ކެންސަރު ބައްޔަށް މީހުން ހޭލުންތެރިކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ފަށާފައިވާ ކެމްޕެއިނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަހުމަދު، މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސްގެ ދެ ކަނބަލުން މި ކެންޕެއިން އިފްތިތާހުކޮށްދެއްވީ ކެންސާ ސޮސައިޓީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިން ގާލާ ޑިނާގައެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވަނީ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް" ތިން ބޭފުޅަކަށް ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަނީ މި އެވޯޑް އިތުރު ތިން ފަރާތަކަށް ހަވާލުކޮށްދެއްވާފައެވެ.

މި ހަފުލާގައި ރައީސްގެ ދެކަނބަލުން ވަނީ "އެވެއާނަސް ކެމްޕެއިން" އިފްތިތާހްކޮށްދެއްވައި، އެ ހަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް"ގެ ނަމުގައި ހިންގި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވައި ފަންޑްރައިސިން ގާލާ ޑިނާ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމްޢިއްޔާއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކެންސާ ސޮސައިޓީން ބުނީ މި ހަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރާނީ ކެންސާ ސްކްރީނިން ހެދުމަށާއި، ކުރިޔާލާ ކެންސަރު ބަލި ދެނެގަނެވޭނެ އަލާމާތްތަކާގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިން އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށް ކަމަށެވެ.