03 Apr 2012, 09:16
ކޮލަންބޯ (މާޗް 3) : އިންޑިޔާގެ ނިއުކްލިޔަރ ސްޓޭޝަންތަކުން ކުރިމަތިވެދާނެ ނިއުކްލިޔަރ ކާރިސާއަކުން ސަލާމަތްވާނެ ގޮތްތަކަކާބެހޭ ހުށަހެޅުންތަކެއް އިންޑިޔާ ސަރުކާރަށް ހުށަހަޅައިފިކަމަށް ސްރީލަންކާ ބުނެފިއެވެ.
ސްރީލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ޕަޓެއިލް ޗަންޕިކާ ރަނަވަކާ ވިދާޅުވީ ސްރީލަންކާގެ އުތުރުގެ ސަރަޙައްދުތަކާ ވަރަށް ގާތުގައިވާ ޓެމިލްނާޑޫގެ ކޫޑަމްކުލުމްގައި އިންޑިޔާއިން ނިއުކްލިޔަރ ސްޓޭޝަނެއް ބިނާކޮށްފިކަމަށާއި މި ސްޓޭޝަނުން ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރިޔަށް ދެ މަސްދުވަހުގެ ތެރޭގައި އިންޑިޔާއިން ފަށާނެ ކަމުގައެވެ.
އިންޑިޔާގެ ކޫޑަމްކުލުމް ނިއުކްލިޔަރ ސްޓޭޝަނަކީ ސްރީލަންކާގެ އެންމެ އުތުރުގެ މަންނާރު ސަރަޙައްދާ 80 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އެހެންކަމުން މިސްޓޭޝަނުން އެއްވެސް މިންވަރަކަށް ރޭޑިއޭޝަން ބޭރުވެއްޖެނަމަ އެކަމުގެ ސީދާ އަސަރު ސްރީލަންކާގެ އުތުރުގެ ސަރަޙައްދުތަކަށް ކުރާނެކަމުގެ ބިރު އެބައޮތް ކަމަށް ރަނަވަކާ ވިދާޅުވިއެވެ.
އިންޑިޔާ ސަރުކާރަށް ހުށަހަޅާފައިވަނީ ކޫޑަމްކުލުމް ނިއުކްލިޔަރ ސްޓޭޝަންގެ އިތުރުން އިންޑިޔާގެ ނިއުކްލިޔަރ ސްޓޭޝަންތަކުން ކުރިމަތިވެދާނެ ނިއުކްލިޔަރ ކާރިސާއަކުން ސްރީލަންކާއަށް ކުރިމަތިވެދާނެ ގެއްލުންތަކަކުން ސަލާމަތްވުމުގެ ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭނެއް ކަމަށާ މިހުށަހެޅުން ދިރާސާކުރާނެކަމަށް އިންޑިޔާ ބުނެފައިވާ ކަމަށް ރަނަވަކާ ވިދާޅުވިއެވެ.
އިންޑިޔާގެ ނިއުކްލިޔަރ ސްޓޭޝަންތަކުން ލީކުވާ ރޭޑިއޭޝަންގެ ލެވެލް ސްރީލަންކާގެ އުތުރުގެ ސަރަޙައްދުތަކުގައި ހުންނަ މިންވަރު އަބަދުވެސް ބެލޭނެ ނިޒާމެއް ޤާއިމްކުރުމަށް ސްރީލަންކާ މަސައްކަތްކުރަމުން ގެންދާ ކަމަށްވެސް ރަނަވަކާ ވިދާޅުވިއެވެ. ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ ޖަޔަލަލީތާ ވަނީ ކޫޑަމްކުލުމް ނިއުކްލިޔަރ ސްޓޭޝަންގެ މަސައްކަތް 2 މަސްދުވަހުގެ ތެރޭގައި ފެށުމުގެ ހުއްދަ އިންޑިޔާގެ މައިސަރުކާރަށް ދެއްވާފައެވެ.
ދުނިޔޭގެ ބާރަކަށް ވަމުންދާ އއިންޑިޔާ ގެންދަނީ އެޤައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި ނިއުކްލިޔަރ ހަކަތައަށް ވަރަށް ބޮޑަށް އިސްކަންދެމުންނެވެ. މިގޮތުން އިންޑިޔާއަށް ބޭނުންވާ ހަކަތައިގެ 30 ޕަސެންޓަކީ ނިއުކްލިޔަރ ހަކަތައަށް ހެދުމަށްޓަކައި އިންޑިޔާ ގެންދަނި މަދަނީ ނިއުކްލިޔަ ރިއެކްޓަރތައް އެޤައުމުގެ ކަންކޮޅުތަކުގައި ބިނާކުރަމުންނެވެ. -- ނޫސްއެޖެންސީތައް