05 Oct 2022, 12:08
އަލަށް އުފައްދާ ހުރިހާ ފޯނާއި ލެޕްޓޮޕްތައް އެއް ވައްތަރެއްގެ ޗާޖަރަކުން ޗާޖު ކުރެވޭނެ ގޮތް ހަދަން އަންގާ ގަވައިދަކަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.
ޔޫރަޕްގެ ޕާލަމެންޓްގައި އެ ގަވައިދަށް އިއްޔެ ވޯޓަށް އެހުމުން، ގަވައިދު ފާސްވެފައިވަނީ 602 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. އެ ގަވައިދާ ދެކޮޅަށް ވޯޓު ދިނީ އެންމެ 13 މެންބަރުންނެވެ. އަށް މެންބަރަކު ވޯޓުގައި ބައިވެރިނުވެއެވެ.
އެ ގަވައިދުގައިވާ ގޮތުން 2024 ވަނަ އަހަރުން ފެށިގެން ހުރިހާ ސްމާޓްފޯނާއި ޓެބްލެޓުތަކުގައި ބޭނުންކުރަން ޖެހޭނީ ޔޫއެސްބީ-ސީ ޗާޖަރެވެ. އަދި ލެޕްޓޮޕްތަކަށް އެ ބަދަލު ގެންނަން 2026އާ ހަމައަށް މުހުލަތު ދޭނެ ކަމަށް އެ ގަވައިދުގައިވެއެވެ.
އެ ގަވާއިދު ގާނޫނަކަށް ހެދުމަށްޓަކައި، ގާނޫނަށް އަމަލު ކުރަން ފަށަން ޖެހޭނެ ތާރީޚާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އީޔޫގެ ގެޒެޓުގައި ޝާއިއުކުރާނެއެވެ.
އީޔޫގެ ކޮމިޝަނަރު ފޯ ކޮމްޕެޓިޝަން މާގްރެތު ވެސްޓޭޖާ ވަނީ އެ ގަވައިދު ފާސްކުރުން ފާހަގަކޮށް، އެތައް ވައްތަރެއްގެ ޗާޖަރު ހުރުމުން ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަށް ބުނެފައެވެ.
ނަމަވެސް އެޕަލްއިން ވަނީ އެފަދަ ގަވައިދެއް އެކުލަވާލުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.
އެޕަލްގެ މަންދޫބަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އެއް ބާވަތެއްގެ ޗާޖަރެއް ހުރިހާ ޑިވައިސްއަކަށް ބޭނުންކުރާ ގޮތަށް ލާޒިމުކުރުމަކީ އުފެއްދުންތެރިކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި އުފެއްދުންތެރިކަމުގެ އާ ގޮތްތައް ހޯދުމުގެ ވިސްނުން ފުނޑުފުނޑުކޮށްލާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ސާމާނު ގަނެވިއްކާ މީހުންނަށް ގެއްލުން ލިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
އެޕަލްއަކީ އެ ކުންފުނީގެ ފޯނުތަކާއި ލެޕްޓޮޕްތަކަށް އަމިއްލައަށް ޑިޒައިންކޮށްފައިވާ ޗާޖިން ޕޯޓްތައް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެގޮތުން އެ ކުންފުނީގެ އައިފޯން ސީރީޒްގައި ބޭނުންކުރަނީ ސީ ޓައިޕް ޗާޖިން ޕޯޓްގެ ބަދަލުގައި އެޕަލްގެ އަމިއްލަ ކުޑަކުޑަ ކަނެކްޓަރެކެވެ.