05 Oct 2022, 11:25
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަމިލާން އަތުން ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ބަލިވެއްޖެއެވެ.
ރޭ އިންޓަމިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން ރެފްރީގެ ނިންމުންތަށް ގޯސްކަމަށް ބުނެ ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ޒަވީ ބުނީ ރޭގެ ބައްޔާއެކު އޭނާ ވަރަށް ބޮޑަށް މާޔޫސް ވެއްޖެކަމަށެވެ. ޓީމު މިހާރު އޮތް ހާލަތުން އިތުރު މެޗުތަކުން ބަލިވެއްޖެ ނަމަ ޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެކަމަށް އޭނާ ބުންޏެވެ.
ޒަވީ ބުނީ ރޭގެ މެޗުގައި ރެފްރީންގެ ފަރާތުން ފެނުނީ ވަރަށް ބޭ އިންސާފު ކަންތައްތަކެއް ކަމަށެވެ. ރެފްރީން އެ މީހުންގެ ނިންމުތައް ނިންމަން ޖެހުނު ގޮތް ސާފުކޮށްދޭން ޖެހޭނެކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމުންނަށް އެއްވެސް ކަމެއް ނޭނގޭ. ރެފްރީން ވާހަކަ ދައްކަން ޖެހޭ. އަހަރެން ނިންމި ކަމެއް ނަމަ އަހަރެން ވާހަކަ ދައްކަން ޖެހޭނެ،" ޒަވީ ބުންޏެވެ.

އިންޓަމިލާންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ އިންޓަ މިލާން
ރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައިވަނީ ބާސާއިންނެވެ. ނަމަވެސް އެ ޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވުމުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އިންޓައިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ހަކަން ޗަނޮނޮގްލޫ އޭރިއާ ތެރެ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ވަތް ގޯލެކެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ބާސާގެ ޕެޑްރީ ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހު ރެފްރީ ނިންމީ ޕެޑްރީއަށް ބޯޅަ ލިބުމުގެ ކުރިން އަންސޫ ފަޓީގެ އަތުގައި އެ ބޯޅަ ޖެހުނުކަމަށެވެ. އެ ގޯލު ބަލައި ނުގަތުމުން ބާސާގެ ކޯޗު ޒަވީ ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން އޭނާއަށް ރީނދޫ ކާޑެއް ވެސް ވަނީ ދައްކައިފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އިންޓަގެ އޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީ އަތުގައި ބޯޅަ ޖެހުމުން ބާސާގެ ކުޅުންތެރިންނާއި ޒަވީ ޕެނެލްޓީއަކަށް އެޕީލް ކޮށްފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ރޭ ވަނީ ބާސާއާއި އިންޓަ މިލާންއާ އެކު އެއް ގްރޫޕްގައި ހިމެނުނު ބަޔާން ނިއުނިކާއި ވިކްޓޯރިއާ ޕްލެޒެން ވެސް ކުޅެފައެވެ. އެ މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާންއެވެ.

ބަޔާނުން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ޗެމްޕިއަންސް ލީގް
ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ބަޔާންގެ ގޯލުތައް ޖެހީ ލެރޯއި ސާނޭއާއި ސާޖް ގްނަބްރީ، ސަޑިއޯ މާނޭ އަދި އެރިކް މެކްސިމް ޗޮޕޫ-މޯޓިންއެވެ. މެޗުގައި ސާނޭ ވަނީ ދެ ގޯލު ޖަހައިފައެވެ.
އެ ޓީމުގެ އެ މޮޅާއެކު އެ ޓީމުން ވަނީ ގަދަ 16އިގެ ޖާގައެއް ޔަގީން ވެފައެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ހިމެނުނު ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އެ ގްރޫޕްގެ އެއްވަނަ ބަޔާނަށް ލިބެނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އިންޓަ މިލާނަށް ހަ ޕޮއިންޓު ލިބިފައިވާއިރު ތިން ވަނައިގައި ބާސާ އޮތީ ތިން ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތް ވިކްޓޮރިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.