަމުން އެކަށީގެންވާ ގޮތުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކޭނީ އެ ޓްރާންސްކްރިޕްޓް ލިބުމުން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ އިތުރުން ޔޫސުފް ނައީމްގެ ވަކީލް ވެސް ވިދާޅުވިއެވެ.
"މިވާހަކަ ހަގީގަތުގައި އަޅުގަނޑުމެން މިދައްކަނީ އެއްވެސް ހާލަތެއްގައި ޝަރީއަތް މެދުކަނޑާލައި ލަސްކުރުމަކަށް ނޫން," ޑރ. ޖަމީލް ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން އިތުރު ހެކި!
ދައުލަތުގެ ފަރާތުން އިތުރު ހެކި ނުވަތަ ލިޔުންތައް ހުށަހަޅަން ޖެހުނީ ދިފާއުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިން ގޮތުން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް ވިދާޅުވިއެވެ.
ހެކި ހުށަހަޅާ ނިމި ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި ދައުލަތުން އިތުރު ހެކި ހުށަހަޅައި 'ސަކަރާތްގަނޑަކަށް' ހަދަން މަސައްކަތް ކުރާ ކަމަށް ދިފާއުން ބުނުމުން ދައުލަތުން ވަނީ އެކަމަށް ރައްދު ދީފައެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ, ހެކި ހުށަހެޅުމުގެ މަރުހަލާއަށްފަހު ޝަރީއަތް ކުރިއަށްދާއިރު ވެސް އިތުރު ހެކި ލިބެއްޖެ ނަމަ އެހެކި ޝަރީއަތަށް ހުށަހެޅުން ގާނޫނު މަނާ ނުކުރާ ކަމަށެވެ.
"މައްސަލައިގައި ޝަރީއަތުން މި ލިޔުންތައް ބަލައިގަތުމާ މެދުގައި ދެން އަންނަ މަޖިލީހެއްގައި ގޮތެއް ނިންމާނީ," ގާޒީ ވިދާޅުވިއެވެ.
ލިޔުންތައް ބަލައިގަންނަން ނުވަތަ ބަލައި ނުގަންނަން ނިންމި ނަމަވެސް ދެ ފަރާތުން ވެސް ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ ވަނީ ދަންނަވާފައެވެ.
އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.