ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އަންނަ އަހަރު އެނބުރި ބާސާއަށް ބަދަލުވެދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓަށް ވާއިރަށް ޕީއެސްޖީއާއެކު މެސީ ހަދައިފައިވާ އެެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އޭގެ ފަހުން ބާސާއަށް މެސީ ގެންދިޔުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ޓީމުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފުޓުބޯޅައިގެ ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ޕީއެސްޖީއާއެކު މެސީ ހަދައިފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން މެސީ ގޮތެއް ނިންމާނެއެވެ.

ބާސެލޯނާއިން މެސީ ގެންދިޔުމަށް ޓީމުގެ ތެެރޭގައި މަޝްވަރާތައް ފަށައިފައިވާކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

ބާސާގެ މިހާރުގެ ކޯޗު ޒަވީ ހަނާންޑޭޒް މިދިޔަ މާޗު މަހު މީޑިއާއާ ވާހަކަ ދައްކަމުން ވަނީ މެސީއަށް އަބަދުވެސް އެ ކުލަބުން މަރުހަބާ ކިޔާނެކަމަށް ބުނެފައެވެ.

"މެސީއަކީ ތާރީޚުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ. ބާސެލޯނާގެ ދޮރު އަބަދުވެސް މެސީއަށް އޮތީ ހުޅުވިފައި. ކުލަބުގެ ތަމްރީންތައް ބަލަން ވިޔަސް، ނޫނީ އަހަންނާ ވާހަކަދައްކަން ވިޔަސް މެސީއަށް އަބަދުވެސް އެންމެން ވެސް މަރުހަބާ ކިޔާނެ،" މެސީއާއެކު ބާސެލޯނާއަށް ކުޅުނު އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ބުންޏެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވެ އެ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން--- ފޮޓޯ/ ޕީއެސްޖީ

މިހާރު ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ޒަވީ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ބާސެލޯނާއިން މެސީއަށް އެކަށީގެންވާ އަލްވަދާއުއެއް ނުކިޔައެވެ. ބާސެލޯނާއަށް މެސީ ކޮށްދިން ކަންތައްތަކުގެ އަގު ވަޒަންކުރަން ސަޕޯޓަރުންނަށް ފުރުސަތު ދެވެން އޮތްނަމަ އެކަމަށް މަސައްކަތްކުރާނެ ކަމަށްވެސް ޒަވީ ބުންޏެވެ.

މެސީ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ބާސާއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ބާސާގެ ކޯޗެއްގެ ގޮތުގައި އޭރު ހުރި ރޮނާލްޑް ކޫމަން ވަކިކޮށް އެޓީމުން ވަނީ ޒަވީ ކޯޗަކަށް ހަމަޖައްސައިފައެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ކުރިއެރުންތަކެއް ހޯދިއިރު އެ ޓީމު އެ އަހަރުގެ ލަލީގާ ނިންމާލަން ޖެހުނީ ތާވަލުގެ ދެވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސެޓޭޖުން ކަޓައި ޔޫރޮޕާ ލީގު ކުޅެން އެ ޓީމަށް މަޖުބޫރުވިއެވެ.

ބާސާގެ މާލީ ހާލަތު ހުރި ގޮތުން މެސީ އެ ޓީމުގައި އިތުރަށް ބެހެއްޓެން ނެތުމުން އެ ޓީމުން ޕީއެސްޖީއަށް އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) އެ ޓީމުން މިހާރު ލިބެއެވެ.

ބާސާ ދޫކޮށްލިއިރު މެސީއަކީ އެކުލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ. 778 މެޗުން 672 ގޯލު ޖަހައި މެސީ ވަނީ ބާސާގެ ސަޕޯޓަރުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ހޯދާފައެވެ.

ބޯޅައިގެ ތަފާތު ހުނަރެއް ލިބިފައިވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. ބާސާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.