ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި އެ ދާއިރާއަށް އުރީދޫއިން ކުރި ޚިދުމަތްތަކުގެ އަގުވަޒަން ކޮށްފިއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ގާލާ ހަފްލާގައި މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހެވެ. އަދި، އުރީދޫގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

އުރީދޫ އުފެދިގެން ފާއިތުވި 17 އަހަރު ތެރޭ އެ ކުންފުނިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެގޮތުން އެ ކުންފުނިން ވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއް ނެތް ގުޅުމެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި "ޑިޖިޓަލް ރިސޯޓް" އެޕް ތައާރަފުކޮށްފައެވެ. މި އެޕުގެ ޒަރީއާއިން ފަތުރުވެރިންނަށް ރިސޯޓަށް އައުމުގެ ކުރިންނާއި، ރިސޯޓުގައި ހުންނައިރު، އަދި ރާއްޖެއިން ފުރައިގެން ދާފަހުން ރިސޯޓުތަކާއެކު މުއާމަލާތް ކުރުމަށް ފަސޭހަވާނެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ތެރޭ އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް "ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި އެމްއެމްޕީއާރުސީއާއެކު ހާއްސަ ކެމްޕޭނެއް ވެސް ފަށާފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެކުންފުނީގެ 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ހުޅުވާލައިގެން ގެންދިޔަ މި ކެމްޕެއިނުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އެކި ކޮންޓެންޓު އެ ކުންފުނީގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވެއެވެ.

މި ކެމްޕޭނުގެ ދަށުން، ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން ގެސްޓްހައުސް އަކުން ހިލޭ ހުރުން ލިބޭ ޕްރޮމޯޝަނެއް މިދިޔަ އަހަރުގެ ފަހު ފަސްމަސްދުވަހު އުރީދޫއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އުރީދޫއިން މިހާރު ވެސް އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިބި އެ ކުންފުނީގެ ބައިވެރިންނާއެކު، އެ ދާއިރާގެ ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.