ކުރެއްދޫ ރިސޯޓްގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗަށްފަހު، ހެޔޮއެދޭ ފަރާތްތަކުން ގައުމީޓީމަށް ބެހުމަށް ދިން މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް އެފްއޭއެމުން ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުޅުންތެރިން ކުރަން ފަށައިފިއެވެ.

ކުޅުންތެރިން ތުހުމަތު ކުރަނީ މިދިޔަ އަހަރު ގައުމީޓީމު ކުރެއްދޫ ރިސޯޓަށް މެޗެއް ކުޅުމަށް ކުރި ޒިޔާރަތުގައި ހެޔޮއެދޭ ފަރާތްތަކުން ގައުމީޓީމަށް ހަދިޔާގެ ގޮތުގައި ދިން ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ގައުމީ ފުޓްބޯޅަ ޓީމު ކުރެއްދޫ ރިސޯޓަށް ގޮސް ކުރެއްދޫ ރިސޯޓް ޓީމާއެކު މެޗު ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހެވެ.

ކުރެއްދޫ ރިސޯޓްގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ގައުމީޓީމު މޮޅުވުމުން އުއްޗު ވަނީ ޓީމަށް 500،000 ރުފިޔާ ދެއްވާފައެވެ. މީގެ އިތުރުން މި މެޗުން ގައުމީޓީމަށް އެސްޓީއޯއިން 500،000 ރުފިޔާ، ދިރާގުން 100،000 ރުފިޔާ ވަނީ ދީފައެވެ.

ހެޔޮއެދޭ ފަރާތްތަކުން އެފްއޭއެމަށް މި ފައިސާ ޖަމާކުރި ނަމަވެސް މިހާތަނަށް ގައުމީޓީމުގެ އެއްވެސް ކުޅުންތެރިއަކަށް އަދި ޓީމުގެ އިތުރު އެއްވެސް މެންބަރަކަށް މި ފައިސާ ބަހާފައެއް ނުވެއެވެ. ގައުމީޓީމަށް ބެހުމަށް އެފްއޭއެމަށް ދިން ފައިސާ ނުބަހާތީ ގައުމީޓީމުގެ ސީނިއާ ކުޅުންތެރިން ވަނީ އެކި ފަހަރުމަތިން އެ ޝަކުވާ ކޮށްފައެވެ.

"ސަން"އާ ވާހަކަދެއްކި ބައެއް ކުޅުންތެރިން ބުނީ މިހާ ދުވަސްވީއިރު ވެސް އެ ފައިސާ ދީފައިނުވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވެވިފައިވާތީ ކަމަށް އެ މީހުން ތުހުމަތު ކުރާ ކަމަށެވެ.

"ޚިޔާނާތްތެރިނުވާނަމަ ކީއްވެގެންތޯ އެ ފައިސާ އަޅުގަނޑުމެންނަށް ނުދެނީ. އެހެންވީމަ އަޅުގަނޑުމެންނަށް މިގޮތަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތް،" ގައުމީ ޓީމުގެ ކުޅުންތެރިއަކު ބުންޏެވެ.

މި މައްސަލައިގައި މިއަދު އެފްއޭއެމް މީޑިއާ ގްރޫޕުގައި ކުރި މެސެޖެއްގައި އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވަނީ ފައިސާ ބެހުން ލަސްވަނީ އެއް ކުންފުންޏަކުން ދޭންޖެހޭ ފައިސާ ނުލިބޭތީކަމަށް ވިދާޅުވެފައެވެ. ފައިސާ ނުދީ ލަސްވާ ދެވަނަ ސަބަބެއްކަމަށް ޖަވާޒް ވިދާޅުވީ، ކުރެއްދޫ މެޗު އޮތް ދުވަސްވަރު ލަންކާގެ މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ގައުމީޓީމު ދެއްކި ކުޅުން ދަށްވުމެވެ.

"އުއްޗު އާއި އެސްޓީއޯގެ އިތުރުން ދިރާގުން ދިން ފައިސާ އެފްއޭއެމްގައި އެބަހުރި،" ޖަވާޒު ވިދާޅުވިއެވެ.

ޖަވާޒުގެ ވާހަކަތަކަށް ރައްދުދެމުން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ލަންކާ މެޗުން ބަލިވެއްޖެނަމަ އެ ފައިސާ ކުޅުންތެރިންނަށް ނުދިނުމަށް ފައިސާ ދިން ފަރާތުން ޝަރުތުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ އެ ފައިސާ ނުދޭން ދެއްކޭނެ ބަހަނާއެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބައެއް ކުޅުންތެރިން ބުންޏެވެ.

"އެ ފައިސާ އަކީ ވަކި ބަޔަކަށް ދޭން ބަޔަކު މީހުން އެފްއޭއެމާ ހަވާލުކޮށްފައިވާ އަމާނާތެއް. މީހަކަށް ރައްދުކުރަންޖެހޭ އަމާނާތެއް ނުދޭން ދެއްކޭނެ އެއްވެސް ބަހަނާއެއް އޮންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ގައުމީ ޓީމުގެ ކުޅުންތެރިއަކު ބުންޏެވެ.

މީގެކުރިން ވަނީ އެފްއޭއެމްގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ވެސް ފެންމަތިވެފައެވެ. މުސާރަ ނުލިބޭކަމުގެ ޝަކުވާ ކޮށްފައި ވަނީ ވެސް އެ މުވައްޒަފުންނެވެ.