ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މުއާމަލާތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ޕޭއިމަންޓްސްއިން ބުނާ ގޮތުގައި ހެކަރުން ވަނީ ގާތްގަނޑަކަށް 1.5 މިލިޔަން ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގައިފައެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ވަގަށް ނަގައިފައިވަނީ އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ މައުލޫމާތު އެކަންޏެވެ. އެހެން ނަމަވެސް މި މައުލޫމާތު މިހައިރު އެ ކޮންޓިނެންޓުން ބޭރުވެއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމުގައި ވެސް އެ ކުންފުނިން ބުނެއެވެ. ގްލޯބަލް ޕޭއިމަންޓްސްއިން ބުނާ ގޮތުގައި ކްރެޑިޓް ކާޑުތަކުގެ މައުލޫމާތުން ވައްކަން ކުރި މީހުންނަށް ލިބިގަނެވުނީ ބައެއް މައުލޫމާތެވެ. އެހެން ކަމުން މީގެ ސަބަބުން މާ ބޮޑު ނުރައްކަލެއް ނެތެވެ. އެހެން ނަމަވެސް މިއީ ކުރިމަގުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ.

މި ދިޔަ ހަފްތާގައި ވިސާއިން ވަނީ އެފަރާތުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ލިސްޓުން ގްލޯބަލް ޕޭއިމަންޓްސް އުނިކޮށްފައެވެ. މިއީ އެ ކުންފުންޏަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮން ޖެހުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ބަވަނަވަމުންދާ ދުނިޔޭގައި ނަގުދު ފައިސާ ގެންގުޅުމަށް ވުރެެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ފަދަ ވަސީލަތްތައް ބޭނުން ކުރުމުން އޮންނަ ޔަގީންކަން ބޮޑުކަމަށް ވިޔަސް މަދުން ނަމަވެސް ހެކަރުންގެ ހަމަލާ މި ނިޒާމަށް އަމާޒުވެއެވެ.