އދ. މަޖިލިސް (5 އޮކްޓޯބަރު 2022): ދުނިޔޭގެ ތިމާވެއްޓަށާއި މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތައް ގިނަވެ ކާރިސާތައް ވަރުގަދަވެ ގެއްލުންވެސް ބޮޑުވަމުންދާކަމަށާއި ޕާކިސްތާނުގެ ފެންބޮޑުވުމުން އެކަނިވެސް އެކަން ފެނިފައިވާތީ މިސްރުގައި ބާއްވާ ތިމާވެއްޓާ ބެހޭ ސަމިޓް ކޮޕް27އަކީ ނަތީޖާ ނެރެވޭ ސަމިޓަކަށް ހެދުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރެޝް މުޅި ދުނިޔެއަށް ގޮވާލައްވައިފިއެވެ.

ގުތެރެޝް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ތޫފާންތަކުގެ ބާރުގަދަވުމާއި ދިގު މުއްދަތަކަށް ވާރޭވެހި ފެންބޮޑުވުމާއި ޖަންގަލިތައް އެނދުމާއި ފިނިތަންތަނަށް އާދަޔާ ޚިލާފަށް ހޫނުވާ މައްސަލައަކީ މިހާރަކަށް އައިސް އިންސާނުން ތަހައްމަލް ކުރަންޖެހޭ ބޮޑެތި ކާރިސާތައް ކަމަށެވެ.

މިފަދަ ބޮޑެތި ކާރިސާތަކުން އެތައް ސަތޭކަ ބަޔަކު މަރުވާއިރު އެތައް މިލިއަން ބަޔަކު ހާލުގައި ޖެހޭކަމަށާއި އެތައް އަހަރަކުން ބިނާކޮށްފައިވާ ގެދޮރުފަދަ އިންފްރާސްޓްރަކްޗާ ހަލާކުވަމުންދަނީ ކަންބޮޑުވާ މިންވަރަކަށްކަން ފާހަގަކުރައްވައި މިކަމާމެދު އަޅާނުލައި ތިބެވެންނެތްކަމަށް ގުތެރެޝް ވިދާޅުވިއެވެ.

ކޮޕް 27 ގެ ޝިއާރު

ކޮޕް27ގެ ނަމުގައި ބާއްވާ ތިމާވެއްޓާ ބެހޭ ދުނިޔޭގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަޔެކުން 18އަށް މިސްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ. މިސަމިޓަށް ތައްޔާރުވުމުގެ ގޮތުން 50 އަށްވުރެ ގިނަ ގައުމު ހިމެނޭ ބައްދަލުވުމެއް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ކިންޝާސާގައި މިހާރުވަނީ ފަށާފައެވެ.

ކިންޝާސާގައި އިއްޔެ ފެށި ބައްދަލުވުން އިފްތިތާހު ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮންގޯގެ ތިމާވެއްޓާ ބެހޭ ވަޒީރު އީވް ބަޒައިބާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތައް ގިނަވަމުންދާ ކަމަށާއި އެގައުމުތަކަށް އެހީވުމަށް ވެފައިވާ ވައުދުތައް ތަރައްގީވެފައިވާ ގައުމުތަކުން ފުއްދަމުން ނުދާތީ އެވައުދުތައް ފުއްދުމަށް އެގައުމުތަކަށް ގޮވާލައްވާފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި ކޮޕް 15 ސަމިޓްގައި ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުންވަނީ ތިމާވެށީގެ ސަބަބުން ގެއްލުންލިބޭ ފަގީރު ގައުމުތަކަށް އެހީވުމަށް 100 ބިލިޔަން ޑޮލަރުގެ ހިލޭ އެހީ އެގައުމުތަކަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް މީގެތެރެއިން މަދު މިންވަރެއް މެނުވީ އެގައުމުތަކުން ދީފައެއް ނުވެއެވެ. މިކަމުގެ ޝަކުވާ އެތައް ގައުމަކުންދަނީ ކުރަމުންނެވެ.

ދާދިފަހުން ޕާކިސްތާނަށް ތިން މަސް ވަންދެން ކުރި ވިއްސާރައިގެ ސަބަބުން އެގައުމުގެ ތިންބައިކުޅަ އެއްބައި ފެނުއަޑިއަށް ގޮސް 15 ސަތޭކައަށްވުރެ ގިނަމީހުން މަރުވެ 34 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. މިކަމުގެ ގެއްލުން 30 ބިލިޔަން ޑޮލަރަށް އަރާކަމަށް ޕާކިސްތާން ބުނެއެވެ.

އަނެއްކޮޅުން މިއަހަރުގެ ހޫނު މޫސުމަކީ ފާއިތުވި 500 އަހަރުގެ ތެރޭގައި ޔޫރަޕަށް އައި އެންމެ ހޫނުގަދަ ހޫނު މޫސުމެވެ. އަދި ފިލިޕީންސަށާއި އެމެރިކާއަށް އާންމުކޮށް ނާރާވަރުގެ ބާރުގަދަ ތޫފަންތަކެއް އަރައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިއީ ދުނިޔޭގެ ތިމާވެއްޓަށާއި މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތައް ކަމަށް ތިމާވެއްޓާބެހޭ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.