04 Oct 2022, 23:40
ތުއްތުކުދިންނަށް ދޭ ވެކްސިނާ ބެހޭ މައުލޫމާތު އޮންލައިންކޮށް އެތަނަކުން ބެލޭނެ ގޮތް ހަމަޖައްސައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރަޖިސްޓްރޭޝަން ލޯންޗް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
މިއަދު ތާއަރާފް ކުރި ރެޖިސްޓްރޭޝަނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ނުނިސެފްގެ އެހީއާ އެކު ތައާރަފު ކުރެވުނު ރެޖިސްޓްރޭޝަނެކެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްޕޯމެއްގައި ރައްކާތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގުފަހި ކޮށްދޭނެއެވެ.
މީއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްޕޯމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރި ޑިޖިޓަލް ރެޖިސްޓްރީއެކެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިއަދު ތާއަރަފް ކުރި ޑިޖިޓަލޭޝަން ވެކްސިނޭޝަން އަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ.
"ކޮވިޑް 19 ދިފާއު ޕޯޓަލްގެ ސަބަބުން އާންމު ރައްޔިތުގެ ހާލަތު ދެނެގަތުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބިގެން ދިއުމާ އެކު ރާއްޖެއިން ބޭރުގެ ގައުމުތަކަށް ހުޅުވި، އިގްތިޞާދީ ގޮތުންނާއި އުމުރާނީ ގޮތުން ހުޅުވުމުގައި މި ޓެކްނޮލެޖީގެ ސަބަބުން ކުރި އެރުން ތަކެއްލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރަޖިސްޓްރޭޝަން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހަސަން
މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކިދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި އެކި ސެންޓަރު ތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު އެއް ރެކޯޑަކުން ފެންނާނެއެވެ. އެގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެވެ. މީގެ ސަބަބުން ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖާއަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުއި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މީގެ ސަބަބުން ގައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވާނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރެވޭތޯ ޔަގީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރެޖިސްޓްރީން މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުން ކުރެވޭނެއެވެ.
ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ މައުލޫމާތު މި ރެޖިސްޓްރީގައި ހިމަނައި ނިންމުމަށް ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހެލްތު މިނިސްޓަރު ނަސީމްގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރިޒެންޓޭޓިވް ނަޒްނީން އަންވަރު ވެސް ބައިވެރިވެ ވަޑައިގަތެވެ.