އިންސާނުން ހަނދަށް ފޮނުވުމަށްޓަކައި ޗައިނާއިން އުފެއްދި އުޅަނދު "ލޯންގް މާޗް 9"ގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ލޯންގް މާޗް 9 ރޮކެޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ ގޮތުން އާ އިންޖީނެއް ޗައިނާއިން ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާއިރު، އެ ރޮކެޓު ތައްޔާރުކުރުމުގެ އަމާޒަކީ ޗައިނާއިން ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ފޮނުވުމެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ)އިން ބުނީ އެ ރޮކެޓަށް އެންމެ ފުރަތަމަ ޕްރޮޓޯޓައިޕް އިންޖީނެއް ހެދުމުގައި ދަތިތަކެއް ދިމާވި ނަމަވެސް މިހާރު އެ ދަތިތަކުން އަރައިގަނެވިފައިވާ ކަމަށެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓު ވެބްސައިޓުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ލޯންގް މާޗް 9 ރޮކެޓަކީ އިންސާނުން ޖައްވަށް ފޮނުވާލުމުގެ ގާބިލްކަން ހުރި ރޮކެޓަކަށް ވާނެއެވެ. އަދި މުސްތަގުބަލުގައި އެ ރޮކެޓުން އެހެނިހެން ޕްލެނެޓްތަކަށް ވެސް އިންސާނުން ފޮނުވިދާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ރޮކެޓަށް ފަރުމާކޮށްފައިވާ އިންޖީނުގެ ޕްރޮޓޯޓައިޕަށް ދިމާވި މައްސަލަ ބެއިޖިން އެސްޓްރޮނޮޓިކްސް އެކްސްޕެރިމެންޓް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ބީއޭއީއައިޓީ)އިން ހައްލުކުރިގޮތް އެ ރިޕޯޓުގައި އިތުރަށް ތަފްސީލުކޮށްފައިވެއެވެ.

ބީއޭއައިޓީ އަކީ ޗައިނާގެ ސްޕޭސް ޕްރޮގްރާމްގެ މައިގަނޑު ކޮންޓްރެކްޓަރު އަދި ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެއަރޮސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން (ސީއޭއެސްސީ)ގެ ޔުނިޓެކެވެ.

އެ ކުންފުނިން ބުނީ އެ ރޮކެޓަށް ފަރުމާކޮށްފައިވާ ހައިޑްރޯޖަން އޮކްސިޖަން އިންޖީނުގެ ތިން ގްރައުންޑް ޓެސްޓެއް މިދިޔަ ހުކުރު ދުވަހު ހެދި ކަމަށާއި ހަފުތާއެއްގެ ތެރޭގައި 12 އިގްނިޝަން ޓެސްޓް ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުތަކުން ... ޓެސްޓް ސައިކަލްތައް ކުރުކޮށް ޓެސްޓް ކެޕޭސިޓީ އިތުރުކޮށް، ޖެހިޖެހިގެން ކާމިޔާބީތައް ހޯދި،" ބީއޭއައިޓީން ވީޗެޓް ސޯޝަލް މީޑިއާ އެކައުންޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނި ގޮތުގައި އެ ޑިވެލޮޕަރުންގެ އަމާޒަކީ ވައިއެފް-79 އިންޖީނަކީ މިބާވަތުގެ އެންމެ ބާރުގަދަ ރޮކެޓް އިންޖީނަށް ހެދުމެވެ.

މިދިޔަ އަހަރު ބޭއްވި ޒުހައި އެއާ ޝޯގައި ސީއޭއެސްސީގެ ޑިޒައިނަރު ލިއު ބިންގް ވިދާޅުވީ ލޯންގް މާޗް 9 ޑިޒައިން ކުރަނީ ހަނދަށް 15 އާއި 50 ޓަނާ ދެމެދުގެ ޕޭލޯޑެއް (ވެހިކަލްގެ ބައިތައް) ގެންދެވޭ ގޮތަށް ކަމަށެވެ. އަދި މާސްއަށް 12 އާއި 44 ޓަނާ ދެމެދުގެ ޕޭލޯޑް ގެންގޮސް ދިނުމަށް ކަމަށެވެ.

އެ ރޮކެޓު ދުނިޔެއާ ކައިރިން ދަތުރުކުރާއިރު އެއަށް އުފުލޭނީ 50 އާއި 140 ޓަނާ ދެމެދުގެ ބަރުދަނުގެ ބައިތައް ކަމަށް ބިންގް ވިދާޅުވިއެވެ. އެއީ ބިލިއަން އީލޯން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ފަލްކަން ހެވީ ރޮކެޓަށް އުފުލޭ ވަރަށް ވުރެ މަދު އަދަދެކެވެ. އެގޮތުން އެ ރޮކެޓަށް 150 ޓަނު އުފުލެއެވެ.

ޗައިނާއަށް މިހާރު ބޭނުންކުރެވޭ އެންމެ ބާރުގަދަ ރޮކެޓް ކަމަށްވާ ލޯންގް މާޗް 5އަށް އުފުލެނީ 25 ޓަނުގެ ސާމާނެވެ.

ޗައިނާއިން ދަނީ މާސްއަށް އިންސާނުން ފޮނުވުމުގެ ރޭހުގައި އެމެރިކާއާ ވާދަކުރަމުންނެވެ. އެގޮތުން ޗައިނާގެ ޖައްވީ އިދާރާއިން 2033 ވަނަ އަހަރު އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފައެވެ.

ޗައިނާގެ ޖައްވީ އިދާރާއިން ވަނީ ހަނދުގެ އޯބިޓަލް ސްޓޭޝަނެއް ބިނާކޮށް، 2030 ވަނަ އަހަރުގެ ކުރިން އިންސާނުން ހަނދަށް ފޮނުވުމަށް ރަޝިއާއާ ގުޅިގެންވެސް މަސައްކަތްތަކެއް ފަށާފައެވެ.