އެމެރިކާގެ މަޝްހޫރު ބަތަލާ ޖެނިފާ ލޯރެންސްއަށް އެންމެ ފަހުން މަންމައަކަށް ވެވުނީ ދެ ފަހަރަކު ބައިގެންދިއުމަށް ފަހުގައި ކަމަށް އޭނާ ހާމަކޮށްފިއެވެ.

ލޯރެންސް 2019 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު އޭނާ އާއި ފިރިމީހާ ކުކް މަރޫނީއަށް މިއަހަރު ވަނީ ފިރިހެން ކުއްޖެއް ލިބިފަ އެވެ. އަދި ދެ މީހުންގެ އާއިލާ މިހާރު ވަރަށް ބޮޑަށް ފުރިހަމަ ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މުޅި ދުނިޔެއަށް ވެސް ވަރަށް "ޕޮޒިޓިވް" ނަޒަރަކުން ބެލޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް އެހާ ހިސާބަށް ވާސިލުވީ ވަރަށް ގިނަ ހިތްދަތިތަކާ ކުރިމަތި ލައިގެން ކަމަށް ލޯރެންސް ބުންޏެވެ. އެގޮތުން ކައިވެނި ކުރި ފަހުން ދެމީހުން ދަރިއެއް ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ދެފަހަރެއްގެ މަތިން އޭނާ ވަނީ ބައިގެންގޮސްފައެވެ. އެއާއެކު ތިންވަނަ ފަހަރަށް ބަނޑުބޮޑުވިއިރު ވެސް ހުރީ ވަރަށް ބިރުން ކަމަށް އޭނާ ބުންޏެވެ.

ލޯރެންސް އެންމެ ފަހުން ބައިގެންގޮސްފައި ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޑޯންޓް ލުކް އަޕް"ގެ ޝޫޓިން އަށް ގޮސް އުޅުމުގެ ތެރޭގައެވެ.

އެއާއެކު ދެން ދަރިއެއް ލިބޭނެ ކަމާ މެދުގައި ލޯރެންސްގެ ހިތުގައި ޝައްކު އުފެދުނު ކަމަށް އޭނާ ބުންޏެވެ. އަދި ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދަރިފުޅު ވިހެއި ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.