04 Oct 2022, 11:18
ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ލިބުނު ގެއްލުންތަކާ ގުޅިގެން އޮންލައިންކޮށް މިއަދު ހެނދުނު ކުރިއަށް ގެންދަން ތާވާލުކޮށްފައިވާ ހުރިހާ އަޑުއެހުންތަކެއް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ކޯޓުގެ ސާވާ ރޫމަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
އޭގެ ސަަބަބުން ސާވާ ރޫމުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާތީ މިއަދުގެ ހެނދުނަށް ތާވަލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމަށް ތާވަލުކުރެވިފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ނަމަވެސް ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކުރިޔަށްދާނެކަމަަށް އެ ކޯޓުން ބުންޏެވެ.
ދާދި ފަހުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލްކޮށްފައިވާ އަޑުއެހުމެއް ވެސް ކޯޓު ރޫމުގެ ހާލަތު ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.
އޭރު ކްރިމިނަލް ކޯޓުން ބުނީ, ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށް، މާލަމުގެ އެކި ހިސާބުތަކުން ފެން ފައިބަމުން ދިއުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން ކެންސަލު ކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓު ހުންނަ އިމާރާތް ބާވެ އެތަނުގެ ފާރުތަކުގައި ރެނދުލައި ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށް ވެސް ވާރޭ ވެހޭ ކަމުގެ ޝަކުވާ ވަނީ މީގެ ކުރިން ފެންމަތިވެފައެވެ.